ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ނަޝީދުގެ ތާއީދު

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ  މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ މި އިންތިޚާބުގައި ރައީސް ނަޝީދުގެ ތާއީދު ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއިރު އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. މިވާހަކަ ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ނިޒާމު ފޮރޮޅާލެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމުގެ ޝައުޤުވެރިކަންވެސް އެމަނިކުފާނުވަނީ ފާޅުކުރައްވާފައެވެ. އަދި ރައީސް ނަޝީދު އިސްވެ ހުންނަވައި މިހާރުވަނީ ނިޒާމު ބަދަލުކުރެއްވުމަށް ކެމްޕެއިނެއްވެސް ފަށްޓަވާފައެވެ. އެގޮތުނއ އެ ނިޒާމު ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި މިހާރުދަނީ ސޮއިކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.