ރަށްފުށުގެ ވެރިކަމުގެ ޢާއިލާގެ ވެރިންނަކީ، އިހުޒަމާނުގައި، ރަސްކަންވާރުތަވަމުން އަންނަ ބީދައިން، ޒަމާނުއްސުރެ ވެރިކަމުގައި ދެމިތިބުމުގެ ވިސްނުމާއި ފިކުރު ގެންގުޅެމުން އައި ބަޔެކެވެ. ފިރިހެންދަރިން ވެރިކަމަށް ހާނުވައި ތަޢުލީމުދީ، ޢުމުރުހަމަވަންވާއިރަށް ވެރިކަމަށް ތައްޔާރުކުރުވުމަކީ، ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. ޢާންމުނުވާ ތަޢުލީމީ ސިޔާސަތާއި ނިޒާމެއްގެ، ޒަމާންވީ ބޯދާ ތަޞައްވުރުން، ރަށްރަށުގެ ގިނަބަޔަކު ތިބީ އިސްނަގައިގެން ކަންކަން ކުރުމުގެ ވިސްނުމުން މަޙުރޫމުކުރެވިފައެވެ. ރަށްރަށުގެ ވެރިކަމަކީ، ވަކި ޢާއިލާޔަކަށް ހުސްވެ އޮންނަންޖެހޭ ކަމެއްނޫންކަން ސާފުވެ އެނގިގެންދިޔައީ، ޒަމާނަށް އައި ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތަށް އަންނަމުންދިޔަ ބަދަލުތަކުންނެވެ. ތަޢުލީމު ޢާންމުވެ، އުނގެނުމުގެ ފުރުޞަތު ގިނަބަޔަކަށް ތަނަވަސްވެ، ސިކުނޑި ހުޅުވިގެންދިޔަ ޒަމާނީ ތަރައްޤީއާ ގުޅިގެންނެވެ.
ފިނޭ އަލްޚަތީބު އަޙްމަދު އިސްމާޢީލަކީ، ބޮޑުތިލަދުންމަތީގައި ޚާއްޞަ ޤަދަރެއްލިބިލައްވާފައިވާ ބޭކަލެކެވެ. ތިލަދުންމަތީގައި މަޝްހޫރުވެފައިވަނީ، ފިނޭ އަޙްމަދު ކަތީބުގެ ނަމުންނެވެ. ފިނޭ އަޙްމަދު ކަތީބު އުފަންވީ، މީލާދީ ސަނަތުން 1919 ވަނަ އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ. ނިޔާވީ ޢުމުރުން 66 ވަނައަހަރު، މީލާދީން 1985 ވަނައަހަރުގެ އޯގަސްޓްމަހުގެ 8 ވަނަދުވަހުއެވެ. ވަރަށްގިނަދުވަސްވަންދެން ބަލިވެ އުޅުއްވުމަށްފަހުގައެވެ. އަލްމަރްޙޫމު ފިނޭ އަޙްމަދު ކަތީބަކީ، މާލެއިން އުތުރުގައި މަޝްހޫރު، ފިނޭ ކަތީބުކަލޭފާނުގެ ޢާއިލާއަށް ނިސްބަތްވާ އެޢާއިލާގައިތިބި، 4 ފިރިހެންދަރިންކުރެ، ދެވަނަޔަށް އެންމެހަގު ދަރިކަލެވެ. ފިނޭކަތީބުކަލޭފާނަކީ، މާލެއިން އުތުރުގައި، ބޭސްވެރިކަމަށާއި ފަންޑިތަވެރިކަމަށް، އަދި މަސްވެރިކަމަށް ކިޔެވުމަށް އަރައިހުންނެވި ބޭކަލެކެވެ. މަސްވެރިކަން ދަށް ދުވަސްވަރު، އެކިރަށްރަށަށް ފިނޭކަތީބުކަލޭފާނު ގެންގޮސް މަސްވެރިކަމަށް ކިޔަވައެވެ.
ތިލަދުންމަތީ ފިނެޔަކީ، އިހުޒަމާނުގައި އާބާދީގެ މައްސަލަތަކެއް ކުރިމަތިވަމުން އައި ރަށެކެވެ. މިކަން މިޒަމާނާހިސާބަށް އައިސްފައިވަނީ، ފޯކްލޯރ ނުވަތަ ތޯތޯ ވާހަކައެއްގެ ގޮތުގައި، ނުވަތަ ތުންތުންމަތިން ދެކެވެމުންއައި ވާހަކައެއްގެ ގޮތުގައެވެ. އެވާހަކަ ފެށެނީ މިހިސާބުންނެވެ. ފިނޭގައި ވިހާކުދިންގެ ތެރެއިން ކޮންމެ ހަތަރުއަހަރަކުން އެއްއަހަރުތެރޭ ވިހާ ހުރިހައި ކުދިން، ހަތްރޭފެނުގައި މަރުވެއެވެ. މާނަޔަކީ، ވިހާތާ ހައެއްކަ ދުވަހުގެތެރޭ، އެކުދިން މަރުވެއެވެ. މިވާހަކަ ގުޅިފައިވަނީ، ފިނޭކަތީބުކަލޭފާނުގެ ފަންޑިތަވެރިކަމާއެވެ.
ފިނޭގެ އުތުރުއަވަށުގައި ސައިގެ އޭކިޔާ ގެޔެއް ހުރެއެވެ. އެގެޔަކީ، އެމަގުން އެންމެ އިރުމައްޗަށްގޮސް ވަލުތެރެޔާގުޅިފައި ހުންނަ ގެޔެކެވެ. ވަރަށްގިނައިން ލުނބޯއަޅާ، ބޮޑު ލުނބޯގަހެއް، އެގޭގައި ހުރެއެވެ. އެއީ ރަށުގައިހުންނަ ހަމައެކަނި ލުނބޯ ގަހެވެ. އެގެޔާ އެއްސީދަލަށް، ވަލުތެރެއިން ލާފައިދެވޭގޮތަށް، ފާކޮޅުމަގޭ ކިޔާ ހަނިމަގެއް އޮވެއެވެ. ސައިގޯތިން ފެށިގެން، ވަލުތެރެއިންލާފައި، އެމަގު ހުރިގޮތަށްގޮސް އަތިރިމައްޗަށް ދެވެން އޮވެއެވެ. އެއްރެއެއްގެ އިރާކޮޅެވެ. ރަށުތެރޭގައި މީހުން ރޮމުންދުވަންފަށައިފިއެވެ. ކަތީބުކަލޭފާނު އިންނެވީ، މަޣުރިބުނަމާދުކޮށްލައްވައިގެން ގެޔަށްދުރުވެ ކިޔަވާށެވެ. ކަތީބުކަލޭފާނުގެ ގެޔަކީ ކުރީގެ އިރަމާގެ އެވެ. މިހާރު، އެގެ އެހުންނަނީ، ކުރީގެ ބާއޮފީސްހުރި ތަނާދިމާއިރުމަތިން، ހެލްތު ސެންޓަރުގެވެސް އިރުމަތިން މަގެއްއޮވެފައި ފަޅަށެވެ. ކުރީގެ އާބާދީބެހިފައިއޮތް ގޮތަށްބަލާއިރު، އުތުރުއަވަށާއި ދެކުނުއަވަށް ބެދޭހިސާބު، ރަށްމެދުގައެވެ. މިހާރު އެއީ ބޮޑުމަގާއި ބަނދަރުމަގާ އަދި ރަށުގެ ހުރަހަށް އުތުރު އަވަށުގައި އޮންނަ އާމަގާއި ދެކުނުއަވަށުގައި، ތިންބުރިކަލޭފާނުގެ ޒިޔާރަތް އޮންނަ، ޒިޔާރަތްމަގާ އެއްސީދަލަށް އައިސް، ހަތަރު އަގޮޅި ބެދޭ ހިސާބުން އުތުރު އިރުމަތީ ކަންމައްޗެވެ.
ކަތީބުކަލޭފާނު ކިޔަވަން އިންނަވަނިކޮށް، ބަޔަކުމީހުން ރޮމުން ދުވަމުން އައިސް، ފާކޮޅުމަގުން އެއްޗެއް އަރައިގެން އެބަ އާދެއޭ ނަންގަތެވެ. އާނދޮނގޭއޭ ބުނުއްވައި، ފޮށާ ކޮނޑުމައްޗަށް އެއްލަވައި، އެކިޔުއްވާ އެއްޗެއް ކިޔުއްވަމުން އަވަސްއަވަހަށް، ފާކޮޅުމަގާ ދިމާއަށް ހިންގަވައިގަތެވެ. ކަމަކު ދާކަށްނެތެވެ. އަރައިގެންއެއަންނަ އެއްޗަކަށް މީހުންދިރިއުޅޭ ހިސާބަށް ނާދެވިހުރީ ކުޑަތަންކޮޅެކެވެ. ކަތީބު ކަލޭފާނު އެކިޔުއްވާ އެއްޗެއް ހަރުއަޑުން ކިޔުއްވަމުން، ރައްޔިތުންނާ އަރައިގެން އެއަންނަ އެއްޗަކާ ދެމެދަށް، އެއެތީގެ ކުރިމައްޗަށް އެރުއްވިއެވެ. ރައްޔިތުން ތިބީ ކަތީބުކަލޭފާނުގެ ފަހަތުގައެވެ. ކޮންމެ މީހަކުވެސް އެމީހަކަށް އެނގޭ ހެޔޮ އެއްޗެއްވިއްޔާ ކިޔަވަމުން ގެންދިޔައެވެ. ކަތީބުކަލޭފާނު އެކިޔުއްވާ އެއްޗެއް ހަރުއަޑުން ކިޔުއްވަމުން، ކޮނޑުގައިއޮތްފޮށާ އެ އެއްޗަކާދިމާއަށް ހޫރުވަމުން، ބައެއްފަހަރަށް އެއެތީގެ ގައިގާ ތަޅުއްވަމުން ފަހަތަށް ޖައްސަވަމުން ގެންދެވިއެވެ. އެންމެފަހުން، ފޮށައިން ތަޅުއްވަމުން ގެންގޮސް މޫދާހަމަޔަށް އެސޮރު ގެންދެވިއެވެ. ކަތީބުކަލޭފާނުގެ ކިޔެވެލި އޭރުވެސް ކުރިޔަށް ގެންދަވައެވެ. އެހިސާބުން، އެދިމާ އުރަފަށަށް އެސޮރު ގެނބިގެންދިޔައެވެ. އެސޮރު ގެނބިގެންދަމުން، " ހަތަރުއަހަރުން އެއްއަހަރު އަންނާނަމޭ " ގޮވައިލިކަމަށް ވެއެވެ. އޭގެފަހުން ހަތަރުވަނަޔަށްވީއަހަރު، ފިނޭގައި ވިހޭ ހުރިހައިކުދިން ޅަފަތުގައި މަރުވިއެވެ. އަދި އެއަށްފަހުވެސް، ހަތަރުވަނަޔަށްވާ އަހަރު ވިހާހުރިހައި ކުދިން، އެންމެ ކުއްޖަކުވެސް ސަލާމަތްނުވެ ދަނީ މަރުވަމުންނެވެ. މިކަމަށް ހުއްޓުމެއް އައީ، ދިމާމަގުގައި މިހާރު އެހުންނަ ކުޑަމިސްކިތް، ނުވަތަ ކުރީގެ ހުކުރު މިސްކިތް ބިންގާއެޅި ހިސާބުންނެވެ. އޭގެކުރިން ހުކުރު ކުރަމުން ގެންދިޔައީ ޒިޔާރަތް މިސްކިތުގައެވެ. ޒިޔާރަތް މިސްކިތް މިހާރުވަނީ އުވައިލެވިފައެވެ.
ފިނޭގެ އާބާދީއަށް ހެޔޮބަދަލެއް އައީ، ދިމާމަގުގައި މިހާރު އެހުންނަ ކުރީގެ ހުކުރު މިސްކިތުގެ ބިންގާ އެޅުނު ހިސާބުންނެވެ. އެމިސްކިތުގެ ބިންގާ އެޅުނީ 1960 ގެ ކުރީކޮޅުގައެވެ. ބިންގާ އަޅުއްވައިދެއްވީ، އޭރުގެ ފަނޑިޔާރު މަނިކުފާނު، ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލުދީދީއެވެ. ފިނޭގެ އާބާދީއަށް ދިރުންލިބި، އާބާދީ އިތުރުވަމުން ދިޔައީ އޭގެ ފަހުންނެވެ. އިހުޒަމާނުގައި 40 ހަމަނުވެގެން ހުކުރު ނުކުރެވޭ ތަންވެސް އާދެއެވެ. ހުކުރު ދުވަހާ ދިމާކޮށް ރައްޔިތުން، ހުކުރުދުވަހު ރަށުން ބޭރަށް ދިއުން މަނާކުރެވެއެވެ. މިމިސްކިތުގެ ބިންގާ އެޅުނުއިރު، ފިނޭ އަޙްމަދު ކަތީބަކީ އޭރު ކުޑަކަތީބެވެ. ކަތީބަކަށް ހުންނެވީ އެއްބަނޑު ބޭބެ، އިބްރާހީމް މޫސާފުޅު ނުވަތަ އިބްރާހީމްފުޅު ކަތީބެވެ.
ފިނޭ އަޙްމަދު ކަތީބަކީ، ފިނޭގެ ނައިބުކަމާއި، ކުޑަކަތީބުކަމާ އަދި ކަތީބުކަން ކުރައްވާފައިވާ ބޭކަލެކެވެ. މީގެ އިތުރަށް، ތިލަދުންމަތީ ދެކުނުބުރީގެ ވަރަށްގިނަ ރަށްރަށުގެ ނައިބުކަން ވަގުތީގޮތުން އަދާކުރައްވާފައި ވެއެވެ. ރަށެއްގެ ނައިބަކު ޗުއްޓީނަންގަވައިފިނަމަ، ނުވަތަ ނައިބަކުނެތް ރަށްރަށުގައި އެވަގުތަކަށް ވަގުތީގޮތުން ނައިބަކު ކުރައްވަންޖެހޭ މަސައްކަތްތައް ބަލަހައްޓަވާފައި ވެއެވެ. މީގެ އިތުރަށް، ރަށްރަށުގެ ކަތީބުން ޗުއްޓީ ނެންގެވުމުން ނުވަތަ ކަތީބަކުނެތް ރަށްރަށުގައި، ވަގުތީގޮތުން ކަތީބުކަން ކުރައްވާފައި ވެއެވެ. ކުޅުދުއްފުށި ފިޔަވައި، ފިނޭ އަޙްމަދު ކަތީބު، ވަގުތީގޮތުން ވެރިކަން އަދި ނައިބުކަން ނުކުރައްވާ ރަށެއް ތިލަދުންމަތީ ދެކުނުބުރީގައި ނުވެއެވެ. ތިލަދުންމަތީ އިތުރުބުރީގައި، ތިލަދުންމަތި ދެބައިނުކޮށް އެއްކޮށް އޮތްއިރު، ފިނެއާ ކައިރި ރަށްރަށުގެ ވެރިކަމާއި ނައިބުކަންވެސް ކުރައްވާފައި ވެއެވެ.
ފިނޭ އަޙްމަދު ކަތީބުގެ ޢާއިލާއަކީ، އިހުޒަމާނުއްސުރެ، ރަށުގައި ވެރިކަންކުރަމުން އައި ޢާއިލާއެވެ. އެއްބަނޑު، ވަކިބަފާ އިބްރާހީމް މޫސާފުޅަކީ، ރަށުގެ ކަތީބުކަންކުރައްވާފައިވާ ބޭކަލެކެވެ. އިބްރާހީމްފުޅު ކަތީބެވެ. އޭރު، އަޙްމަދު ކަތީބު ހުންނެވީ ކުޑަކަތީބުކަމުގެ މަޤާމުގައެވެ. އެއީ އަޙްމަދުކަތީބަށްވުރެ، އިބްރާހީމްފުޅު ކަތީބު ދޮށިވީމައެވެ. އަޙްމަދު ކަތީބަށް ކަތީބުކަން ލިބިލެއްވީ، އިބްރާހީމްފުޅު ކަތީބު ވަޒީފާއިން ވަކިކުރެއްވީމައެވެ. އިބްރާހީމްފުޅުކަތީބު ވަޒީފާއިން ވަކިކުރެއްވީ ރިޔާސީ އިންތިޚާބެއްގައި، ފެންނަ ނުފެންނަ ވޯޓެއްގައި ފިނެއިން ނުފެންނަ ކަމަށް ގިނަވޯޓު ލިބިގެންނެވެ. ފިނޭ އަޙްމަދު ކަތީބާ އެއްބަނޑު ކޮއްކޮ އާދަމްފުޅަކީ، ފިނެއާ ޖެހިގެން އޮންނަ ހިރިމަރަދޫގެ ކަތީބެވެ. ފިނޭ ކަތީބުކަލޭފާނުގެ ޢާއިލާއަށް ނިސްބަތްވާ ފިރިހެންދަރިންކުރެ، ދެންހުރީ ދޮންޢަލީ އެވެ. ދޮންޢަލީއަކީ ވެރިކަމަށް ތައްޔާރުކުރެވުނު ބޭކަލަކަށް ނުވާތީ، ރަށުގައި ކުރައްވަމުންގެންދެވީ ޢާންމު މަސައްކަތްތަކެވެ. ވަރަށް ހީވާގި މުރާލި ބޭކަލެކެވެ. އިބްރާހީމްފުޅު ކަތީބުގެ ހުރީ އެންމެ ފިރިހެންދަރިކަލެކެވެ. އެއީ ޢަބްދުއްލަތީފު އިބްރާހީމެވެ. ދެންތިއްބެވީ 4 އަންހެންކުދިންނެވެ. ޢަބްދުއްލަތީފު އިބްރާހީމަށް 25 އަހަރުވުމާއެކު ރަށުގެ މުދިމްކަން ލިބިލެއްވިއެވެ. އަދި އެއަށްފަހު، ރަށުގެ ކަތީބުކަންވެސް، ޢަބްދުއްލަތީފު އިބްރާހީމް އަދާކުރެއްވިއެވެ. ކަތީބުކަން ދޫކޮށްލެއްވުމަށްފަހު ރަށުގެ މުދިންކަންވެސް ކުރެއްވިއެވެ. ޢަބްދުއްލަތީފު އިބްރާހީމްގެ ކުދިންކުރެ ދެފިރިހެންކުދިންނަކީ، ރަށުގައި މިހާރު ހުރި ދެމިސްކިތުގެ މުދިމުންނެވެ.
ފިނޭ އަޙްމަދު ކަތީބު، ޢާއިލާގެ ވެރިކަން ދެމެހެއްޓެވުމަށްޓަކައި، އޭނާގެ ފިރިހެން ދަރިންވެސް ވެރިކަމަށް ތައްޔާރުކުރައްވައި، ދީނީ ތަޢުލީމުދެއްވުމަށް އިސްކަންދެއްވާފައި ވެއެވެ. ފިނޭ އަޙްމަދު ކަތީބަށް، 3 ކައިވެންޏަކަށް 18 ކުދިން ލިބިލައްވާފައި ވެއެވެ. ލިބިލެއްވި 18 ކުދިންގެ ތެރެއިން، ފުރާވަރުންފެށިގެން ބޮޑުވެފައިވަނީ ދެފިރިހެން ކުދިންނާއި 3 އަންހެންކުދިންނެވެ. އެހެންހުރިހާކުދިން ޅަފަތުގައިވަނީ ނިޔާވެފައެވެ. ބޮޑުވި ކުދިންގެތެރޭގައި ހިމެނޭ ދެފިރިހެންކުދިންކުރެ އެއްކުއްޖަކީ، އަލްމަރުޙޫމް ޢަބްދުލްކަރީމް އަޙްމަދެވެ. އޭނާވަނީ ފިނޭގެ ނައިބުކަން ކުރައްވާފައެވެ. ދުވަސްކޮޅަކު ފިނޭގެ ނައިބުކަން ކުރެއްވުމަށްފަހު، ރަށުގެ ވެރިކަމަށް މާބޮޑު ޝަޢުޤުވެރިކަމެއް ނެތުމާގުޅިގެން، މާލެޔަށް ދިރިއުޅުން ބަދަލުކުރައްވައި ނިޔާވުމާހަމަޔަށް މާލޭގައި ކުރެއްވި މަސައްކަތަކީ، ފެހުމުގެ މަސައްކަތެވެ. ދެންހުރި ފިރިހެންދަރިޔަކީ އަޅުގަނޑު، ފާރޫޤު އަޙްމަދެވެ. ފިނޭ އަޙްމަދުކަތީބަށް ލިބިލެއްވި ދަރިންކުރެ ބޮޑުވި 3 އަންހެންދަރިންގެ ތެރެއިން އެއް އަންހެންދަރި، ޝިރުމީނާ އަޙްމަދަކީ، ރަށުގެ މިހާރުގެ ފެމިލީ ހެލްތު އޮފިސަރެވެ. 3 އަންހެންދަރިންކުރެ، އަންހެންކުދިންނަށް، އޭރު ދެވެންހުރި ތަޢުލީމުގެ ތެރެއިން، ކިޔެވުމުގެ ފުރުޞަތު ލިބުނީ، މިހާރުވެސް ރަށުގެ ފެމިލީ ހެލްތު އޮފިސަރުގެ ވަޒީފާ އަދާކުރަމުންގެންދާ، ޝިރުމީނާ އަޙްމަދަށެވެ. މިވަގުތު ފިނޭގެ އާބާދީއަކީ، 594 އެވެ. އެއީ އަންހެން 310 އާއި ފިރިހެން 284 މީހުންނެވެ.
ޢަބްދުލްކަރީމް އަޙްމަދުގެ ފަރާތުން، ޒަމާނުއްސުރެ ޢާއިލާއަށް ފުރޮޅެމުންއައި ވެރިކަމަށް ޝަޢުޤުވެރިކަމެއްނެތުމާއެކު، ފިނޭ އަޙްމަދުކަތީބުގެ ވިސްނުމުގައި، އޭނާނެތުމަށްފަހު، ރަށުގެވެރިކަމަށް ދެން އަންނާނީ އަޅުގަނޑުކަމަށް ނިންމެވިއެވެ. އަދި އަޅުގަނޑުގެ ޢުމުރުން އެންމެ 5 އަހަރުގައި، ރަށުގެ އެހެން ދެކުއްޖަކާއެކު ޚިތާނުކޮށް ނަކަތްގެ ލެއްވުނެވެ. ތިންކުދިންވެސް، ޚިތާނުކުރެއްވީ ބައްޕައެވެ. 1964 ވަނައަހަރު، ޚިތާނު ކުރުމަށްފަހު، ދީނީ ތަޢުލީމު ދަސްކޮށްދިނުމަށްޓަކައި ފާދިއްޕޮޅު ނައިފަރަށް، ކިޔަވަން ފޮނުވުނެވެ. އޭރު އަޅުގަނޑުގެ ޢުމުރުން އެންމެ 5 އަހަރެވެ. ހަނދާނުގައި، އެދުވަސްވަރުގެ ކަންކަން ހަރުލާފައިހުރީ ވަރަށް ކުޑަކޮންނެވެ. އެދުވަސްވަރު، ނައިފަރަކީ، ތަޢުލީމުގެ ރޮނގުން މުޅިރާއްޖެއިންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރަށްރަށުގެ ވެރިކަމުގެ ޢާއިލާގެ ވަރަށްގިނަކުދިން، އެއިރުވެސް ނައިފަރުން ކިޔަވަމުން ގެންދެއެވެ. ނައިފަރުގައި، 7 އަހަރު ކިޔަވަންހުރެ، މާލެޔަށް އަޅުގަނޑުގެ ކިޔެވުން ބަދަލުކުރެވުނެވެ. މާލޭގައި ކިޔަވަމުންއައިސް، ރާއްޖެތެރޭގެ ރަށެއްގެ ވެރިކަމަށް ބޭނުންވާ ހުރިހައި ސަނަދުތަކެއް، ޢުމުރުން 17 އަހަރުގައި، ނެގުނެވެ. އެހެންނަމަވެސް، ރަށްރަށުގެ ވެރިކަމުގެ ވަޒީފާ، އޭރު ދެވެނީ ޢުމުރުން 25 އަހަރުވީމައެވެ. އެހެންކަމުން، ބައްޕަގެ ހުވަފެން ޙަޤީޤތަކަށްވާން 8 އަހަރު އޮތެވެ. ދެއަހަރެއްހައި ދުވަސްވީތަނާ، ބައްޕަގެ ވަޒީފާ ގެއްލުނެވެ. ރިޔާސީ އިންތިޚާބެއްގެ ފެންނަ ނުފެންނަ ވޯޓުގައި، އަލްފާޟިލް އިބްރާހީން ނާޞިރު ރައީސްކަމުގައި ހުންނަވަން ނުފެންނަކަމަށް، ފިނޭ ރައްޔިތުންކުރެ ގިނަބަޔަކު ވޯޓުލުމާގުޅިގެން، އަޙްމަދު ކަތީބު، ވަޒީފާއިން ވަކިކުރެއްވީއެވެ. އަލްމަރްހޫމު އިބްރާހީމް ނާޞިރުގެ ވެރިކަމުގައިިނެގޭ ރިޔާސީ ވޯޓުގައި ކަންހިނގާގޮތަކީ އެއީއެވެ. އިބްރާހީމް ނާޞިރު ރައީސްކަމުގައި ހުންނަވަން ނުފެންނަކަމަށް، ރައްޔިތުން ވޯޓުދޭ ރަށްރަށުގެ ވެރިން ވަޒީފާއިން ވަކިކުރައްވައެވެ. އެކަމަކީ، އެދުވަސްވަރު، ރަށްރަށުގެ ނުފޫޒުގަދަ މީސްމީހުން ގުޅިގެން ރާވައި، ރައްޔިތުންގެ ވިސްނުމާކުޅެ، ރަށްރަށުގެ ވެރިންކުރެ އެބަޔަކު ހިތްހަމަނުޖެހޭ ވެރިން ވަކިކުރުމަށް އޮންނަ ފުރުޞަތެއްކަމަށް އޮންނަނީ ވެފައެވެ. ފިނޭ އަޙްމަދު ކަތީބުގެ ވަޒީފާވެސް ވަކިވެގެންދިޔައީ އެފަދަ ގޮތަކަށެވެ. އަދި، އޭގެކުރިން، އިބްރާހީމްފުޅުކަތީބުގެ ވަޒީފާވެސް ގެއްލިގެންދިޔައީ ފެންނަ ނުފެންނަ ވޯޓެއްގައެވެ. އަދިހަމައެފަދައިން، ފިނޭ އަޙްމަދު ކަތީބާ އެއްބަނޑު، ހިރިމަރަދޫ އާދަމްފުޅުކަތީބުގެ ވަޒީފާވެސް ގެއްލިގެންދިޔައީ ފެންނަ ނުފެންނަ ވޯޓެއްގައެވެ. ވެރިކަމުގެ ޢާއިލާތަކާ ދެކޮޅުވިސްނުމުގެ މީހުން އެކިރަށްރަށުގައި ވަކިވަކިން އުޅެއެވެ. އަދި ވެރިކަމާތޮޅެ، ވެރިކަންކުރަން އުނދަގޫކޮށް، ވެރިކަމުން ދުރުކުރަން ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން އެބައިމީހުން ހިފަމުން ގެންދެއެވެ.
ޢާއިލީވެރިކަން ދެމެހެއްޓުމަށްޓަކައި، ފިނޭ އަޙްމަދު ކަތީބު ކުރެއްވިމަސައްކަތަށް އޭގެފަހުން ހުރަސްތަކެއް ކުރިމަތިވިއެވެ. ފިނޭ އަޙްމަދު ކަތީބު ވަޒީފާއިން ވަކިކުރެއްވުމާގުޅިގެން ފިނޭގެ ވެރިކަން ވަގުތީގޮތުން ޙަވާލުކުރެވުނީ، ވައިކަރަދޫ ކުޑަކަތީބު ކަމުގެ ވަޒީފާގައި ހުންނެވި ޢަބްދުލްޣަފޫރާއެވެ. ދުވަސްކޮޅެއްނުވެ، ފިނޭ ކަތީބުކަމުގެ ވަޒީފާއަށް، ނޮޅިވަރަމް މުޙައްމަދު ޙުސައިން ހަމަޖެހި، އަދި ފިނޭ ކުޑަކަތީބުކަމުގެ ވަޒީފާއަށް ވައިކަރަދޫ ޢަބްދުލްޣަފޫރު ހަމަޖެހިގެންދިޔައެވެ. މިދެބޭކަލުންވެސް ފިނެއިން މީހުންނާ ކައިވެނިކުރައްވައިފިއެވެ. އެހިސާބުން، ފިނޭ އަޙްމަދު ކަތީބު، އޭނާގެ ޢާއިލާ، ފިނޭގެ ވެރިކަމުގައި ދެމިއޮތުމަށް ކުރެއްވި އުއްމީދު ފެނަށްވެގެންދިޔައެވެ. އެހެންނަމަވެސް، ފިނޭ އަޙްމަދު ކަތީބު، އޭނާ ކުރައްވަމުންގެންދެވި އުއްމީދުތައް ޙަޤީޤަތަކަށް ހެއްދެވުމަށް ބުރަމަސައްކަތްތަކެއް ކުރެއްވިއެވެ. ނެއްލައިދޫގެ ކަތީބުކަމުގެ ވަޒީފާ ހުސްވުމާގުޅިގެން، އަޅުގަނޑު އެވަޒީފާއަށް ހަމަޖެއްސެވުމަށް، އާދަޔާޚިލާފު މަސައްކަތްތަކެއް ކުރެއްވިއެވެ. އެއިރު، ރަށްރަށުގެ ވެރިކަމުގެ ވަޒީފާ ހަމަޖައްސަނީ ޢުމުރުން 25 އަހަރުވީމައެވެ. އެހެންނަމަވެސް، އަޅުގަނޑުގެ ޢުމުރުން 20 އަހަރުގައި، ސަރުކާރުގައި ތިއްބެވި ބައްޕަގެ ރައްޓެހި ބޮޑެތި ބޭބޭފުޅުން އަރިހަށް ދުރުވެ، ނެއްލައިދޫ ކަތީބުކަމުގެ ވަޒީފާ ހަމަޖެއްސެވިއެވެ. ޢުމުރު ދޮށިކޮށްގެންނެވެ. އެބޭފުޅުން ވިދާޅުވެފައޮތްގޮތުގައި، ފިނޭގައި ތިބި ދެ ވެރިންނަކީ، ބޭރުރަށްރަށުގެ ވެރިންކަމަށްވާތީ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ނެއްލައިދޫ ވަޒީފާއިން، ފިނޭގެ ވެރިކަމަށް އަޅުގަނޑު ބަދަލު ކުރެވޭނެއެވެ. އެހެންނަމަވެސް، އަހަރެއްހައިދުވަސްވީއިރުވެސް، އެކަންއެގޮތަކަށް ނުހިނގިއެވެ.
އެހިސާބުން، އަޅުގަނޑުވެސް މާލެއަށް ބަދަލުވެ، މާލޭގެ އޮފީސްތަކުގައި ވަޒީފާއަދާކުރަން ފެށީއެވެ. ބައްޕަ ކުރެއްވި ބުރަމަސައްކަތުގެ ނަތީޖާ އެންމެ ފޮނިނޫންނަމަވެސް، ބައްޕަޔަށްޓަކައި ރަށެއްގެ ވެރިކަން ކުރީމެވެ. އަދި އެއަށްފަހު، މަދުދުވަސްކޮޅެއްގެ ތެރޭގައި، ސަރުކާރުގެ އެކި އޮފީސްތަކުގެ އިސްވެރިންގެ ފެންވަރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދިއުމާއެކު، ބައްޕަގެ ހުވަފެން، ޙަޤީޤަތަކަށް ހެދިފައިވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ކިޔެވުމަށް ބަލާއިރު، ޢުމުރުން އެންމެ 5 އަހަރުގައި ފެށި ދީނީ ތަޢުލީމުންފެށިގެން، އިންޑިއާއިން ނޫސްވެރިކަމާއި އެމެރިކާއިން، ތިމާވެއްޓާބެހޭ ނޫސްވެރިކަމާ އަދި، އިޓަލީވިލާތުން ޕްރޮޖެކްޓް މެނޭޖްމަންޓް ކަމާއި އިނގިރޭސި ވިލާތުގެ ވޭލްސް ޔުނިވަރސިޓީގެ އެމްބީއޭ އާ ހަމަޔަށް ގެންދެވުނެވެ. ލިޔުންތެރިކަމަށްބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރުފުރުމުގެ މުނާސަބަތުގައި، އަޅުގަނޑުގެ ނޫސްވެރިކަމުގެ ޚިދުމަތުގެ އަގު ވަޒަންކުރެވިފައި ވެއެވެ. ވެރިކަމަށް ބަލާއިރު، ރަށެއްގެ ވެރިކަމުންފެށިގެން، ސަރުކާރުން ބޭރު ޤައުމެއްގައި އުފެއްދެވި ވިޔަފާރި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރ ކަމާއި ޗެއަރމަންކަން ކުރެވުނެވެ. ސަރުކާރުގެ ދަތުރުތަކާއި އަމިއްލަ އެކި ބޭނުމުގައި، ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހައި ރަށަކަށް ދެފަހަރަށްވުރެ ގިނައިން ޒިޔާރަތްކޮށް، ދުނިޔޭގެ 37 ޤައުމަކަށް އެކިފަހަރަށް ޒިޔާރަތްކުރުމުގެ ނަޞީބުވަނީ ލިބިފައެވެ. އެހެންކަމުން، ޢާއިލީ ވެރިކަމުން ބައްޕަދެކިލައްވަން ބޭނުންވި، ވެރިކަމުގެ ތަޞައްވުރު އަޅުގަނޑަށް ފުރިހަމަކުރެވިފައިވާކަމަށް ޤަބޫލުކުރެވެއެވެ.
ރަށުގެ ވެރިކަމުގެ ވަޒީފާލިބޭނެ ފުރުޞަތުތައް ތަނަވަސްވެ، ރަށުގެ ކަތީބުކަމާއި އެނޫންވެސް އެފަދަ މަޤާމުތައް އެކިދުވަސްވަރު، ހުސްވަމުން ދިޔައެވެ. އެހެންނަމަވެސް، އެއިރު އަޅުގަނޑުހުންނަންޖެހުނީ، ސަރުކާރުގެ ޒިންމާދާރު އިސްމަޤާމުތަކުގައި، އެމަޤާމުތަކަށް ހޭނި، ވަޒީފާގެ ޒިންމާއާއި މަސްއޫލިއްޔަތު ދޫކޮށްލަން އުނދަގޫ ޙާލަތެއްގައެވެ. އަޅުގަނޑުމެން ޅައިރު، އިމާމުވެ ހުކުރު ކުރެވެނީވެސް 25 އަހަރުވުމުންނެވެ. އެހެންނަމަވެސް، ސަރުކާރުން ދެއްވި ޚާއްޞަ ހުއްދައެއްގެ ދަށުން، ތުނބުޅީގައި އެންމެ އިސްތައްޓެއްވެސް ނުފަޅައިހުއްޓާ، ޢުމުރުން އެންމެ 16 އަހަރުގައި، އަޅުގަނޑަށް އިމާމުވެ ހުކުރު ކުރެވޭނެގޮތް ހަމަޖެހުނެވެ. އަދި މިހާރު، މާލެފިޔަވައި، ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހައި ރަށެއްގައި ހުކުރުކުރުމުގެ ހުއްދަ އަޅުގަނޑަށް އޮވެއެވެ. އަދި ރަށަށް ދިއުމުން، ރަށުގައި އިމާމުވެ ހުކުރު ކުރުމުގެ ފުރުޞަތު މިހާރުވެސް ލިބެއެވެ. އެހެންކަމުން، ރަށެއްގެ ވެރިކަމުގެ ޢާއިލާއަކަށް އުފަންވެ، ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގައި، އަޅުގަނޑަށް ކާމިޔާބީތަކެއް ޙާޞިލްކުރެވިފައިވާކަމުގައި، އަޅުގަނޑުގެ އަމިއްލަ ނަފުސު ޤަބޫލުކުރާވަރަށް ގެންދެވިއްޖެކަމަށް ޤަބޫލު ކުރެވެއެވެ.
ފިނޭ އަޙްމަދު ކަތީބަކީ، ވެރިކަމުގެ އިތުރަށް، ދިރިއުޅުމަށް ބޭނުންވާ ހުރިހައި ކަމެއްގައިވެސް ފަސްމީރުކުރިރުކެކެވެ. ތެދުއުއިވަޑާން ކުރައްވައެވެ. ކިއްސަރު ވަޑާންކުރައްވައި އޮޑިދޯނިފަހަރު ބަންނަވައެވެ. ރާނައި ސިމެންތި ޖައްސަވައެވެ. ފިނޭ އަޙްމަދު ކަތީބުގެ ގެޔަކީ ދިމާމަގުން އެންމެ އަތިރިޔަށް، ހުޅަނގަށް ކުރިންހުރި ގެޔެވެ. މިހާރު އެގެހުރީ ދިމާމަގުން، އަތިރިން ދެވަނަ އަށެވެ. ނަންރީތިގެ އެންމެ ފުރަތަމަ ހެއްދެވީ ފަނުންނެވެ. އެހެން ނަމަވެސް އަމިއްލައަތުން ދެބުރިޔަށް ރާނުއްވައި ދެފުރާޅަށް ހިޔާކުރެއްވިއެވެ. ދިޔާ ހަކުރު ބޭނުންކުރައްވައި، ކުރައްޖާއި ރޯނު ބޭނުންކުރައްވައިގެން އޭރުގެ ގޮތަށް ކޮންކްރީޓް ކުރައްވައިގެން ދެބުރިޔަށް ގެ ހެއްދެވިއެވެ. އެގެޔަކީ، ފިނޭގައި އެންމެ ފުރަތަމަ ދެބުރިޔަށް ޢިމާރާތްކުރި ގެޔެވެ. އަދި ތިލަދުންމަތީގައި، ދެބުރިއަށް ޢިމާރާތްކުރެވުނު ފުރަތަމަ ބިނާތަކުގެ ތެރޭގައި އެގެ ހިމެނެއެވެ. އެއީ މީގެ 70 ވަރަކަށް އަހަރު ކުރިންނެވެ. އަދި އެއީ ފުރަތަމަ ފަހަރަށް ފިނޭގައި ހަތަރުފުރާޅަށް ހިޔާކުރި ޢިމާރާތެވެ. ފިނޭ އަޙްމަދު ކަތީބަކީ އަތުމަސައްކަތާއި އަތްތެރިމަސައްކަތްވެސް ކުރެއްވި ބޭކަލެކެވެ. އެކަނިމާއެކަނި ވަދާ ނުކުންނަވައި ވަދުމަސް ބާނުއްވައެވެ. ގިނައިން ބޭނިއްޖެނަމަ، ބޭނުންވާ ވަރަށް ނަންގަވާފައި، ގާތްތިމާގެ މީހުންނަށް މަސް ދެއްވައެވެ. ކަނބުރުވެރިކަމާއި ތިލޭރުކަން ކުރައްވައެވެ. ފަންގެ ވިންނަވައެވެ. ވަލުގައި ރުއްގަސް އިންދަވައެވެ. ނިޔައުވިއިރު، ގިނަ ރުއްގަނޑުތަކަކާއި ކެޔޮވާ އޮތެވެ.
އެޒަމާނުގައި، ބޮޑުތިލަދުންމައްޗަށް އަރައި ކަނޑުމައްޗަށް ނުކުމެއްޖެނަމަ، 5 ރިޔާ ނުފެންނަ ހިސާބަކަށް ނުދެވޭނެއެވެ. މާނަޔަކީ، އަބަދުވެސް ކަނޑުމަތީގައި 5 ދޯނި ދަތުރުކުރާތަން ފެންނާނެއެވެ. ފިނޭ އަޙްމަދު ކަތީބު، އެންމެފުރަތަމަ، ދެމަސްދޯނި ދުއްވެވިއެވެ. އޭގެފަހުން، މާލެދަތުރުކުރާ ބައްތެއްޔެއް ދުއްވެވިއެވެ. ނެވިކަން ކުރައްވައެވެ. " ބެހިގެން " ގާލީއަށް ދުރުވިއެވެ. ނުވަތަ ދަތުރުކުރެއްވިއެވެ. އެދުވަސްވަރަކީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ބައްތެލިފަހަރު، ބެހިގެން ކޮއްޗެ އަށާއި ގާލީއަށް ދަތުރުކޮށް، ރާއްޖޭގައި އުފައްދާ ތަކެތި އެތަންތަނަށް ވިއްކައި، ރާއްޖެއިން ބޭރުން މުދާ ގެނައުމުގެ ސަގާފަތެއް އޮތް ދުވަސްވަރެކެވެ. ފިނޭ އަޙްމަދު ކަތީބުވަނީ، އެކަންވެސް ކުރައްވާފައެވެ.
ރަށުގެ ވެރިކަން ކުރައްވަމުން، ފިނޭ އަޙްމަދު ކަތީބު ނުކުރައްވާކަމެއް ނުވެއެވެ. އޮފީސްމަސައްކަތް ބަރާބަރަށް ނިންމަވައި، ކުރިންވެސް ދެންނެވިހެން، ގެ ރާނުއްވައި، ބޮއްކުރައާއި ވަދުދޯނިފަހަރު ބަންނަވައި، ވަލުގައި ރުއްގަސް އިންދަވައި ހެއްދެވިއެވެ. އޭނާއަކީ، ވަރަށް ބަސްމަދު، ޢަމަލުގިނަ ބޭކަލެކެވެ. ޢާއިލާގެ އެހެން މީހުންނެކޭ އެއްގޮތަށް، ބަސްމަދު ވުމާއެކު، ރަށުގައި ވާހަކަދައްކައިއުޅޭ މީހުން މަދުވާނެއެވެ. ރަޙުމަތްތެރިންގެ ގޮތުގައި އުޅޭނީ ދެތިން މީހެކެވެ. ކުރައްވާ މަސައްކަތްތައް ގިނައިން ކުރައްވާނީ އަމިއްލަޔަށް އަމިއްލަ އަތުންނެވެ. ކުރަން އެނގިނުލައްވާކަމެއް ނޯންނާނެއެވެ. އެހެންމީހެއްގެ އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި ބޭނުންކުރައްވާނީ، ޢަބްދުލްކަރީމް ކިޔާ ޖާނުން ވަރުގަދަ ޒުވާނެކެވެ. ކާންދީފައި ބިޑިބޯން ދިނީމަ އެސޮރަށް ފުދެއެވެ. ހެނދުނުއްސުރެ އިރުއޮއްސެންދެންވެސް ވަރުބަލިވުމެއްނެތި، އެސޮރު މަސައްކަތުގައި އުޅޭނެއެވެ. އަޙްމަދު ކަތީބު އަމިއްލަޔަށް އަމިއްލައަތުން ކުރައްވާ މަސައްކަތްތަކުގައި އެންމެބޮޑު އެހީތެރިޔަކީ އެސޮރެވެ. މިއީ ފިނޭގެ ތާރީޚަށްޓަކައި ބައްޕަގެ ހަނދާނުގައި އަޅުގަނޑުގެ ޤަލަމުން ކުރަހައިލެވުނު ތަޞްވީރެކެވެ.
Bayakah jehsumehtha thi kurani..
Kaiveni kuri adhadhu jahaslinsma v.furihama vees
އިބުރަތުން ފުރިގެންވާ ލިޔުމެއް.މިހާރުގެޖީލުތަކަށް ނޭގި ހުރި އެތަށް މައުލޫމާތު ތަކެތް ލިބިގެންދާނެ. އަބަދުވެސް މިފަދަ ލިޔުން ތަކަކަށް އިންތިޒާރުކުރަން.