ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގައި ނުފެންނަ ޞަފުޙާތައް (18)

ޖުމްހޫރީ ދުވަހުގެ ފާތިޙާ ވިދާޅުވުން – ހެނދުނު 6 ޖެހިއިރު، ހުކުރު  މިސްކިތުގައި، އިސްވެ ފާތިޙާ  ވިދާޅުވީ ޖަލާލުއްދީން. އަރިހުގައި ތިއްބެވީ އަމީންދީދީ، ޝައިޚު އިބްރާހީމް ރުޝްދީ އަދި ވެލާނާގޭ އިބްރާހީމް ދީދީ

(26 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

23 ޑިސެމްބަރ 1952 ގެ "ސްޓާރ" އިން ނަގާފައި

އައު މެންބަރު

ބްރިޓިޝް ކޮމަންވެލްތަށް އައު މެންބަރަކު އިތުރުވުމުގެ ވާހަކަ ނުދައްކައި ދިޔަދީގެން ނުވާނެއެވެ. ޚާއްޞަކޮށް އެއީ ޖުމްހޫރިއްޔާއަކަށް ވީ ހިނދުއެވެ. ދިވެހިރާއްޖެ އޮތްތަނެއް ހޯދުމަށްޓަކައި ގިނަމީހުންނަށް ޖެހޭނީ ދުނިޔޭގެ ޗާޓެއް ހޯދައި ބަލާށެވެ. އެބައިމީހުންނަކީ، ސިލޯނާ މާދުރުނޫން ހިސާބެއްގައި، އިންޑިއާ ކަނޑުގައި އޮންނަ ކުދި ރަށް ތަކެކެވެ. ޖެނުއަރީ 1 ގައި އެތަނުގައިވަނީ ޖުމްހޫރީ ވެރިކަމެއް ޤާއިމުކޮށްފައެވެ. (މިހާރު އެމީހުންނަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައިވާ ބަޔެކެވެ.) އެހެންނަމަވެސް، އެމީހުން ދެމިއޮންނާނީ ކޮމަންވެލްތުގެ ޤައުމެއްގެ ގޮތުގައެވެ.

މި ކުރިއެރުމަކީ، ޝައްކެއްނެތްގޮތުގައި، އެމީހުންނަށް ޙައްޤު އަދި ލާޒިމު އެއްޗެކެވެ. އެހެނަސް، ކޮމަންވެލްތުގެ ފުރިހަމަ މެންބަރެއްގެ ޙައިޞިއްޔަތާމެދު އަނެއްކާވެސް ސުއާލު އުފެދެއެވެ. ދިވެހިރައްޖޭގެ ބޮޑުމިނަކީ، 115 އަކަމޭލެވެ. ޖޮހެނަސްބަރގް އަށްވުރެ ކުޑަތަންކޮޅެއް ބޮޑެވެ. އާބާދީއަކީ ގާތްގަނޑަކަށް އެއްލައްކަ މީހުންނެވެ. އެމީހުން (ކާށި) ރުއް ހައްދައެވެ.

އަލަށް މިހަމަޖެހުނު މެންބަރަށް، މިހާރު ތިބި މެންބަރުންނެކޭ އެއްގޮތަށް، ކޮމަންވެލްތުގެ ކައުންސިލްގެ ގޮނޑިއެއް ލިބޭނެ ހެއްޔެވެ؟ ބޭރުގެ އަނދިރިކަމުގެ ތެރެޔަށް، ދިވެހިރާއްޖޭގެ އެކުވެރި ރައްޔިތުން ވާސިލުވުމަކީ މިމައްސަލައިން ނުކުމެދާނެ ނަތީޖާއެއްކަމަށް ބެލިގެން ނުވާނެއެވެ. އެހެންނަމަވެސް،  ކާއްޓާއި މުރަކަޔަށް، އެސޯސިއޭޓް މެންބަރޝިޕެއް ނުވަތަ ޖޫނިއަރ ކްލަބެއްފަދަ ޙައިޞިއްޔަތެއް ދިނުމުގެ ވަގުތު، އަދި ނުޖެހޭކަމަށް އެމީހުންނަށް ހީވެދާނެއެވެ.

****

9 ޖެނުއަރީ 1953

އަޅުގަނޑުގެ ހެޔޮއެދޭ މރ. އަމީން ދީދީއަށް،

މިދިޔަ ހަފުތާގައި، މަނިއްޕުޅާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެންނަށް އަދާކޮށްދެއްވި އިޚުލާޞްތެރި އަދި ފުރިހަމަ މެހެމާންދާރީއަށް ޙައްޤުގޮތުގައި، ޝުކުރުއަދާކުރުމަށްޓަކައި ބޭނުންކުރާނެ، ފުރިހަމަ ބަސްތަކެއް ހޯދުމަކީ އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަށް އެހައި ފަސޭހަ ކަމެއްނޫނެވެ. ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔާއަކަށް ބަދަލުވެ، މަނިއްޕުޅު އެޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، މަނިއްޕުޅާއެކު ބައިވެރިވެ، ލިބުނު ތަޖުރިބާއަކީ، އަޅުގަނޑަށް ވަރަށް އަގުހުރި އެއްޗަކަށްވިއެވެ. އަޅުގަނޑަކީ ޢާއިލާގެ މެންބަރެކޭ އެއްފަދައިން ހިއްތަވާ، އިނގިރޭސިވިލާތުން އައި ބަޔަކަށްވީތީ، ދެއްވި ދަރަޖަމަތިވެރި ޚިދުމަތަކީ، އަދި ވަކިން ކުޑަ ތަޖުރިބާއެއްނޫނެވެ.

ކޮންމެ ކަމެއްގައިމެ، ތައްޔާރުތައް ކުރައްވާފައިވާލެއް ފުރިހަމަކަމަށްޓަކައި، އަޅުގަނޑުމެން  މަނިއްޕުޅަށް މަރުޙަބާ ދަންނަވަމުއެވެ. ހަމައެކަނި، ދަރުބާރުގެ ރަސްމިއްޔާތުތައް ފުރިހަމަޔަށް ދިއުމާއި އެއްބަސްވުމުގައި ސޮއިކުރުން ހިނގައި ދިޔަލެއް ފުރިހަމަކަން އެކަންޏެއްނޫނެވެ. އަޅުގަނޑުމެންނަށް ޚާއްޞަކުރައްވައިގެން، އިންތިޒާމްކުރެއްވި، އިޖުތިމާޢީ ޙަރަކާތްތައްވެސް މެއެވެ. ރަސްމީ ޕްރޮގްރާމުގެ ތެރެއިން، އެއްވެސް އުނިކަމެއް އަޅުގަނޑުމެންނަށް އިޙުސާސްކުރެވިފައެއް ނުވެއެވެ. އަދި ރަސްމީ ގޮތުންނާއި ނުރަސްމީގޮތުން ބޭއްވުނު ޙަފުލާތަކުގައި، އަޅުގަނޑުމެންނަށް ލިބުނު ހޫނު ތަރުޙީބާއި މަރުޙަބާއަކީ ވަރަށް އަޅައިގަތް އަދި ފާހަގަކުރެވޭފަދަ ކަންތައްތަކެކެވެ.

ނިންމައިލުމުގެ ކުރިން، އަޅުގަނޑުމެންނަށްޓަކާ،  ޚާއްޞަކޮށް ތައްޔާރު ކުރައްވައިގެން، ދެއްވި ދިވެހި އަތްތެރިމަސައްކަތުގެ އުފެއްދުމުގެ ހަދިޔާއަށްޓަކައި، އަޅުގަނޑުމެން ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ. އެތަކެއްޗަކީ، އެދަތުރުގެ ހަނދާންތައް، އަޅުގަނޑުމެންގެ ހަނދާނަށް ވަގުތުން ގެނެސްދޭނެ އެއްޗަކަށް ވެއެވެ.

ތިޔަ ޖަޒީރާ ރަށްތަކުގެ ނިމުމެއްނެތް ކުރިއެރުމާއި، ތަރައްޤީއަށް އަދި އުފާފާގަތިކަމަށް އެދޭ ޙާލު، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި މަނިއްޕުޅަށް، އިޚުލާޞްތެރިކަމާއެކު، ހެޔޮއެދުންތައް ފޮނުވަމެވެ.

މަނިއްޕުޅަށް އެންމެ އިޚުލާޞްތެރި

 (ސޮއި) ސީ.ޖީ.އެލް. ސިޔަރސް

ޢިއްޒަތްތެރި އޭ.އެމް. އަމީން ދީދީ

***

މރ. އެންޓްރޯބަސް

އަޅުގަނޑުމެން ވާހަކަ ދެއްކިގޮތަށް، އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކޮންމެ ގޮތެއްވިޔަސް މަނިކުފާނު ތި ހުށަހަޅުއްވަނީ؛

 (ހ) 18 ވަނަ ޞަފުޙާގެ ނަކަލެއް، ފޮރިން އޮފީހަށާއި، ކަނޑުގެ ބާރުތަކުގެ މަރުކަޒަށް (އަދި އެއަރ މިނިސްޓްރީ އަށްވެސް)؛ އަދި

 (ށ) ހައިކޮމިޝަނަރގެ ސިޓީއާއި އެސިޓީއާއެކު ހަރުކުރެވިފައިވާ ލިޔުންތަކަކީ، ތާރީޚީ ލިޔުންތަކެއްކަމުގައި ބަލައި، އޮފީހުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި ޝާއިޢުކުރުން (ޔައުމިއްޔާގައިވެސް ތިބޭފުޅާ ފާހަގަ ކުރައްވާފައިވާ ގޮތަށް.)

  1. ކަން މިހެން އޮތުމާއެކު، މިހާރު އުފެދޭ ސުއާލަކީ، ( އޮފީސްތެރޭގެ ލިޔުމެއްގެ ގޮތުގައި ބެހުމުގެ އިތުރަށް ) ކެބިނެޓް ބީ ފަދަ، އަދި ޑީއައި އައި އަށް ބެހުމަށް "ސީ. އާރު. އޯ ޕްރިންޓް" ގެ ގޮތުގައި މި ލިޔުން ޝާއިޢު ކުރާނެތޯއެވެ.
  2. ލިޔުމުގެ އެންމެ ފަހު ޕެރެގްރާފަށް ބަލާއިރު، ވީހާ ގިނަބަޔަކަށް މިލިޔުން ފޮނުވާ، ބެހުމަށް ޚާއްޞަކަމެއް ދެވިފައިވާތަން ފެނެއެވެ. އަދި ބޮޑުބައި (މިސާލަކަށް، 1 އިން 12 ވަނަ ޕެރެގްރާފަށް، އަދި 39 އިން ފެށިގެން ލިޔުން ނިމެންދެން) އެއީ ޢާންމު ޝަޢުޤުވެރިކަމެއް ދޭހަވާގޮތަކަށް ލިޔެވިފައިވާކަންވެސް ފާހަގަ ކުރެވެއެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް، މިލިޔުން ބެހުމަށް ބަލާއިރު، ލިޔުމުގެ ދިގުކަމާއި ތަފުޞީލުކޮށްދެވިފައިވާލެއް ބޮޑުކަމުން ، އަޅުގަނޑުމެން ދެމީހުންވެސް މިތިބީ ކަންބޮޑުވެފައެވެ. އަދި އަޅުގަނޑުމެންނަށް މިއޮތީ، "އެދަތުރު" ގެ ތަފުޞީލުތަކުން، ޕެރެގްރާފް 13 އިން 38 އަށް އުނިކޮށް، އިޞްލާޙުކުރުމަށް މަޖުބޫރުވެފައެވެ. އެހެންކަމުން، ސީ.އާރ.އޯގެ ޗާޕަށް، ހަމައެކަނި ބޭނުން ކުރެވޭނީ، މުޅި އެ ލިޔުމުގެ "މުހިންމު ނުކުތާތައް" އެކަންޏެވެ. އެހެންކަމުން، ޕެރެގްރާފް 13 އިން 38 އަށް ބަލައިލުމުން، ކުލަ ބަދަލުނުކޮށް، އުނިކަމެއް ނާންނަ ގޮތަށް، ލިޔުން ކުރުކޮށްލުމަކީ، ވަރަށް ދަތިކަމަކަށް ވާނެކަމަށް އަޅުގަނޑަށް ފެނެއެވެ.
  3. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، އެހެންކަމުން، ވިދާޅުވާ ބައެއް ބޭފުޅުންނަށް ފަސޭހަޔަކަށްޓަކައި، އެލިޔުން، ސުރުޚީ ތަކެއްގެ ދަށުން ބައިބައިކުރެވިފައިވާތީ، އަޅުގަނޑަށް ބުރަވެވެނީ، ހަރުކުރެވިފައިވާ އިތުރު ލިޔުންތައް ނުލައި، ދެބަޔަކަށް އެލިޔުން ޝާއިޢުކުރުމަށެވެ. އަދި މިނިސްޓަރުން ވިދާޅުވުމަށް މާގިނަ ލިޔުންތަކެއް އަރިސްކުރުމުގެ އުނދަގޫފުޅަށް، އަޅުގަނޑުމެންނަށް ޖެހޭނީ، ގޮތްނޭނގިތިބެ އެކަން ކުރާށެވެ.
  4. މިހާތަނަށް، ޕޮލިޓިކަލް އެފެއާރޒް ޑިޕާރޓްމަންޓަށް ވިސްނާއިރު، ޝާއިޢު ކުރުމުގެ މައްސަލައިގާ، މަތީގައި ބަޔާންކުރެވިފައިވާ ވިސްނުމާމެދު، މރ. ސެޖްވިކްގެ ޚިޔާލެއް ހޯދުމަށް، އަދި ޝާއިޢުކުރުމުގެ މައްސަލައިގާ، ސަރ ސީ . ސައިޔަރސް އާ އޭނާ ވާހަކަދައްކަވާފައިވާނެތީ، އޭނާގެ އަރިހަށް މިމައްސަލަ ފޮނުވަން އަޅުގަނޑަށް ފެނެއެވެ.

އީ.އާރ. ސަޑްބަރީ

30 ފެބްރުއަރީ 1953

***

ޔައުމިއްޔާއިން ފާހަގަ ކުރެވޭނެފަދައިން، މިލިޔުން، ޝާއިޢުކުރުމުގެ މައްސަލައިގާ، މރ. ސަޑްބަރީގެ ޚިޔާލު ހޯދައިފީމެވެ. މިލިޔުން ޝާއިޢުކުރެއްވުމަކީ، ލިޔުން ލިޔުއްވި ފަރާތުން ބޭނުންވާނެ ކަމެއްކަން ، ޝައްކެއްނެތި އެނގެއެވެ. އެހެން ނަމަވެސް މިއީ ވަރަށް ދިގު ލިޔުމެކެވެ. އަދި ޝާއިޢުކޮށްގެން އެއްގޮތަކަށްވެސް ކަމުނުދާނެ ބައެއް ބަސްބަހާއި ޖުމްލަވެސް އެބަހުއްޓެވެ. އެހެންކަމުން ޢާންމު ވިސްނުމަށް ބަލާފައި، މިލިޔުން ޝާއިޢުކުރުމަކީ، ބޭނުންތެރިކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ދިވެހިރާއްޖެއަށް، މާލީ އެހީދިނުމަށް މަޝްވަރާކުރަން ޖެހިއްޖެ ހިނދެއްގައި، މަ ޝާވަރާ ކުރެވޭ އިރު، ބޭނުންކުރުމަށް، ތަފާތު ޑިޕާރޓްމަންޓްތަކަށް މިލިޔުމުގެ ކޮޕީ ފޮނުވުމަކީ، ބޭނުންތެރިކަމެއްކަމުގައި އަޅުގަނޑަށް ފެނެއެވެ. މިލިޔުން ދެބަޔަކަށް ބައިކޮށް ޝާއިޢުކުރުމަށް، މރ. ސަޑްބަރީ ލަފާދެއްވައެވެ. ޝައްކެއްނެތްގޮތުގައި، ހަރުކުރެވިފައިވާ އިތުރު ލިޔުންތައް ނުލައެވެ. އަމިއްލަ ޙައިޞިއްޔަތުން ވިސްނާއިރު، ތިރީގައި ބަޔާންކުރެވިފައިވާ ޕެރެގްރާފްތައް އުނިކޮށްލުމަށް، އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފުން އަޅުގަނޑަށް ފެނެއެވެ.

      13 ފުރަތަމަ ޖުމްލަ ފިޔަވައި

      16 އިން 20 އަށް، 22 އިން 24 އަށް، 28، 35

      37 ފުރަތަމަ ޖުމްލަ ފިޔަވައި

      38، 40 އިން 42 އަށް

      އަދި 8 ވަނަ ޞަފުޙާގައި ޑެންޓިސްޓާ ޙަވާލާދީ ލިޔެފައިވާ ވާހަކަތައް

ޝާއިޢުކުރުމުގައި ނިމޭގޮތަކުން، ފޮޓޯތަކާނުލާ، އެހެން އިތުރު ލިޔުންތަކާއެކު، ސަލާމަތީ ބާރުތަކުގެ ލަޝްކަރަށާއި އެއަރމިނިސްޓްރީ އަށް އެލިޔުން ފޮނުވުމަށް ފަސޭހަވާނެއެވެ. އަދި ރަނގަޅުތޯ ބެލުމަށްފަހު، އަނބުރާ ފޮނުވާގޮތަށް ކޮލޮނިއަލް އޮފީހަށްވެސް ފޮނުވޭނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި، ކޮންމެހެން ގަނޑުވަރަށް، މިލިޔުން ފޮނުވުމުގެ ބޭނުމެއް ނެތެވެ. އެހެނަސް ޝާއިޢުކުރެވޭ ލިޔުން ގަނޑުވަރަށްވެސް ދާނެއެވެ. ސަރ ޕީ ލީސްޗިންގ މިލިޔުން ބައްލަވައިލައްވަން ބޭނުންފުޅުކަމުގައި އަޅުގަނޑުގާތު ވަނީ ވިދާޅުވެފައެވެ. އަދި ސެކްރެޓަރީ އޮފް ސްޓޭޓްވެސް މިލިޔުން ބައްލަވައިލައްވަން ޖެހޭނެކަމަށް ސަރ ޕީ ލީސްޗިންގ ވިދާޅުވެއެވެ. އެއީ ސަރ ސީ ޕައިޔަރސްގެ (ލޯރޑް ހެލިފެކްސްގެ ދަތުރުފުޅާބެހޭ) އަމިއްލަފުޅު ސިޓީގައި އެގޮތަށް ލިޔުއްވާފައި ވާތީއެވެ.

"ވަރަށް ޝަޢުޤުވެރިކަމާއެކު އެލިޔުންތައް ކިޔައިފިން" ކަމުގައި ދަންނަވައި، އަޅުގަނޑުމެން ލަސްނުކޮށް ޖަވާބު ފޮނުވަން ޖެހޭނެ މެއެވެ. އަދި ކަމާބެހޭ ފަރާތްތަކަށް ބެހުމަށްޓަކައި އެލިޔުން ކުރުކޮށްލުމަށް ނިންމާފައިވާކަން، ނުރަސްމީ ސިފައެއްގައި ސަރ  ސީ ސައިޔަރސް އަށް ދަންނަވަން ޖެހޭނެއެވެ. އަދި އެންމެފަހުން، ކުރީގެ ޔައުމިއްޔާގައި ވާ ގޮތަށް، ސީ . އާރ . އޯ  . ކޮންފަރެންސަށް ތައްޔާރުވުމަށްޓަކައި އެލިޔުންތައް، އަލުން ފޮނުވުމަށް ނޯޓެއްވެސް ތައްޔާރު ކުރަން ޖެހޭނެއެވެ.

(ނިމުނީ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.