ދަންމަރު: ތާރީޚު ބަދަލުވުންް

ބީ. ޓުޗްމާން ލިޔުއްވާފައިވާ ގޮތުގައި ތާރީޚަކީ ނުބައި ލަފާކުރުންތަކެއް ފެންނަމުންދާ ދިއުމެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ ޢާއްމު ގޮތެއްގައި ތާރީޚު ބަދަލުވެގެން ދަނީ އިންސާނުން އުއްމީދުކުރާ ގޮތާ ޚިލާފު ގޮތަކަށެވެ. ހާދިސާތައް ހިނގަމުން ދާއިރު މަންޒަރު ދެކެން ތިބޭ މީހުން އެ މީހުންނަށް ފެންނަ ގޮތްތައް ހާމަ ކުރަމުން ދެއެވެ. އެހެން ނަމަވެސް ތާރީޚު ބަދަލު ވެގެން ދަނީ އެ މީހުން ބުނާހައި ގޮތަކަށް ނޫނެވެ. އެންމެ ފަހުން ކަންތައްތައް ނިމިގެން ދަނީ އިންސާނުން އުއްމީދު ކުރި ގޮތާ ދިމާ އިދިކޮޅު ގޮތަކަށެވެ.

މި ދެންނެވި ބަހުގެ މިސާލެއް އިސްލާމީ ތާރީޚުން ނަގަމާތޯއެވެ؟ ގުރައިޝް ވަންހައިގެ މީހުންނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ދެމެދު ހުދައިބިއްޔާގެ ޞުލްޙަނާމާ އެކަށައެޅުނީ ހިޖްރައިން 6 ވަނަ އަހަރުއެވެ. އެ ޞުލްޙަނާމާގައި ސޮއި ކުރި ދުވަހު ގުރައިޝްވަންހައިގެ މީހުން ހީކުރީ، މުސްލިމުން އެ ސޮއި ކުރަނީ މުސްލިމުންގެ އަމިއްލަ ހަލާކުގެ ލިޔުމުގައި ކަމަށެވެ. އެހެނީ މުސްލިމުން އެ ދުވަހު އެއްބަސްވީ ގުރައިޝް ވަންހައިގެ މީހުންނަށް ފައިދާ ހުރި އެއްބަސްވުމަކާއެވެ. އެހެން ނަމަވެސް އެ ޞުލްޙަނާމާ ފަހުން ވެގެން ދިޔައީ މުސްލިމުންނަށް ލިބުނު އެންމެ މަތިވެރި ކާމިޔާބީ އަށެވެ. ތާރީޚަށް ބަލާ އިރު މި ކަހަލަ އެތައް މިސާލެއް ފެންނާން އެބަ ހުއްޓެވެ. އެމެރިކާއިން ޖަޕާނުގެ ހިރޯޝީމާ އަށާއި ނަގަސާކީ އަށް އެޓަމް ބޮމް އެޅީ 1945 ވަނަ އަހަރުއެވެ. އެ ދުވަހު އެމެރިކާ އަށް ހީ ކުރެވުނީ އެ އަޅިފުނިން ޖަޕާނަށް އަރައި ގަނެވޭނީ އެތައް ސަތޭކަ އަހަރެއްގެ ފަހުން ކަމުގައެވެ. އެކަމަކު އެހެންނެއް ނުވިއެވެ. އެންމެ ސާޅީސް ފަސް އަހަރު ފަހުން، މިހާރު ޖަޕާނު ވެފައި ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދީ އަދި ޞިނާޢީ ބާރު ކަމުގައެވެ.

    މި މިސާލު ތަކުން އެނގެނީ އިންސާނާގެ ތާރީޚު ލިޔަނީ އިންސާނާ އަމިއްލަ އަށް ނޫން ކަމެވެ. އިރާދަ ކުރައްވާ ގޮތަކަށް އިންސާނާގެ ތާރީޚު ބައްޓަން ކުރައްވައި ހިންގަވަނީ  ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ހާދިސާތަކާއި ދުނިޔޭގެ ކަންތައްތައް ކުރިއަށް ދާ ގޮތް ކޮންޓުރޯލު ކުރަނީ އިންސާނުން އަމިއްލައަކަށް ނޫނެވެ. ތާރީޚުގެ ފަތްފުށްތައް އަޅުގަނޑުމެންގެ ކުރިމަތީގައި ނިއުޅެމުން ދާތަން ފެނެއެވެ. އެހެން ނަމަވެސް ހާދިސާތައް ހިނގަމުންދާނޭ ގޮތް ކަނޑައެޅެނީ މި ދުނިޔެއަކު ނޫނެވެ. އެއީ އިލާހީ ނިންމެވުމެކެވެ. އެއީ އަޅުގަނޑުމެންގެ ވިސްނުން ފޯރާ ވަރަށް ވުރެ މާ މަތީގައިވާ ކަމެކެވެ.

ދުނިޔޭގައި އުޅޭ އުޅުމުގައި ނާކާމިޔާބީ އާ ކުރިމަތިލާ މީހުންނަށް މި ހާދިސާތަކުން ލިބޭނޭ ޢިބްރަތްތަކެއް އެބަހުއްޓެވެ. ތަޖްރިބާ އިން އެނގިފައިވާ ގޮތުގައި އަލިފާން ފަރުބަދައިން ބުރައިގެންދާ އަލިފާން ކަނީގައި އެތައް އަހަރެއްވާންދެން ހޫނުކަން ދެމި ހުރެއެވެ. އެއްޗެއް ނެތިގެން ދިއުމަކީ އެ އެއްޗެއް މުޅީން ފަނާ ވެގެން ދިއުމެއް ނޫނެވެ. އެ އެއްޗަކުން އެހެން އެއްޗެއް އުފެދިގެން ދާތަން އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެނެއެވެ.

ދިމާވާ ކަމެއްގެ ސަބަބުން އުއްމީދު ކަނޑައިލުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ތާރީޚުގެ ސަފުހާތައް އުކިގެންދާއިރު މަންޒަރު ބަދަލު ވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރަށް ކަންތައްތައް ބަދަލު ވެގެން ދަނީ އަޅުގަނޑުމެން ހީ ކޮށްގެން ތިބޭ ގޮތާ މުޅީން ތަފާތު ގޮތަކަށެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.