ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އަވަށްޓެރި ސްރީލަންކާގައި ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވުމާގުޅިގެން އެޤައުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރިކަން ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
ރެއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ސްރީލަންކާ ވަނީ ފުރަބަންދު ކޮށްފައެވެ. އެޤައުމުގައި ދުވަލެއްގެ މައްޗަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 3،000އަށްވުރެ މައްޗެވެ. މިދިޔަ ހަފްތާގައި އެކަނިވެސް އެޤައުމުން 270 އަށްވުގެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް މައުމޫން ވިދާޅުވެފައިވަނީ މިދަނޑިވަޅަކީ ރާއްޖޭގެ ފިޔަވަޅުތައްވެސް ވަރުގަދަކުރަން ޖެހޭ ދަނޑިވަޅެއްކަަމަށެވެ.
ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފި. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ @HPA_MV
— Maumoon Abdul Gayoom (@maumoonagayoom) August 21, 2021
ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ރަނގަޅުވުމާއި ގުޅިގެން ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިހާތަނަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 79،754އަށް އަރާފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.