ޚިޔާލުތަފާތުވުމަށް ސުޕްރީމް ކޯޓުން ޙައްލެއް ހޯދިދާނެކަމުގެ އިޝާރާތެއް މަޖިލީހުގެ ރައީސް ދެއްވައިފި

ޤާނޫނުއަސާސީ އިޞްލާހު ކުރުމާމެދު މެމްބަރުންގެ މެދުގައި އޮތް ޚިޔާލު ތަފާތުވުމަށް ސުޕްރީމް ކޯޓުން ޙައްލެއް ހޯދިދާނެކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު  ދެއްވައިފި އެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި މެންދުރަށް ހުއްޓާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މިކަމަށް އިޝާރާތްކުރައްވައިފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުން ޚިޔާލު ތަފާތުވެފައިވާ މައްސަލައަށް ލަފަޔެއް އިރުޝާދެއް ޤާނޫނުއަސާސީގައި ބުނާ ގޮތުން އޮތީ ސުޕްރީމްކޯޓުން ކަމަށެވެ. ނަމަވެސް އެކަން ހިންގާނެ ގޮތް ނިންމާނީ ޤާނޫނުގައި ވާގޮތުން މެމްބަރުންކަމަށެވެ.

ކައުންސިލްތައް ދެމި އޮތުމާ ގުޅޭގޮތުން ބަންޑާރަ ނާއިބާ ކައުންސިލަރޖެނެރަލް އިއްތުފާޤުވާ ޤާނޫނީ ހަމަ މެމްބަރުން މުޅިއަކުން ބަލައި ނުގަންނަކަމަށް ވެސް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ބަންޑާރަނައިބާއި ކައުންސެލަރ ޖެނަރަލް އިއްތުފާޤުވާ ގޮތްތަކެއްވޭ، ނަމަވެސް މެމްބަރުން އެގޮތްތައް މުޅިއަކުން ބަލައެއް ނުގަނޭ. މިކަހަލަ ޙާލަތެއްގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތައް އަޅުގަނޑުމެނެ ބޭނުން ކުރަންޖެހޭ. ޤާނޫނު އަސާސީގައި ބުނާގޮތްތަކާމެދު ލަފާބޭނުންވޭ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ބަންޑާރަ ނާއިބް ލަފާދެއްވައިފައިވާ ގޮތުން ދިމާވާ ޤާނުނީ ހުސްކަން ފޫބެއްދޭނީ ހަމައެކަނި ހަމަޔަކީ މިހާރު ތިބި ކައުންސެލަރުންގެ މުއްދަތު އިތުރުކޮށްގެންކަމަށެވެ. އެމުއްދަތު އިތުރު ކުރެވޭނީ ޤާނޫނު އަސާސީއަށް ގެންނަ ބަދަލަކުންކަމަށެވެ. އެލަފަޔާ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ވެސް ޢިއްތިފާޤުވާކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ވިދާޅުވީ ޤާނޫނުއަސާސީއަށް މިހާރު ހުށަހެޅިފައިވާ އިޞްލާޙާއެކު އެހެން މާއްދާއަކަށް ވެސް އިޞްލާޙު އަންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އެއީ ޤާނޫނުއަސާސީ ގެ 231ވަނަ މާއްދާ ކަމަށް ވިދާޅުވިއެވެ. 231 ވަނަ މާއަދާގެ (ހ) ގައި ކައުންސިލަރުންގެ މުއްދަތު އިތުރުކުރާނެ ގޮތް އެއީ ޑިމޮކްރެޓިކް އުޞޫލުން ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެމްބަރުން ކަމަށެވެ. އެމާއްދާއަށް ރިއާޔަތް ނުކޮށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމަކީ އެންމެ ރަނގަޅު ގޮތްތޯ ވެސް މަޖިލީހުގެ ރައީސް ވަނީ ސުވާލު އުފައްދަވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.