ދަންމަރު: ދަތުރާއި މަންޒިލު

ހުޅަނގުގެ މުފައްކިރަކު ވިދާޅު ވެފައި ވެއެވެ. "ދަތުރާއި މަންޒިލާ ދެމެދު ހުރި ތަފާތު އެނގުމުން ތިބާގެ މަގަށް އެޅިފައިވާ ގިނަ ހުރަސްތައް ނައްތައިލެވުނީއެވެ."

މީހަކު ނުވަތަ ބަޔަކު ކަމެއް ކުރާކަން އެނގޭ އެންމެ ބޮޑު ހެއްކަކީ ހަރަކާތެވެ. ހިންގަވާފައި ތަނަކަށް ވަޑައިގަތަސް، ބައިސްކަލެއްގައި ނުވަތަ ސައިކަލެއްގައި ނުވަތަ އަހެއް ފަދަ އެއްޗެއްގައި ވަޑައިގަތަސް އެ އެއްޗެއްގައި ކޮންމެވެސް ކަހަލަ ހަރަކާތެއް ހުންނާނެއެވެ. ކުރިއަށް ނުވަތަ ފަހަތަށް ދަތުރު ކުރާނެއެވެ. ސުވާލަކީ އެ އެއްޗެއް ދަތުރު ކުރާ މިސްރާބަކީ ކޮބައިތޯއެވެ؟ ތިބާއަށް ވަޑައިގެންނެވެނީ ގަސްތުފުޅު ކުރައްވާފައިވާ މަންޒިލާ ދިމާއަށްތޯއެވެ؟ ނުވަތަ މަންޒިލާ ދުރަށްތޯއެވެ؟ ހަގީގަތުގައި ކޮންމެ ދިމާއަކަށް ދިޔަ ނަމަވެސް ދަތުރުކުރާ ގޮތަކަށް ބަދަލެއް ނާންނާނެއެވެ. ހަމައެކަނި ތަފާތަކީ މަންޒިލާ ދިމާއަށް ދަތުރުކުރާ ނަމަ ކޮންމެ ފިޔަވަޅަކާއެކު މަންޒިލު ގާތްވަމުން ދިއުމާއި މަންޒިލާ ދުރަށް ދަތުރުކުރާ ނަމަ ކޮންމެ ފިޔަވަޅަކާއެކު މަންޒިލު ދުރުވަމުން ދާކަމެވެ. ފަހުން މި ދެންނެވިފަދަ ދަތުރެއްގައި އެންމެ ފަހުން ދެވޭނީ ކޮން ތަނަކަށްތޯއެވެ؟ އެއްވެސް ތަނަކަށް ނުދެވޭނެއެވެ. ހަމަ ޔަގީނުންވެސް ދާން ބޭނުންވާ ތަނަކަށް ނުދެވޭނެއެވެ. އެހެންވީމާ އެންމެ މުހިއްމު އެއްޗަކީ މަންޒިލެވެ. ގެރިގާޑިޔަލެއްގައި ނުވަތަ އަތްގާޑިޔަލެއް ފަދަ ދުވެލި ލަސް އެއްޗެއްގައި މަންޒިލާ ދިމާއަށް ދަތުރު ކުރުމަކީ، ވަރުގަދަ ޖެޓް މަތިންދާބޯޓެއް ފަދަ ހަލުވި އެއްޗެއްގައި މަންޒިލެއް ނެތި ދުއްވުމަށް ވުރެ މާ ރަނގަޅު ކަމެއްކަން ކަށަވަރެވެ.

އަމިއްލަ ދިރިއުޅުމުގައިވެސް އަދި އިޖްތިމާއީ ދިރިއުޅުމުގައިވެސް ތިމާއަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ހެޔޮ މިސްރާބެއް ކަނޑައެޅުމަށް ފަހު އެ މިސްރާބަކާ ދިމާއަށް ދަތުރު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. މިހެން ކަންތައް ކުރީމާ އަވަހަށް ނުވަތަ ލަހުން ނަމަވެސް މަންޒިލަށް ވާސިލު ވެވޭނޭކަން ޔަގީނެވެ.

ގިނަ ފަހަރަށް މީހުން ކަންތައް ކުރާ ގޮތަކީ ތިމާގެ ގާބިލިއްޔަތަށް ބެލުމެއް ނެތި، އަދި ވަކި ކަމެއްގައި ތިމާއަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮތް މިންވަރެއް ބެލުމެއް ނެތި، ކޮންމެވެސް މަސައްކަތެއްގެ ތެރެއަށް ވަނުމެވެ. އެހެންވީމާ ބައެއް ފަހަރަށް އަޅާ ފިޔަވަޅުތައް ކަތި ވަނީއެވެ. ބައެއް ފަހަރަށް ވިޔާނުދާ ޚިޔާލެއްގެ ސަބަބުން މަގުން ކައްސައިލަނީއެވެ. ނުވަތަ ކުރެވޭ ދޯދިޔާ ފިކުރެއްގެ ސަބަބުން މަގު އޮޅެނީއެވެ. މިހެން ކަންތައް ދިމާވީމާ ދަތުރު ކުރަމުން ގޮސް އެންމެ ފުރަތަމަ ދިމާވާ ޖަގަހައިގައި މަޑު ކޮށްލަން މަޖުބޫރު ވަނީއެވެ. ނަތީޖާ އަކީ ކޮބައިތޯއެވެ؟ ތިމާ އުއްމީދު ކޮށްގެން ހުރި މަންޒިލް އަތު ނުޖެހުނީމާ އެކަމުގެ ހުރިހައި އިލްޒާމެއް އަޅުވަނީ އެހެން މީހުންގެ ބޮލުގައެވެ. ތިމާއަށް ކުރިމަތިވީ ނާއުއްމީދާއި ދެރައިގެ ޒިންމާދާރަކީ އެހެން މީހެއް ކަމަށް ބުނަނީއެވެ. އެހެން މީސް މީހުންގެ ތައައްސުބާއި ހަސަދަ އާއި ރުޅިވެރިކަމުގެ ސަބަބުން ތިމާ އަށް ލިބުނު ނާކާމިޔާބީއެއް ކަމަށް ބުނަން ފަށަނީއެވެ. އެކަމަކު ހަގީގަތަށް ވިސްނައިފި ނަމަ ތިމާގެ ބަލިވުމުގެ ހަގީގީ ސަބަބަކީ ތިމާގެ ރޭވުންތެރިކަން ދެރަ ވުމާއި މަގުސަދު އޮޅުވައިލުންކަން ފިސާރި ރަނގަޅަށް އެނގޭނެއެވެ. ތިމާ ދަތުރު ފެށީ ހެޔޮ މަންޒިލު އެނގިގެން އެ މަންޒިލާ ދިމާއަށް ކަމުގައި ވީނަމަ އެހެން މީހަކަށް ތިމާގެ ދަތުރަށް ހުރަސްއަޅައި ތިމާ ނާކާމިޔާބީގެ ތެރެއަށް ވައްޓައިލުމަކީ ކުރެވޭނޭ ކަމެއް ނޫންކަން ކަށަވަރެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.