އެއާ އިންޑިޔާ ގަތުމަށް ހުށަހެޅި ބީލަން ޓާޓާ ކުންފުނިން ކާމިޔާބުކޮށްފި

އިންޑިޔާގެ ގައުމީ އެއާލައިން، އެއާ އިންޑިޔާ ގަންނަން ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރޭން ޓާޓާ ކުންފުނިން ބީލަން ކާމިޔާބުކޮށްފައިވާ ކަމުގައި އިންޑިޔާ ސަރުކާރުން ހާމަކޮށްފިއެވެ. ޓާޓާ އަށް އެއާ އިންޑިޔާ ވިއްކާލަން ނިންމުމާއެކު، ގެއްލުމުގައި ހިންގަމުން އަންނަ އެއާލައިން އަމިއްލަ ބަޔަކަށް ވިއްކާލަން ސަރުކާރުން އެތައް އަހަރަކުއްސުރެ ކުރަމުން އައި މަސައްކަތް ނިމުމަކަަށް އައީއެވެ.

ޑިޕާޓްމަންޓް އޮފް އިންވެސްޓްމަންޓް އެންޑް ޕަބްލިކް އެސެޓް މެނޭޖްމަންޓްގެ ސެކްރެޓަރީ ތުހިން ކަންތާ ޕާންޑޭ ވިދާޅުވިގޮތުގައި ލޮނުން ފެށިގެން ކާރަށް ދާންދެން އެތައް އުފެއްދުމެއް އުފައްދާ ޓާޓާ ކުންފުނިތަކުގެ މައި ކުންފުނި ޓާޓާ ސަންސް އިން އެއާ އިންޑިޔާގެ %100 ހިއްސާ ގަތުމަށް ހުށަހަޅާފައި ވަނީ 180 ބިލިއަން ރުޕީސް (2.4 ބިލިއަން އެމެރިކާ ޑޮލަރު) އެވެ.

މި އަގުގެ ތެރޭގައި އެއާ އިންޑިޔާގެ 8.2 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނީގެ ތެރޭން 2 ބިލިއަން ޑޮލަރުގެ ދަރަނި ހިމެނެއެވެ.

ޓާޓާ ސަންސް އިން މި ބީލަން ކާމިޔާބުކުރީ ސްޕައިސް ޖެޓް އިސްްވެ އޮވެ އުފައްދާފައިވާ ކޮންސޯޓިއަމަކާ ވާދަކޮށްގެންނެވެ.

އިންޑިޔާގެ ފުރަތަމަ ކޮމާޝަލް ޕައިލެޓް އަދި ވިޔަފާރިވެރިޔާ ޖޭއާރްޑީ ޓާޓާ 1932 ވަނަ އަހަރު އުފައްދަވައި ހިންގަވަމުުން އަަންނަނިކޮށް 1953 ވަނަ އަހަރު ސަރުކާރަށް ނެގި އެއާ އިންޑިޔާ އަމިއްލަ ފަރާތަކަށް ވިއްކާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިމިގެން ދިއުން ވެގެންދާނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް ލިބޭ ބޮޑު ކާމިޔާބީއަކަށެވެ. ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ އެއާލައިން ހިންގަމުން އައިސްފައި ވަނީ ދުވާލަކު 3 މިލިއަން އެމެރިކާ ޑޮަލަރުގެ ގެއްލުމުގައެވެ.

"އެއާ އިންޑިޔާ އަލުން ބިނާކުރަން ބޮޑު މަސައްކަތެއް ކުރަންޖެހޭކަން ގަބޫލުކުރާއިރު، މި ފުރުސަތަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ފައިތިލަ ސާބިތުކުރުމަށް ޓާޓާ ގްރޫޕަށް ލިބޭ ފުރުސަތެއްކަމަށް އުއްމީދުކުރަން." ޓާޓާއިން ބީލަން ކާމިޔާބުކުރުމާ ގުޅިގެން ދެއްކެވި ވާހަކައިގައި ޓާޓާ ގްރޫޕުގެ ޗެއާމަން ރަތަން ޓާޓާ ވިދާޅުވިއެވެ.

"ޖޭއާރްޑީ ޓާޓާގެ ވެރިކަމުގައި އެއް އިރެއްގައި އެއާ އިންޑިޔާއަކީ ދުނިޔޭގެ އެންމެ ގަދަރުވެރި އެއާލައިންކަން ވެސް ފާހަގަކޮށްލަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޓާޓާ ކުންފުނިން މިހާރުވެސް ދަނީ އެއާލައިން ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. މިހާރު އިންޑިޔާގައި ކުރިއަރަމުން އަންނަ ވިސްޓާރާ އެއާލައިނަކީ ޓާޓާއާއި ސިންގަޕޯރ އެއާލައިންސް ގުޅިގެން ހިންގާ އެއާލައިނެކެެެވެ.

އެއާ އިންޑިޔާއަކީ މަތިންދާބޯޓުގެ އަދަދަށް ބަލާއިރު އިންޑިޔާގެ އެންމެ ބޮޑު އެއާލައިނެވެ. އެއާލައިނުގައި އެކި މަރުކާގެ 127 މަތިންދާބޯޓު އެބައޮތެވެ. އެ އެއާލައިނުން އެތެރޭގެ މަންޒިލްތަކުގެ އިތުރަށް ބައިނަލްއަގުވާމީ 89 މަންޒިލަކަށް މިހާރު ދަތުރުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.