ވެލިގަނޑު ރިސޯޓުގެ މަސައްކަތް މަޑު ޖައްސާލަން އަންގައިފި

ތިމާވެށީގެ މައްސަލަ ބޮޑުވެފައިވާ އއ.އަތޮޅު ވެލިގަނޑު ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މަޑު ޖައްސާލުމަށް އެންމެފަހުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ  (އީ.ޕީ.އޭ)އިން އަންގައިފިއެވެ.

އީ.ޕޭ.އީން ނެރުނު ބަޔާނެއްގައި ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ  ސަބަބުން ތިމާވެއްޓަށް ގެއްލުންތަކެއްވާކަމުގެ ޝަކުވާތަކެއް އެކިފަރާތްތަކުން ވަނީ އެ އެޖެންސީގެ ސަމާލުކަމަށް ގެނެސްފައިކަމަށެވެ. އެގޮތުން އެރިސޯޓުގެ ފަޅުން ބޭރަށް ސެޑިމެންޓް ޕްލޫމް ދަތުރުކުރުމާއި އޭގެސަބަބުން ކައިރައިވާ ފަރުތަކަށް އޭގެ އަސަރު ފޯރާފައިވާކަމުގެ ޝަކުވާތައްލިބިފައިވާކަމަށްވެސް އީޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިމަަޝްރޫއުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރިން  ތިމާވެއްޓަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި،  މިހާރު ކުރިއަށްދާ ބައެއް މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވާކަމަށްވެސް އީޕީއޭގެ ބަޔާނުގައި ވެއެވެ. އަދި މިމައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް އެ އެޖެންސީން ބުނެއެވެ.

ވެލިގަނޑު ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާގޮތުން އެ ސަރަހައްދުގެ ފަރުތަކަށާއި މަޑިވަރު ފަޅަށް ގެއްލުންވެ ތިމާވެއްޓަށް އެތައް ގެއްލުމެއް ވަމުންދާކަން ފާހަގަކޮށް އއ.ރަސްދޫގެ ކައުންސިލާއި އެރަށު ޒުވާނުންނާއި އެ ސަރަހައްދުގެ އެހެން ބައެއް ރަށްރަށުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.