ފަލަސްޠީނުގައި ދެ ދައުލަތުގެ ހައްލަށް ރައީސު ބައިޑަން ތާއީދުކުރައްވައިފި

އެމެރިކާގެ ރައީސު ޖޯ ބައިޑަން އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި އިއްޔެ ވާހަކަފުޅުދައްކަވަނީ

ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ މުޅިން އިސްރާއީލުގެ ކޮޅަށް ބުރަވެފައިވާ ސިޔާސަތާއި ދުރަށް ޖެހިވަޑައިގެން، ފަލަސްޠީނުގައި ދެ ދައުލަތް ގާއިމުކުރުމުގެ ހައްލަށް އެމެރިކާގެ ރައީސު ޖޯ ބައިޑަން ތާއީދުކުރައްވައިފިއެވެ. އޭނާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ޖަލްސާގައި އިިއްޔެ ތަގުރީރުކުރައްވަމުންނެވެ.

ބައިޑަން ފާހަގަކުރެއްވި ގޮތުގައި ފަލަސްޠީނުގެ ބިމުގެ އެއްބައިގައި މިހާރު ގާއިމުކޮށްފައި އޮތް ޔަހޫދީ ދައުލަތަށް ރައްކާތެރިކަން ލިބިދިނުމަށް އޮތް "އެންމެ ރަނގަޅު ގޮތަކީ" އެ ބިމުގެ އަނެއް ބައިގައިި ފަލަސްޠީނުގެ މިނިވަން ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުުމެވެ.

"މެދުއިރުމަތީގެ ހުރިހާ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް ސުލްހައާއި ރައްކާތެރިކަން ލިބޭ މުސްތަގުބަލެއް އަހަރުމެން ހޯދައިދޭން ޖެހޭ." ބައިޑަން ވިދާޅުވިއެވެ.

"އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާއިން ޖާމިނުކޮށްދޭނެ ކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭ އަދި މިނިވަން ޔަހޫދީ ދައުލަތަށް އަހަރުމެން ކުރާ ތާއީދާ މެދު އެއްވެސް ޝައްކެއް ނުއުފެދޭ." އދ. ގެ އާއްމު މަޖިލީހާ މުޚާޠަބު ކުރައްވަމުން އެމެރިކާގެ ރަައީސު ވިދާޅުވިއެވެ.

"އެެހެންނަމަވެސް، އަހަރެން އަބަދުވެސް ގަބޫލުކުރަނީ، ޔަހޫދީ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި އިސްރާއީލުގެ މުސްތަގުބަލު ޔަގީންކުރެވެން އޮތީ، ކާމިޔާބުކަމާއެކު ދެމެހެއްޓޭނޭ، އަމިއްލަ މިނިވަންކަން ލިބިފައިވާ، ޑިމޮކްރެޓިކް ފަލަސްޠީނުގެ ދައުލަތާއެކު ސުލްހަވެރިކަމާއެކު އޮވެގެންކަން." ބައިޑަން ވިދާޅުވިއެވެ.

"މިވަގުތު އަހަރުމެން މިތިބީ އެ ލަނޑުދަނޑިއާާ ވަަރަށް ދުރުގައި. އެހެންނަަމަވެސް، ކުރިއެރުން ހޯދުން އެއީ ވާނެކަމެއް ކަމާމެދު އަހަރުމެން މާޔޫސްވެގެން ނުވާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

ރައީސު ބައިޑަގެ ތަގުރީރުގައި އޭނާ ވަނީ ފަލަސްޠީނުގެ މައްސަލައިގެ އިތުރަށް، ކޮވިޑް-19 ގެ ވަބާއާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަަތަކާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި އެޕްރީލް މަހު އޭނާ ވަނީ ތިމާވެށީގެ މައްސަލަަތަކާ ކުރިމަތިލުމަށް ފަގީރު ގައުމުތަކަށް އެމެރިކާއިން ދޭ އެހީ ދެގުނަ ކުރަން ނިންމަވާފައެވެ، އަދި މިއަދު އޭނާ މި ނިންމަވަނީ އަނެއްކާވެސް އެ އެހީ ދެގުނަ ކުރެއްުވުމަށެވެ.  

އީރާނާއެކު ވެފައިވަނީ ނިއުކުލިޔާ އެއްބަސްވުމާ ބެހޭގޮތުންވެސް ރައީސު ބައިޑަން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުން އެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކޮށްފިނަމަ، އެމެރިކާއިވެސް އީޖާބީ ގޮތުގައި އެކަމަށް ރައްދުދޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.