ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހެށި ބައެއް ހެކި ބަލައި ނުގަތުމަށް މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވައިފިއެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ 4 ކަމެއް ހުށަހަޅުއްވާފައެވެ. އެއްކަމަކީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައި ނުގަތުމެވެ. އެއީ އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަހެވެ. ސަބަބަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެދެމީހުން ބައިވެރިވެފައިވާއިރު އަދި އެއީ ކުށަށް ޢިއުތިރާފުވެފައިވާ މިމައްސަލާގައި ދަޢުވާ ލިބޭ ބަޔަކަށް ވާކަމެވެ. އެހެންކަމުން އެއީ ފާސިޤުންގެ ގޮތުގައި ޔާމީންގެ ވާކީލުން ފާހަގަކުރެއްވިއެވެ.
މި މައްސަލާގައި ދައުލަތުންވަނީ ރައީސް ޔާމީނާއި ދެކޮޅަށް 86 ހެއްކެއް ހުށަހަޅާފަ އެވެ. ދިފާއު ދިފާޢުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން 30 ހެއްކެއް ހުށަހަޅާފައިވެއެވެ. އަދި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައިވެއެވެ.
މިމައްސަލާގައި ޔާމީންގެ މައްޗަށް ދަޢުވާކޮށްފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި ރިޝްވަތު ޤަބޫލުކުރައްވައި އެ ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައެވެ.