ޔޫރޯ 2020 ގެ ފައިނަލް ވީ ކޮވިޑް-19 ގެ 'ސުޕަރސްޕްރެޑާ'އަކަަށް

ޔޫރޯ 2020 ފުޓުބޮޅަ މުބާރާތުގެ ފައިނަލުގައި އިނގިރޭސި ކުޅިބެލުންތެރިން

ފާއިތުވި ޖުލައި މަހުގެ 11 ވަނަ ދުވަހު ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސިވިލާތާއި އިޓަލީ ކުޅުނު ޔޫރޯ 2020 ފުޓުބޯޅަ މެޗު ވެފައިވަނީ އެއްފަހަރާ ގިނަ ބަޔަކު ޕޮޒިޓިވްވި ކޮވިޑް-19 ގެ 'ސުޕަރސްޕްރޭޑާ'އަކަށް ކަމުގައި ޕަބްލިކް ހެލްތު އިންްގްލޭންޑުން ހާމަކުރި މައުލޫމާތުން ދައްކައިފިއެވެ.

އެ އިދާރާއިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 67000 އަށްވުރެ އެ މެޗު ބަލަން ވަން މީހުންގެ ތެރެއިން 2295 މީހުންނަކީ "ބަލިޖެހިފައި ތިބުން ގާތް" މީހުންނެވެ. އަދި މެޗު ބަލާފައި ނުކުތް 4304 މީހުންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައި ވެއެވެ.

"ޔޫރޯގެ ފައިނަލް ވެފައިވަނީ ސުޕަރސްޕްރެޑާއަކަށް." ޓައިމްސް ނޫހުގައި ލިޔެފައި ވެއެވެ.

"ޔޫރޯ 2020 އަކީ ތަފާތު މުނާސަބަތެއް. ކޮވިޑް-19 ގެ ހަލާތަށް ބޮޑު އަސަރެއް ކުރާނެ އެފަދަ މުނާސަބަތެއް ދެން ފެނުމަކީ ވަރަށް ނުވާނެ ކަމެއް." ޕަބްލިކް ހެލްތު އިންގްލޭންޑްގެ ޑެޕިއުޓީ މެޑިކަލް ޑިރެކްޓަރ ޖެނިފާ ސްމިތު ވިދާޅުވެފައި ވެއެވެ.

"ކޮންމެއަކަސް، ޑާޓާއިން ދައްކަނީ ގާތްގާތުގައި ތިބުމުން ވައިރަސް ފެތުރިގަންނަ މިންވަރު ކިހާ އަވަސްކަން. އަނެއްކާވެސް ފަރުވާތެރިކަމާއެކު އާދައިގެ ހާލަތަކަށް އެނބުރިދާން މަސައްކަތްކުރާއިރު، މިކަން ވެފައި ވަނީ އަހަރުމެންނަށް ލިބުނު އިންޒާރެއް." އޭނާގެ ބަޔާނުގައި ވެއެވެ.

ޔޫރޯ 2020 ގެ ފައިނަލް ނޫން އެހެން ކުޅިވަރު ހަރަކާތްތަކުން ޕޮޒިޓިވްވެފައި ވަނީ މާ މަދު މީހުންނެވެ.

ޖުލައި މަހުގެ ތެރޭގައި ސިލްވަސްޓޯންގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވި ބްރިޓިޝް ފޯމިއުލާ ވަން ގްރޯން ޕްރީއަށް ތިން ދުވަހުގެ ތެރޭގައި 3 ލައްކަ 50 ހާސް މީހުން ވަންއިރު ޕޮޒިޓިވްވީ 585 މީހުންނެވެ. މިއީ ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވި އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. އަދި ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބުނި ގޮތުގައި އޭގެތެރޭން 343 މީހުންނަކީ ކުޅިބަލަން ދިއުމުގެ ކުރިން ޕޮޒިޓިވްވެފައި ތިބި މީހުންނަށް ވުން އެކަށީގެންވެއެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތް ބަލަން 3 ލައްކައެއްހާ މީހުން ވަންއިިރު، 881 މީހުންނެވެ.

"ގިނަ ބަޔަކު ކުޅިބަލަން ވަންނަ ކުޅިވަރު އަދި ސަގާފީ ހަރަކާތްތައް އަލުން ބާއްވަން ފެށިދާނެކަން އަހަރުމެން މިވަނީ ދައްކާފައި. އެެހެނަސް ގިނަ ބަޔަކު އެއްވާ ތަންތަނަށް ދާއިރު އާއްމުން ފަރުވާތެރިވާން ޖެހޭ." ކަލްޗަރަލް މިނިސްޓަރު އޮލިވާ ޑައުޑަން ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.