އައިއެމްއެފްގެ ރިޒާވުން 650 ބިލިއަން ޑޮލަރު މެންބަރު ގައުމުތަކަށް ދެނީ

އިންޓަނޭޝަނަލް މަނިޓަރީ (އައިއެމްއެފް) ގެ ގަވަނިންގ ބޯޑުން ކަނޑައެޅި އާ ސްޕެޝަލް ޑްރޯވިންގ ރައިޓްސް (އެސްޑީއާރް) ގެ ދަށުން އެފަންޑުގެ ރިޒާވުން 650 ބިލިއަން އެމެރިކާ ޑޮަލަރު މެންބަރު ގައުމުތަކުގެ މެދުގައި ބަހަން ނިންމައިފިއެވެ. މެނޭޖިންގ ޑިރެކްޓަަރ ކްރިސްޓަލިނާ ޖޯޖިއޭވާ ވިދާޅުވި ގޮތުގައި މި ފައިސާއަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން ދެވޭ ފައިސާއެވެ.

"މިއީ ދުނިޔޭގައި ކުރެވޭ މަސައްކަތަށް އިރުތު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް. އަދި ބުއްދުވެރި ގޮތުގައި ބޭނުންކުރެވިއްޖެނަމަ، ކުރިން ފެނިފައި ނުވާފަދި މި ބޮޑު ކާރިސާއާ ހަނގުރާމަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް." ޖޯޖިއޭވާ ވިދާޅުވިއެވެ.

"އެސްޑީއާރުގެ ދަށުން ލިބޭ ފައިސާއިން ދުނިޔޭގެ އިގުތިސާދީ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭ ފައިސާ އިތުރުވެގެން ދާނެ. އަދި ގައުމުތަކުގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެ." މެނޭޖިންގ ޑިރެކްޓަރ އިތުރަށް ވިދާޅުވެފައި ވެއެވެ.

މިފައިސާއަކީ ވަކިން ޚާއްސަކޮށް ކޮވިޑް-19 އާ ހަނގުރާމަ ކުރުމުގައި އެންމެ ނާޒުކު ހާލަތުގައިވާ ގައުތަކަށް ފައިދާކުރާނެ އެއްޗެއްކަން ފާހަގަކުރަމުން އައިއެމްއެފުން ބުނެފައިވާ ގޮތުގައި، ބަހަން ނިންމާފައިވާ ފައިސާގެ ތެރެއިން 275 ބިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށާއި، އާމްދަނީ ދަށް ގައުމުތަކަށެެވެ. މިިފަައިސާ ދޭނީ ކޮންމެ ގައުމަކުން ވެސް އައިއެމްއެފްގައި އޮންނަ ހިއްސާގެ ނިސްބަތުންނެވެ.

އިއްޔެ ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުން ފާސްކުރީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ ފުރަތަމަ މި ޕްރޮގްރާމު ހިންގަން މަސައްކަތްކުރިތާ އެއް އަހަރު ފަހުންނެވެ.

އެފަހަރު މިކަން ކުރަން އުޅުމުން އެމެރިކާގެ އޭރުގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ އެކަމަށް ހުރަސްއަޅުއްވާފައެވެ. އެމެރިިކާއަކީ އައިއެމްއެފްގައި އެންމެ ބޮޑު ހިއްސާ އޮންނަ ގައުމަށް ވާތީ ވީޓޯކުރުމުގެ ބާރު އޮންނަ ގައުމެކެވެ.

ރައީސު ބައިޑަންގެ ސަރުކާރުން ވަނީ ކުރީގެ ރައީސު ޓްރަމްޕްގެ ނިންމެވުން ބަދަލުކުރައްވައި، އައިއެމްއެފްގެ ނިންމުމަށް މަގުފަހިކޮށްދެއްވާފައެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި އިއްޔެއިން ފެށިގެން ގައުމުތަކަށް ފައިސާ ދިނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވާއިރު، އައިއެމްްއެފަށް ބޭނުންވާ 650 ބިލިއަން ޑޮލަރުގެ ނަގުދު ހަމަޖެއްސުުުމުގެ މަސައްކަތް އެ ޑިޕާޓްމަންޓާއި އައިއެމްއެފް ވަނީ އެެއްބަސްވުމަކަށް އައިސްފައެވެ. މި އެެއްބަސްވުމުގެ ދަށުން  އައިއެމްއެފްގެ އެސްޑީއާރް އެމެރިކާ ޑޮލަރަށް ބަދަލުކުރުމުގެ ފުރުސަތު ގައުމުތަކަށް ލިިބިގެންދާނެއެެވެ.

ފާއުތުވެ އެޕްރީލް މަހު އޮތް އައިއެމްއެފްއާއި ވާލްޑް ބޭންކުގެ ވާޗުއަލް ބައްދަލުވުމުގައި ގައުމުތަކަށް އެސްޑީއާރް ދިިނުމަށް ވަނީ ބޮޑު ތަރުހީބެއް ލިިބިފައެވެ. ޖީ-20 ގެ ފިނޭންސް މިނިސްޓަރުންނާއި، ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންވެެސް ވަނީ މިކަމަށް  ތާއީދުކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.