އެންމެ ބޮޑު ޚަރަދެއް ކުރި ޓީމު ތާވަލުގެ އެންމެ ފުލުގައި

މިފަހަރުގެ ދުނިޔޭގެ ފުޓުބޯޅަ ސީޒަނުގެ ޓުރާންސްފަރ ވިންޑޯއަކީ އާދަޔާ ހިލާފު ވިންޑޯއެކެވެ. ދުނިޔޭގެ އެންމެ މޮޅު 2 ކުޅުންތެރިން ކަމުގައިވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ދެމީހުންގެ އައު ކުލަބުތަކަށް ބަދަލުވެފައެވެ. ރޮނަލްޑޯ ދިޔައީ އޭނާ ކުރިން ކުޅުނު ކުލަބު މެންޗެސްޓާ ޔުނައިޓަޑަށެވެ. މެސީ ދިޔައީ ޕެރިސް ސެއިންޓް ޖަމާއިންއަށެވެ.

މެސީ ސްޕެއިންގެ ބާސެލޯނާގެ ކޮންޓްރެކްޓު ހަމަވުމާއެކު ޕެރިސްއަށް ދިޔައީ ހިލޭ ޓުރާންސްފާއެއްގައެވެ. ރޮނާލްޑޯ މެންޗެސްޓާއަށް ދާ އަގު އަދި ކަނޑައެއްނާޅައެވެ. އެކަމަކު 28 މިލިއަނާއި 32 މިލިއަނާ ދެމެދުގެ އަގެއް އޭނާ ކިޔާފައިވާ ކަމަށް ޚަބަރު ލިބެއެވެ. މެންޗެސްޓާއިން ވަނީ ރޮނާލްޑޯ ނޫނަސް އެހެން މޮޅެތި ކުޅުންތެރިންވެސް ގެންފައެވެ. ރަފާއިލް ވަރޭން އާއި ޖޭޑަން ސަންޗޯ މީގެތެރޭގައި ހިމެނެއެވެ.

ޕީއެސްޖީއިންވެސް މިފަހަރު ވަނީ ސާޖިއޯ ރާމޮސް އާއި ޖޯޖީނިއޯ ވައިނެލްޑަމް އާއި އިޔުރޯގެ މަގުބޫލު ތަރި ޖިއަންލުއީޖީ ޑޮނަރުމާ ކުޅުނު ކުލަބުގެ ކޮންޓްރެކްޓު ހަމަވުމާއެކު އެކުޅުންތެރިން ހޯދާފައެވެ.

ޗެލްސީ އާއި މެންޗަސްޓާ ސިޓީ ވަނީ 100 މިލިއަން ޚަރަދުކޮށްގެން އެންމެ ކުޅުންތެރިއަކު ގެންފައެވެ. ޗެލްސީން ގަތީ ބެލްޖިއަމްގެ ފޯވާޑު އަދި އެކުލަބަށް ކުރިން ކުޅުނު ރޮމެލު ލުކާކޫއެވެ. ސިޓީން ގަތީ އިނގިރޭސި ވިލާތަށް އަދި އެސްޓޮންވިލާ އަށް ކުޅޭ ޖެކް ގްރީލިޝްއެވެ.

މިހުރިހާ ޓީމަކުންވެސް ވަނީ މި ފަހަރުގެ ސީޒަނުގައި ރަނގަޅު ފެށުމެއް ދައްކާފައެވެ. ނަމަވެސް މިފަހަރު ތާވަލުގެ ފުލުގައިވަނީ މި ޓްރަންސްފާ ވިންޑޯގައި އެންމެ ބޮޑު ޚަރަދެއް ކުރި ޓީމެވެ. އެ ޓީމަކީ އާސެނަލް ފުޓްބޯލް ކުލަބެވެ. އާސެނަލް ވަނީ މިފަހަރު 5 ކުޅުންތެރިން ގެންފައެވެ. 5 ކުޅުންތެރިންނަކީވެސް އެހައި ނަން މަޝްހޫރު ނުވިއަސް ޒުވާން ހުނަރުހުރި ކުޅުންތެރިންނެވެ. އާސެނަލްގެ ޖުމްލަ ޚަރަދަކީ 147 މިލިއަނެވެ. އާސެނަލްއާއި ޚަރަދުކުރުމުގައި އެންމެ ގާތީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ކުލަބުން ވަނީ 125 މިލިއަން ޚަރަދު ކޮށްފައެވެ. ބޮޑު ޚަރަދަކާ އެކުވެސް އާސެނަލް ވަނީ މި ސީޒަންގެ ފުރަތަމަ 3 މެޗުންވެސް ބަލިވެފައެވެ.

މިހައި ބޮޑު ޚަރަދެއް ކޮށްފައި މިހައި ދެރަވަރު ނަތީޖާއެއް ދައްކާނޭ ކަމަކަށް ކުލަބުގެ ގިނަ ސަޕޯޓަރުން އަދި ގިނަ ފުޓުބޯޅަ ބެލުންތެރިން ހިޔެއް ނުކުރެއެވެ. މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކަށް ފަހު އާސެނަލްއަށް މިކަން ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ. އާސެނަލް ދެން އޮތް މެޗުގައި ބައްދަލު ކުރަން ޖެހޭނީ ނޯވިޗް ސިޓީއާ އެވެ. އެ މެޗުން އާސެނަލް މޮޅުވެއްޖެނަމަ ތާވަލުގެ ފުލުން އަރައިގަނެވިދާނެއެވެ. ނަމަވެސް އެއީ މައްސަލައިގެ މުޅި ހައެްލެއް ނޫނެވެ. މައްސަލަ ހައްލު ކުރުމުގެ ފެށުން ކަމަށް ބެލެވިދާނެއެވެ.

5 ޚިޔާލު

  1. ވަރަށް ބޮޑު ތެދެއް. ޚަރަދުކޮށްގެން ވީކަމެއް ނެތް. ދެން ބަލަންވީ ރޮނާލްޑޯއަށް ކުރެވެނީ ކޮން ކަމެއްތޯ. އަދި ދުނިޔޭގެ އެންމެ މޮޅު މީހުން ގެންގޮސްގެން ޕީއެސްޖީއަށް ވާ ވަރެއްވެސް ބަލަންވީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.