ޖަލުން ފިލި 2 ގައިދީން އިސްރާއީލުން ހައްޔަރުކޮށްފި

ޖަލުން ފިލި ގައިދީންގެ ތެރޭން އިސްރާއީލުން ހައްޔަރު ކުރި މުޙައްމަދު އަލްޢާރިޟާ (ކ) އަދި ޔަޢުޤޫބު ޤާދިރީ

އިސްރާއީލުގައި ސަލާމަތީ ވިޔަވަޅުތައް ވަރުގަދަ ޖިލްބޫޢު ޖަލުން ފިލި ފަލަސްޠީނު 6 ގައިދީންގެ ތެރޭން ދެ މީހަކު އިސްރާއީލު ފުލުހުން ހައްޔަރުކޮށްފިއެެެވެ.

އިސްރާއީލު ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދެ މީހުން ހައްޔަރުކޮށްފައި އައްނާޞިރާ (ނަޒާރެތު) ގެ އޮންނަ ޖަބަލު އަލްޤަފްޒާ (މައުންޓް ޕްރެސިޕައިސް) އިންނެވެ. އެއީ އިސްރާއީލުގެ އުތުރުގައި އޮންނަ ނަޞާރާއިންގެ މުޤައްދަސް ހިސާބެކެވެ.

އިސްރާއީޅުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެެފައިވާ ގޮތުގައި ހައްޔަރުކުރި ދެ ގައިދީންނަކީ ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ޖިހާދަށް ނިސްބަތްވާ ދެ މީހުންނެވެ. އިސްރާއީލުގެ ޗެނަލް 13 ޓީވީން ބުނެފައިވާ ގޮތުގައި އެ ދެ ގައިދީންނަކީ ޔަޢުޤޫބު ޤާދިރީ އާއި މުޙައްމަދު އަލްޢާރިޟާއެވެ. ދެ މީހުންނަކީވެސް އުމުރަށް ޖަލަށް ލާފައި ތިބި ދެމީހުންނެވެ

ފާއިތުވި ހޯމަ ދުވަހު އިސްރާއީލުގެ އުތުރުގައި ހުންނަ ޖަލުގައި އެމީހުން ތިބި ގޮޅީގެެ އަޑިން ބިންގަރާސް މަގެއް ކޮނެގެން ފިލުމުގައި ކާމިޔާބު ހޯދަ 6 ގައިދީންނަކީވެސް އުތުރު ހުޅަނގު އައްސޭރީގެ ޖެނީނަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭން އެކަކީ (ޒަކަރިއްޔާ އައްޒުބައިދީ) އަކީ އަލްއަޤްޞާ މާޓިޔާސް ބްރިގޭޑަށް ނިސްބަތްވާ މީހެެކެވެ. އޭނާއަކީ ހުކުމެއް ނެތި ބަންދުގައި ހުރި މީހެކެވެ. އަނެއް 5 މީހުންނަކީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ މީހުންނެވެ.

ދެ ގައިދީން އަލުން ހައްޔަރުކުރި ޚަބަރާއެކު ހުޅަނގު އައްސޭރީގައި ވަނީ ގައިދީންގެ ތާއީދުގައި ހިނގާލުންތައް ބާއްވާފައެވެ. ދެ ގައިދީންގެ ރަށް ޖެނީނުގައި ބޭއްވި ހިނގާލުމުގެ ބައިވެރިން ވަނީ ދެ ގައިދީންގެ ގެއަށްގޮސް އާއިލާތަކާއެކު ތިބިކަން ހާމަކޮށްފައެވެ. މީގެ އިތުރަށް ރާމަﷲ އާއީ ޢާޔިދާގައި ވެސް ވަނީ ހިނގާލުންތައް ބާއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.