ކެރީބިއަންގެ ގައުމެއް ކަމަށްވާ ހެއިޓީއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. އެންމެ ފަހުން ލިބުނު ޚަަބަރުތަކަށް ބަލާއިރު މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 304 އަށް އަރާފައެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެެސް) މައުލޫމާތު ދޭ ގޮތުގައި ހެއިޓީ ގަޑިން އިއްޔެ (14 އޮގަސްޓް) ހެނދުނު 8:29 (ރައްޖޭ ގަޑިން ހަވީރު 5:29) ގައި އައި 7.2 މެގްނިޓިއުޑްގެ ބިން ހެލުން އައިސްފައި ވަނީ ޕެޓީ ޓްރޫ ޑި ނިޕޭ އަވަށުގެ އިރުދެކުނުން 8 ކިލޯމީޓަރު ދުރަށް ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ. އެ އަވަށަކީ ހެއިޓީގެ ވެރިރަށް ޕޯޓޯ ޕްރިންސްގެ ހުޅަނގުން 150 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެކެވެ.
ބިންހެލުމުގެ ބާރުގަދަކަމުން އޭގެ ގުޑުން ކިއުބާއާއި ޖެމެއިކާއަށްވެެސް އައިސްފައި ވެއެވެ.
އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ ޖެރީ ޗޭންޑްލާ ވިދާޅުވި ގޮތުގައި 304 މީހުން މަރުވިކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި 1800 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ.
އެ އެޖެންސީން ބުނި ގޮތުގައި ފުރަތަމަ އެއްކުރެވުނު މައުލޫމާތުން އެނގޭ ގޮތުގައި 949 ގެއާއި، ހަތް ފައްޅިއާއި، ދެ ހޮޓަލާއި، 3 ސްކޫލްވަނީ މުޅިން ފުނޑުފުނޑުވެފައެވެ.
"ގިނަ ގެތަކެއް ވަނީ ހަލާކުވެފަ. އެތައް ބަޔަކު ވަނީ މަރުވެފަ. އެއްބަޔަކު ތިބީ ހޮސްޕިޓަލުގައި. އެންމެން މިހާރު ތިބީ މަގުމަތީގައި. އަދިވެސް ގުޑުންތައް އެބަ އާދޭ." ބިންެހެލުން އައި ހިސާބާ ކައިިރީގައި ދިރިއުޅޭ މީހަކު އޭއެފްޕީއަށް ކިޔައިދިނެވެ.
ބިންހެލުން އައި ހިސާބާ އެންމެ ކައިރީގައި އޮތް ބޮޑު ރަަށް، ލެސެ ކޭޔަސްގައި ގިނަ އިމާރާތްތަކެއް ވެއްޓި ބޮޑެތި ގެއްލުުންތަކެއް ވެފައި ވެއެވެ.
"ހަށިތައް އިމާރާތްތަކުގެ ދަށުން ނެރެނިކޮށް އަހަރެން ދުށިން. މަރުވެފައިވާ މީހުންގެ ހަށިތަކާއި، ޒަޚަމްވެރައިވާ މީހުން ވެސް ނެރުނު. އަހަރެން ހިނގާފައި ދިޔައިރު، އެހީތެރިކަމަށް އެދި މީހުން ރޯ އަޑު އިވޭ." ލެސް ކޭޔަސްގައި ދިރިއުޅޭ މީހަކު ބުންޏެވެ.
އިއްޔެ އައި ބިންހެލުމަކީ 2010 ވަނަ އަހަރު ހެއިޓީއަށް އައި ބިންހެލުމަށްވުރެ ބާރުގަަދަ، އެ ބިންހެލުމަށްވުރެ ތިލަ ހިސާބަކަށް އައި ބިން ހެލުމެކެވެ. އެހެންކަމުން އިއްޔެ އައި ބިންހެލުމުގެ ގެއްލުން ވަރަށް ބޮޑުވާނެކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.
2010 ވަނަ އަހަރު ހައިޓީއަށް އައިސްފައިވަނީ ބިމުގެ 13 ކިލޯމީޓަރު އަޑިއަށް އައި 7.0 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެ ބިންހެލުމުގައި 1 ލައްކަ 60 ހާހަށްވުރެ ގިނަ މީހުން މަރުވެ 3 ލައްކައަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެެވެ. އަދި 9 ލައްކައެއްހާ މީހުން ގެދޮރު ނެތިފައި ވާއިރު، ބިންހެލުމުން ލިބުނު ގެއްލުން 8 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.