ޠާލިބާނުން 24 ގަޑިއިރުގެ ތެރޭގައި ދެ ޕްރޮވިންސުގެ ވެރިރަށް ހިފައިފި

ޒަރަންގެ ރަށްބޭރުގައި އޮތް ފުލުހުންގެ އުޅަނދެއް

ޠާލިބާން ޖަމާއަތުން އަފްޣާނިސްތާނު ސަރަހައްދުތައް ހިފަމުންދާ ދިއުމުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގެ ދެ ޕްރޮވިންސެއްގެ ވެރިރަށް ހިފައިފިއެވެ.

ޠާލިބާން ހަނގުރާމަވެރިން މިއަދު ހިފާފައި ވަނީ އުތުރުގައި އޮންނަ ޖޯޒްޖާން ޕްރޮވިންސުގެ ވެރިރަށް ޝަބަރްޣާންއެވެ،

ބޭރުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން އެ ޕްރޮވިންސުގެ ޑެޕިއުޓީ ގަވަރުނަރު ޤާދިރު މާލިޔާ ވިދާޅުވިގޮތުގައި އެ ރަށުގައި ތިބި ސަރުކާރު ސިފައިންނާއި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ރަށްބޭރުގައި އޮތް އެއާޕޯޓަށް ފަހަތަށް ޖެހިފައެވެ. އެމީހުން އެކަންކުރީ ރަށް ދިފާއުކުރުމަށް ތައްޔާރުވުމަށް ކަމަށް ބުނެއެވެ.

"ނަސީބު ދެރަކަމުން ރަށް (ޠާލިބާނުންގެ ދަށަށް) ހިނގައްޖެ." ޑިޕިއުޓީ ގަަވަރުނަރެވެ.

ޝަބަރޣާންއަކީ އުތުރުގެ ބާރުގަަދަ ހަނގުރާމަވެރި ލީޑަރު ޢަބްދުއްރަޝީދު ދޯސްތަމްގެ ބާރުގަދަ މަރުކަޒެކެވެ. ތުރުކީގައި ބޭސްފަރުވާއަށް ދުވަސްތަކެއް ހޭދަކުރުމަށް ފަހު އޭނާ އަފްޣާނިސްތާނަށް އެނބުރިއައީ ފާއިތުވި ހަފުތާގައެވެ.

ޕްރޮވިންސެއްގެ ވެރިރަށަކަށް ޠާލިބާންގެ އަތްދަދަށް ފުރަތަމަ ދިޔަ ރަށަކީ ނިމްރޯޒް ޕްރޮވިންސުގެ ވެރިރަށް ޒަރަންޖްެއެވެ. އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި އެ ރަށް ހިފާފައެވެ.

އީރާނުގެ ސަރަހައްދީ ރޮނުގު ކައިރީގައި އޮންނަ ވިޔަފާރީގެ މަރުކަޒެއް ކަމުގައިވާ ޒަރަންްޖް ހިފި ވާހަކަ ފުރަތަމަ އާއްމުކޮށްފައި ވަނީ ޠާލިބާން ޖަމާއަތުން ކުރި ޓުވީޓެއްގައެވެ.

ރޮއިޓަރސްއަށް މައުލޫމާތުދެއްވަމުން ނިމްރޯޒް ޕްރޮވިންސުގެ ޑެޕިއުޓީ ގަވަރުނަރު ރޫޙް ގުލް ޚައިރްޒާދް ވިދާޅުވި ގޮތުގައި އެރަށް ޠާލިބާން ޖަމާއަތުގެ އަތްދަށަށް ގޮސްފައިވަނީ އެއްވެސް ހަނގުރާމައެެއް ކުރުމެއް ނެތިއެވެ.

ޠާލިބާން ޖަމާއަތުން ވަނީ ރަށްފުށުގެ ބޮޑުބައެއް ހިފުމަށް ފަހު ބޮޑެތި ރަށްރަށް ހިފުމަށް މިސުރާބުޖަހާފައެވެ. އެ ޖަމާއަތުގެ އަމާޒަކަށް ވެފައިވާ ބޮޑެތި އެެހެން ރަށްރަށުގެ ތެރޭގައި ހިރާތު، ކަންދަހާރު އަދި ލަޝްކަރްގާހް ހިމެނެއެެވެ. އެ ޖަމާއަތުގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ބޮޑުބައެެއް ހިފަމުން ދާއިރު، އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އަފްޣާނިސްތާނުގައި ތިބި އެ ދެ ގައުމުގެ ރައްޔިތުން އަވަަހަށް އެ ގައުމުން ފޭބުމަށް އިލްތިމާސްކޮށްފައެެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ސަލާމަތީ މަޖިލީހުންވެސް ވަނީ އަފްޣާނިސްތާނު މައްސަލައާމެދު މަޝްވަރާކުރުމަށް ޖަލްސާއެއް ބޭއްވުމަށް ފަހު، އަފްޣާނިސްތާނުގެ ހާލަތު ދުވަހުން ދުވަހަށް ނުރައްކާތެރިވަމުން ދާކަން ހާމަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.