ރައީސް ޔާމީންގެ އަތްޕުޅުން 5 މިލިޔަން ޑޮލަރު ހޯދަން އޭޖީ، ކޯޓަށް

މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެގެން ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައުލަތަށް ދައްކަވަން ޖެހޭކަމަށް ކަނޑައަޅާފައިވާ 5،000،000 ޔޫއެސް ޑޮލަރުން ހޯދުމުގެ އަމުރަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.

އެއޮފީހުން ނެރުނު ބަޔާނެއްގައިވަނީ މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން 28 ނޮވެންބަރު 2019 ގައި ޙުކުމްކޮށްފައިވީނަމަވެސް، އެ މުއްދަތުގެތެރޭގައި ފައިސާ ދައްކާފައެއް ނުވަކަމަށެވެ.

އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2011ގައި މީރާ އިން ރައީސް ޔާމީނަށް ފޮނުވި ނޯޓިސްއާ ޙަވާލުވެވަޑައިގެން އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވާކަމަށް އޭޖީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ދައުލަތަށް ލިބެންޖެހޭ މި ފައިސާ ހޯދުމަށް 24 އޮގަސްޓް 2021ގައި އެއޮފީހުން ސިވިލް ކޯޓަށް ވާނީ ޙުކުމް

ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފައިކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

"މި މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ." އޭޖީގެ ބަޔާނުގައި ވެއެވެ.

މި މައްސަލާގައި އެދިފައިވާނީ ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ރައީސް ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ 5,000,000 މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.