ފަލަސްޠީނުގެ ދައުލަތެއް ހަދަން ޓްރަމްޕުގެ ސުލްހައިގެ މަޝްރޫއުގައިވޭ: އިސްރާއީލުގެ ޓީވީ

އިރުމަތީ ޤުދްސުގެ މައްޒަރެއް

ހުޅަނގު އައްސޭރީގެ %90 އާއި އިރުމަތީ ޤުދްސުގައި (އިސްލާމީ މުޤައްދަސް ތަންތަން ނުހިމެނޭހެން) ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް އެމެރިކާގެ ރައީސުގެ ސުލްހައިގެ މަޝްރޫއުގައި ނިންމާފައިވާ ކަމަށް އިސްރާއީލުގެ ޓީވީ ޗެނެލަކުން އިއްޔެ ބުނެފިއެވެ.

ވައިޓް ހައުސްއިން ބުނި ގޮތުއި އެ މަޝްރޫއު އިއުލާންކުރުން އޮތި އަދި އެތައް މަހެއް ފަހުންނެވެ. އަދި އެ މަޝްރޫއާ ބެހޭގޮތުން އިސްރީއީލުގެ ޓީވީ ޗެނަލުން ފަތުރާފައި ވަނީ މުޅިން ސައްހަ ޚަބަރެއް ނޫނެވެ.އެހެން ނަމަވެސް، އެ ޚަބަރު ފެތުރި ރެޝެތު 13 ޗެނެލުން ބުނެފައި ވަނީ އެ ޚަބަރު ލިބިފައިވަނީ ސުލްހައިގެ މަޝްރޫއުގެ ތަފްސީލު އެނގޭ މަސްދަރަކުން ކަމުގައެވެ.

އެ މަސްދަރާ ހަވާލާދީ އެ ޗެނެލުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ސުލްހައިގެ މަޝްރޫއުގައި ވާގޮތުން ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކޮށްފައިވާ ބޮޑެތި އާބާދީތައް އިސްރާއީލަށް ލިބޭނެއެވެ. އެހެންނަމަވެސް، ދުރު ހިސާބުތަކުގައި ވަކިން ހަދާފައިވާ އާބާދީތައް ހުސްކުރަން ޖެހޭނެއެވެ. އަދި ހަމަދުންދާ އެފަދަ އާބާދީތަކުގެ މަސައްކަތް ހުއްޓާލަން ޖެހޭނެއެވެ.

ޓްރަމްޕް ބޭނުންފުޅުވަނީ އިސްރީއީލުން އެގޮތަށް ދޫކޮށްލާ އާބާދީތަކުގެ ބަދަލުގައި ހުޅަނގު އައްސޭރިން އިސްރާއީލަށް ބިން ހޯދައިދިނުމަށާއި، އިރުމަތީ ގުދްސުގެ ގަދީމީ އިންފާރުގެ ތެރޭގައިވާ މުޤައްދަސް ތަންތަން އިސްރާއީލުގެ ސިޔާދަތުގެ ދަށަށް ގެންގޮސް، އިރުމަތީ ޤުދްސުގައި އަރަބިން ދިރިއުޅޭ "ގިނަ ސަރަހައްދުތަކެއް" ފަލަސްޠީނުގެ ވެރިރަރަށް ހެދުމަށް ކަމަށާއި، އިސްރާއީލުގެ ސިޔާދަތުގެ ދަށުގައި ހުންނަ މުޤައްދަސް ތަންތަން ބަލަހައްޓާނީ އިސްރާއީލާއި، ފަލަސްޠީނާއި، ޖޯޑަން ގުޅިގެން ކަމަށްވެސްރެޝެތު 13 ޗެނެލުން ޚަބަރުދެއެވެ.

އިސްރާއީލުން  ދައުވާ ކުރަނީ މުޅި ޤުދްސަކީ އެމީހުންގެ ވެރިރަށް ކަމުގައެވެ. އަދި އެރަށް ދެބައި ނުކުރެވޭނެ ކަމުގައެވެ. ފަލަޞްޠީނު މީހުން ބޭނުންވަނީ އިސްލާމީ މުޤައްދަސް ތަންތަންވެސް ހިމަނައިގެން އިރުމަތީ ޤުދްސަކީ ފަލަސްޠީނުގެ ދައުލަތުގެ ވެރިރަށް ކަމުގައި ހެދުމަށެވެ.

ޓްރަޕްގެ ސުލްހައިގެ މަޝްރޫއުގައި ފަލަސްޠީނުގެ ރެފިއުޖީންގެ މައްސަލައާއި، އިސްރާއީލުން ހިފާފައިވާ ޣައްޒާގެ މައްސަލަ ނިންމަން ހުށަހަޅަން ނިންމާފައި ވަނީ ކިހިނެއްކަމެއް އިސްރާއީލުގެ ޓީވީ ޗެނަލުން ހާމަނުކުރެއެވެ.

ވައިޓް ހައުސްއިން އިއުލާންކުރަން މެދުއިރުމަތީ ސުލްހައިގެ މަޝްރޫއު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޖޭސަން ގްރީންބްލެޓްއާއި، ރައީސު ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާވެސް ވަނީ އިސްރާއީލު ޓީވީން ފެތުރި "ސައްހަ ނޫން" ކަމަށް ވިދާޅުވެފައެވެ.

"އެ މަޝްރޫއުގައި ހިމެނޭ ކަންތަކާމެދު ލަފާކޮށްފައި ވާހަކަ ދެއްކުމަކީ ފައިދާހުރި ގޮތެއް ނޫން. އޭގައި ވާ އެއްޗެއް އަދި އެނގެނީ މިބިންމަތީގައި ތިބި މަދު ބަޔަކަށް." ގްރީންބްލެޓް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

އަނެއްކޮޅުން، އދ. ގައި ހުންނަ އިސްރާއީލުގެ ސަފީރު ޑެނީ ޑެނޯން ބުނި ގޮތުގައި އެޕްރީލް 9 ގައި އިސްރާއީލުގައި އޮންނަ އާއްމު އިންތިޚާބުގެ ކުރިން ޓްރަމްޕުގެ ސުލްހައިގެ މަޝްރޫއު އިއުލާންނުކުރާނެއެވެ.

ޅިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި އެއިންތިޚާބު ފަސޭހައިން ކާމިޔާބުކޮށް، ބެންޖަމިން ނަތަންޔާހޫ ފަސްވަނަ ފަހަރަށް ބޮޑުވަޒީރަކަށް ހޮވޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.