އަލްޖީރިޔާ (އަލްޖަޒާއިރު) އިން މޮރޮކޯ (މަޣުރިބު) އާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފިއެވެ. މި ފިޔަވަޅު އަޅާފައި މިވަނީ މިމަހުގެ ކުރީކޮޅު އަލްޖީރިޔާގެ ޖަންގަލިތަކުގައި އަލިފާން ރޯކުރުމުގެ ފަހަތުގައި ވަނީ މޮރޮކޯކަމަށް ތުހުމަތުކުރުމަށް ފަހުގައެވެ.
މޮރޮކޯގެ "އުދުވާނީ އަމަލުތަކުގެ" ސަބަބުން އެ ގައުމާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލިކަން ޚާރިޖީ ވަޒީރު ރަމްޠާން ލަޢުމާމަރާ އިއްެޔެ އިއުލާންކުރެއްވި އިރު، މީގެ އެއް ހަފުތާ ކުރިން އަލްޖީރިޔާއިން ބުނެފައި ވަނީ މޮރޮކޯއާ އޮތް ގުޅުން މުރާޖައާކުރަމުން ދާކަމުގައެވެ.
"މެދުކެނޑުމެއްނެތި މޮރޮކޯއިން އަލްޖީރިޔާއާ ދެކޮޅަށް ކުރިއަށް ގެންދާ އުދުވާނީ އަމަލުތަކުގެ ސަަަބަަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން މުރާޖައާކުރަން މިވަނީ މަޖުބޫރުވެފައި." އަލްޖީރިޔާގެ ރިޔާސީ ގަނޑުވަރުން ފާއިތުވި ހަފުތާގައި ނެރުނު ބަޔާނެއްގައި ވެއެވެ.
އަލްޖީރިޔާއިން ފާއިތުވި ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި އެގައުމުގެ ތީޒީއޫޒޫއާއި ކަބާލިޔާ ސަރަހައްދުގައި މިމަހުގެ ކުރީކޮޅު ރޯވެ އަނދަމުން ދިޔަ ބިޔަ އަލިފާނުގެ ރޯކުރުމުގެ ފަހަތުގައި ވަނީ ޓެރަރިސްޓު ދެ ޖަމާއަތެކެވެ. އަދި އޭގެތެރޭން އެއް ޖަމާއަތަކީ މޮރޮކޯއާއި އިސްރާއީލާ ގުޅުން އޮތް ޖަމާއަތެކެވެ.
"ކިންގްޑަމް އޮފް މޮރޮކޯއާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން މިއަދުން ފެށިގެން ކަނޑާލުމަށް އަލްޖީރިޔާއިން ނިންމައިފި." ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޚާރިޖީ ވަޒީރު ލަޢުމާމަރާ ވިދާޅުވިއެވެ.
"ކިންގްޑަމް އޮފް މޮރޮކޯއިން އަލްޖީރިޔާއާ ދެކޮޅަށަް އުދުވާނީ އަމަލުތައް ހިންގުން ދުވަހަކުވެސް ހުއްޓާލާފައި ނުވާކަން ތާރީޚުން ދައްކާ." އޭނާ އިތުރަށް ވިދާޅުވިއެވެ.
އަލްޖީރިޔާގެ ކުއްލި ނިންމުމާމެދު ހިތާމަކުރާކަން މޮރޮކޯއިން ވަނީ ހާމަކޮށްފައެވެ.
"އެންމެ ފަހުން މި ހިނގައިދިޔަ ކަންތަކާ (އަލްޖީރިޔާއިން ގުޅުން ކަނޑާލުމާ) މެދު ހިތާމަކުރަން. ﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަށް އެކަމުން އަރައިގަނެވޭނެ ކަމަށް އުއްމީދުކުރަން." މޮރޮކޯގެ ވެބްސައިޓަކަށް ދެެއްވި ބަސްދީގަތުމެއްގައި އެ ގައުމުގެ ބޮޑުވަޒީރު ސަޢުދުއްދީން އަލްޢުޘްމާނީ ވިދާޅުވިއެވެ.
އަވަށްޓެރި އަރަބި ދެގައުމު ކަމުގައިވާ އަލްޖީރިޔާއާއި މޮރޮކޯގެ ގުޅުމަކީ ޒަމާނުއްސުރެ ނުތަނަވަސްކަން ވެރިވެފައި އޮންނަ ގުޅުމެކެވެ. ގޯސްވެގެން ގޮސް ގުޅުން ކަނޑާ ހިސާބަށް ގޮސް އަނެއްކާ ރަނގަޅުވެދެއެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ އެންމެ ބޮޑު މައްސަލައަކީ، މޮރޮކޯގެ ބައެއް ކަމަށް އެ ގައުމުން ބުނާ ވެސްޓަން ސަހަރާގައި ޕޮލިސާރިއޯ ފްރަންޓުން ގާއިމުކޮށްފައިވާ ދައުލަތް އަލްޖީރިޔާއިން ގަބޫލުކޮށް، އެ ފްރަންޓަށް އެހީތެރިކަން ދިނުމެވެ.