އަލްޖީރިޔާގެ ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާނުގައި 40 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އަލްޖީރިޔާގެ ޖަންގަލީގައި ރޯވެ އަނދަމުން ދަނީ

އަލްޖީރިޔާ (އަލްޖަޒާއިރު) ގެ ވެރިރަށް އަލްޖިއާސް (އަލްޖަޒާއިރު) އިރުން އޮންނަ ކަބީލިޔާ ސަރަހައްދުގެ ފަރުބަދަމަތީ ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާނުގައި 42 މީހުން މަރުވެއްޖެއެވެ. ރިޔާސީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އަލިފާން ނިވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ 25 މީހުން ހިމެނެއެވެ.

"ބިޔާޖާ އަަދި ތީޒީ ވަޒޫގެ ފަރުބަދަތަކުގައި ރޯވެ އަނދަމުންދާ އަލިފާނުން 100 ރައްޔިތުން ކާމިޔާބުކަމާއެކު ސަލާމަތްކުރި ގައުމީ އަސްކަރިއްޔާގެ 25 މީހުން ޝަހީދުވި ޚަބަރު އަހަރެންނަށް ވަނީ ލިބިފައި." އަލްޖީރިޔާގެ ރައީސު ޢަބްދުލް މަޖީދު ތަބޫންގެ ބަަޔާނުގައި ވެއެވެ.

ތީޒީ ވަޒޫ އަދި ބިޖާޔާ ސްޓޭޓުގައި އަނދަމުން މިދާ އަލިފާން ރޯވެފައި ވަނީ ގަދަ ހޫނުގެ ސަބަބުން ޖަންގަލީގެ ގަސްތައް ހިކިގެންގޮސް ކަމަށް ޚަަބަރުތަކުން ބުނާއިރު، އަލްޖީރިޔާ ސަރުކާރުން ވަނީ "މުޖުރިމް އަތްތަކެއް" އަލިފާން ރޯވުމުގެ ފަހަތުގައި ވާ ކަމުގައެވެ.

"އެތައް އަަވަށަކާއި ޕްރޮވިންސެއްގައި އެއްފަހަރާ ރޯވެ އަނދަމުންދާ 50 އަށްވުރެ ގިނަ އަލިފާންގަނޑު ރޯވުމުގެ ފަހަތުގައި މުޖުރިމް އަތްތަކެއް ނޫނީ ނުވާނެ." ކަބީލިޔާ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އަލްޖީރިޔާގެ އިންޓީރިޔާ މިނިސްޓަރު ކަމާލް ބަލްޖޫދް ވިދާޅުވިއެވެ.

ފާއިތުވި ޖުލައި މަހު ރައީސު ތަބޫން ވަނީ ގަސްތުގައި އަލިފާން ރޯކުރާ މީހުންގެ އަދަބަކަށް ގިނަ ވެގެން 30 އަހަރަށް ޖަލަށްލުން ކަނޑައަޅަން ގާނޫނުހަދާ މަޖިލީހަށް ބިލެއް ފޮނުއްވާފައެވެ. އަދި ޖުލައިމަހުގެ ތެރޭގައި އޫރާސް ފަރުބަދަތަކުގެ މަތީގައި ރޯވެ 15 އަކަކިލޯމީޓަރުގެ ސަރަހައްދެއް ހަލާކުވި އަލިފާންގަނޑު ގަސްތުގައި ރޯކުރުގެ ތުުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.  

ބޮޑުވަޒީރު އައިމަން ބިންޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ވަނީ އަލިފާން ނިވުމުގައި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިފައެވެ. އަދި ސަރުކާރުން ދަނީ އަލިފާންނިވާ މަތިންދާބޯޓުތައް ކުއްޔަށް ހިފުމާ ބެހޭގޮތުން އެކުވެރި ގައުމުތަކާ ވާހަކަދައްކަމުންނެވެ.

އަލްޖީރިޔާއަކީ ތުރުކީ، ގްރީސް އަދި އިޓަލީއަށް ފަހު މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި ޖަންގަލީގެ އަލިފާނާ ހަނގުރާމަކުރަމުންދާ ހަތަރު ވަނަ ގައުމެެެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އަލްޖީރިޔާގައި މިއަދު ފިނިހޫނުމުން 46 ޑިގްރީ ސެލްސިއަސް (115 ޑިގްރީ ފެރަންހައިޓް) އަށް އަރާނެއެވެ. އަދި އެ ގައުމުގައި ފެން ލިބުން ދަތިވުމަކީ ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަމެެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.