ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 2000 ހައުސިންގް ޔުނިޓް އަޅަން އިސްރާއީލުން ތައްޔާރުވަނީ

ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ޔަހޫދީ އާބާދީ ބެއިތާރް ލިލިޓް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ދަށުން، ޔަހޫދީންނަށް އިތުރު 2000 ހައުސިންގް ޔުނިޓް އަޅަން އިސްރާއީލުން ތައްޔާރުވެއްޖެއެވެ. އިސްރާއީލުން މިކަން ކުރިއަށް ގެންދަނީ ބައިނަލްއަގުވާމީ ގާނޫނަށް ގޮންޖަހައި، ފަލަސްޠީނު މީހުންގެ ހައްގުތަކަށް ބެލުމެއް ނެތިއެވެ.

މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ސުލްހައަށް ލޯބިކުރާ ފަރާތްތަކުން ދެކޮޅު ހަދަމުން ދަނިކޮށް، އާ ގެތައް އަޅަން ތައްޔާރުވަމުން ދާކަން އިއްޔެ ހާމަކޮށްފައި ވަނީ އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކުންނެވެ. މިއީ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ސަރުކާރުގެ މިފަދަ ފުރަތަމަ މަޝްރޫއަށް ވާއިރު، ފަލަސްޠީނު ސަރުކާރުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

"އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން އާއްމުކޮށްފައިވާ ގޮތުގައި މިހާރު ބިނާކޮށްފައިވާ ޔަހޫދީ އާބާދީތައް އިތުރަށް ފުޅާކުރުމަށް (ފަލަސްޠީނުގެ) ބިންތައް ހިފައިގެން އޮތް ސަރުކާރުން 2200 ހައުސިންގް ޔުނިޓް ބިނާކުރަން ނިންމާފައިވާތީ އެކަން އަހަރުމެން ކުށްވެރިކުރަން." ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ބުދަދުވަހު ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ މިއަމަލަކީ ފަލަސްޠީނު މީހުންގެ ހައްގުތަކަށް ފާޅުގައި އަރައިގަތުމުގެ އިތުރަށް، ސުލްހައިގެ މަސައްކަތް އަލުން ފެށުމަށް ބައިނަލް އަގުވާމީ މުޖުތަމައާއި އެމެރިކާއިން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމުގެ އަމަލެކެވެ.

ސަލާމަތީ މަސްދަރަކުން ބޭރުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކަށް މައުލޫމާތު ދިން ގޮތުގައި ހުޅަނގު އައްސޭރީގެ ސީ-އޭރިޔާގައި ފަލަސްޠީނު މީހުންނަށް އިތުރު އެެތައް ސަތޭކަ ގެ އެޅުމުގެ ހުއްދަ ދޫކުރާއިރު، ޔަހޫދީނަށް ދެހާހަށްވުރެ ގިނަ ގެ އެޅުމުގެ ހުއްދަވެސް ދޭނެއެވެ. ސީ-އޭރިޔާއަކީ އިސްރާއީލު ސިފައިން ޕްލޭންކޮށް ބަލަހައްޓާ ސަރަހައްދެވެ.

"ސީ-އޭރިޔާގައި އިތުރު 1000 ހައުސިންގް ޔުނިޓް އެޅުމުގެ ހުއްދަ ފަލަސްޠީނު މީހުންނަށް އަންނަ ހަފުތާގައި ދޭނެކަމަށް ބެލެވޭ. އެެއާއެކު ޔަހޫދީންނަށް 2000 ހައުސިންގް ޔުނިޓް އެޅުމުގެ ހުއްދަވެސް ދޭނެ." ނަން ހާމަކުރަން ބޭނުންނުވާ ސަލާމަތީ މަސްދަރުން ބުނެފައި ވެއެވެ.

އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓްގައި މެެރެޓްޒް ޕާޓީ ތަމްސީލުކުރާ ހަތް މެންބަރަކު ވަނީ ހިފާފައިވާ ބިންތަކުގައި ޔަހޫދީ އާބާދީތައް ފުޅާކުރުމުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ބޮޑުވަޒީރު ބެނެޓަށް ސިޓީ ފޮނުވާފައެވެ. މި ހަތް މެންބަރުންގެ ތެރޭގައި ތިން މިނިސްޓަރުންވެސް ހިމެނެއެވެ. މެރެޓްޒް ޕާޓީއަކީ ފަލަސްޠީނާއެކު ސުލްހަވުމަށް ތާއީދުުކުރާ ޕާޓީއެކެވެ.

އިސްރާއީލުން 1967 ވަނަ އަހަރު ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދްސު ހިފިފަހުން ހުޅަނގު އައްސޭރީގައި 7 ލައްކަ ޔަހޫދީން އާބާދުކޮށްފައި ވެއެވެ. ބައިނަލް އަގުވާމީ މުޖުތަމައުން ދެކަޭ ގޮތުގަައި މިއީ ޣައިރު ގާނޫނީ ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.