
ރާއްޖެއިން އިތުރު 179 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވްވި 179 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 42 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 120 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 17 މީހެކެވެ.
މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 1966އަށް އަރާފައެވެ. 25 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 81،653 އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 108 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް މިބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ ޖުމުލަ ޢަދަދަކީ 79،448އެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5120 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަށް 226 މީހަކުވަނީ ނިޔާވެފައެވެ.