ދަންމަރު: ލަސްލަހުން ކުރިއަށް ދިއުންް

ޒުވާނަކު އެއް ދުވަހަކު ޢިލްމުވެރިއެއްގެ އަރިހަށް ގޮސް ދެންނެވިއެވެ. "އަޅުގަނޑަށް ތެދުމަގު ލިބޭނީ ކިހައި ދުވަހަކުންތޯއެވެ؟" އެ ބޭފުޅަކު ވިދާޅުވިއެވެ. "ދިހަ އަހަރު ދުވަހުންނެވެ." ޒުވާނާ ދެންނެވިއެވެ. "ހާދަހާ ގިނަ ދުވަހެކެވެ." ޢިލްމުވެރިޔާ ވިދާޅުވިއެވެ. "އަހަރެންނަށް އޮޅުނީއެވެ. ކަލެއަށް އެ ހިސާބަށް ދެވޭނީ ވިހި އަހަރުންނެވެ." ޒުވާނާ ދެންނެވިއެވެ. "ދުވަސް އިތުރު ކުރައްވަމުން ތިޔަ ގެންދަވަނީ ކީއްވެގެންތޯއެވެ؟" ޢިލްމުވެރިޔާ ވިދާޅުވިއެވެ. "ވިސްނާލާށެވެ. ކަލެއަށް ތެދުމަގު ލިބޭނީ ތިރީސް އަހަރު ދުވަހުންނެވެ." (ފިލިޕް ކެޕްލޫ، ރީޑަރސް ޑައިޖެސްޓް، 1983)

މަންޒިލަކާ ހަމައަށް ދާން ދިހަ އަހަރު ދުވަސް ހޭދަ ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ބައެއް މީހުން ބޭނުން ވަނީ އެ މުއްދަތު ދިހަ އަހަރަށް ވުރެ ކުރު ކުރާށެވެ. މީގެ މާނައަކީ ބޭނުންވާ އެއްޗެއް ނުވަތަ ކަމެއް ވަރަށް އަވަހަށް ނުވަތަ ކުއްލިއަކަށް ލިބިގަތުމަށް އެދުމެވެ. މުސްކުޅި ބަހެއްގައި ވެއެވެ. "އަވަސް އަރައިގަނެގެން އުޅުނު ވަރަކަށް ކުރިއަށް ދިއުން ލަސް ވާނެއެވެ."

ދުނިދަނޑިއެއްގައި ރުވާފައި ދޫކޮށްލާ ދުންޏެއްގެ މިސާލުގައި ދާން ބޭނުންވާ ތަނަކަށް އަވަހަށް ދާން ބޭނުން މީހާއަށް ހީވެސް ނުކުރާ ކަހަލަ ބޮޑެތި އަދި އުނދަގޫ ހުރަސް ތަކާ ކުރިމަތި ވާނެއެވެ. މި ފަދަ މީހަކަށް މަންޒިލާ ހަމައަށް ނުދެވި ދަތުރު ހުއްޓާލައި މަގުގެ އެއް ފަރާތުގައި ރޯން އިންނާން ޖެހުމަކީ ވެސް ދުރު ކަމަކަށް ނުވާނެއެވެ. މިހެން ދިމާވެއްޖެ ނަމަ ހަދަން ޖެހޭ ގޮތަކީ އެނބުރި ދަތުރު ފެށި ތަނަށް ދިއުމެވެ. އެ ތަނަށް ގޮސް ނުބައިކޮށް އެޅުނު ފިޔަވަޅު ތަކަކީ ކޮބައިތޯ ބަލައި ޒަޚަމްތަކަށް ފަރުވާ ކުރުމަށް ފަހު އަލުން ދަތުރު ފެށުމެވެ. ކުރިއަށް ދެވެން އޮންނާނޭ ހަމަ އެކަނި ގޮތަކީ މިއީއެވެ. މިއިން ކޮންމެ ކަމަކަށް ވެސް ވަގުތު ބޭނުން ވާނެއެވެ. ވަގުތަކީ އަގުހުރި ޖަވްހަރެކެވެ. އެހެންވީމާ އެންމެ ފުރަތަމަ ދަތުރު ފެށި ވަގުތު ރާވާ ރޭވުމަކުން އެ ވަގުތުތައް ސަލާމަތް ކުރަން އުޅުނު ނަމަ މާ ރަނގަޅު ވީހެވެ. އަވަސް އަރައިގަނގެން ނޫޅެ، ރަނގަޅަށް ރާވައިގެން، ލަސް ލަހުން ކުރިއަށް ދާން މަސައްކަތް ކުރި ނަމަ އޭނާ އަށް ވަގުތު ބޭކާރު ނުކޮށް މަންޒިލާ ހަމައަށް ދެވުނީސްކަން ކަށަވަރެވެ.

ލަސް ކުރުމަކީ ރަނގަޅު ނޫން ކަމަކަށް ވާ ފަދައިން، މާ ބޮޑަށް އަވަސް އަރައިގަނެގެން އުޅުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ ކަމެއްވެސް ކުރެވޭނީ އެ ކަމަކަށް ކަނޑައެޅިފައި އޮންނަ ވަގުތަށް ބަލައިގެން ފަރުވާތެރިކަމާ އެކު އެ ކަމެއް ކުރަން އުޅުނީމައެވެ. މިއަދުގެ ދުނިޔޭގައި މަސައްކަތް މި އޮންނަނީ ގިނަ ވެފައެވެ. ދޫކޮށްލެވިފައި ހުންނަ ކަންތައްތައް ވަރަށް ގިނައެވެ. އެހެން ނަމަވެސް އެ ފަދަ ކަންތައްތައް ހަމަ ޖައްސާން ވެގެން ގޮތެއް ފޮތެއް ނުބަލައި ތެޅިގަތުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެއީ ކެތްތެރިކަމެއް ނެތް ކަން އަންގައިދޭ ކަމެކެވެ. ﷲ ގެ ދުނިޔޭގައި ކޮންމެ ކަމަކަށް ވެސް ވަކި ވަގުތަކާއި ސާޢަތެއް ކަނޑައަޅުއްވާފައި ވެއެވެ. އެހެންވީމާ ކަންތައްތައް މާ ބޮޑަށް ލަސް ކުރުމާއި މާ ބޮޑަށް އަވަސް ކުރުމާއި މި ދެކަމަކީ ވެސް ނާކާމިޔާބީއާ ދިމާއަށް އެޅޭ ފިޔަވަޅެކެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.