
މި ދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއަކީ އެމަނިކުފާނަކީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް އިހާނެތިކޮށް ވާހަކަފުޅު ދައްކަވައި އިސްލާމް ދީނުން ބޭރުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ގަބޫލު ކޮށްގެން ކަމަށް ފުލުހުން ބުނެފިއެވެ.
މިރތޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި މި ހަމަލާގައި ބައިވެރިވި މީހުންނަކީ އައިސިސްގެ ފިކުރަށް ތާއީދު ކުރާ ބައެކެވެ. އަދި ދިވެހި ދައުލަތާއި ދިވެހި ބިމަކީ ކުފުރުގެ ބިމެއް ކަމަށް ގަބޫލުކޮށްގެން ތިބި ބައެކެވެ. މި މީސްމީހުންނަކީ ދީނީ އެއްވެސް ތައުލީމެއް ލިބިފައިވާ ބައެއް ނޫނެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދުގެ ލޭ މިހާރު ވަނީ އެމީހުންނަށް ހުއްދަ ވެފައެވެ. އެމަނިކުފާނަކީ އަވަހާރަކޮށްލާން ޖެހޭ ބޭފުޅެކެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމުގެ މަސައްކަތަކީ މި އަހަރު ފެށޫނު ކަމެއް ނޫން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމަނިކުފާނު ދިރިއުޅުއްވި މާފަންނު ޔާގޫތުގޭ ކައިރީގައި ސައިކަލެއް ބަހައްޓައިގެން އައިއީޑީއެއް ގޮއްވާލަން ހަމަ މި ގުރޫޕުން މަސައްކަތް ކުރިއެވެ. އެއީ 2020 ވަނަ އަހަރުއެވެ. އެ މަސައްކަތް އެ ތާޏގައި ކުރުން ދަތި ވެގެން ހުއްޓައިލީއެވެ. އެ ފަހަރު ރާވާފައި އޮތީ ޖާނުން ފިދާވެގެން ނަމަވެސް ހަމަލާ ދޭށެވެ.
އެޔަށް ފަހު މޭރީ ބްރައުން ޕާކިންގ އޭރިއާގައި ސައިކަލު ބަހައްޓައިގެން ގޮއްވާލަންވެސް އުޅުނެވެ. އެ ސަރެަހައްދުގައި އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ ކެނެރީގެ ހުން ނީލޯފަރު މަގުން މަޖީދީ މަގަށް ނުކުންނަ ކަންމަތީގައި ސައިކަލު ބަހައްޓައިގެން މޭ މަހުގެ 6 ވަނަ ދުވަހު ގޮއްވައިލީއެވެ.