ކޮވިޑް-19 ކޮންޓުރޯލުކުރުމަށް އަޅާފައިވާ ފިޔަަވަޅުތަކުގެ ދަށުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީ ސަރުކާރުން ހުއްދަދިން މީހުން މައްކާއަށް އެތެރެވެ ގެފުޅުގެ ވަށައިގެން ޠަވާފުކޮށްފިއެވެ. ޙައްޖުވެރިން ޙައްޖުގައި ހިމެނޭ ފުރަަތަމަ އަޅުކަން އަދާ މިކުރީ މައްކާއަށް ވަންނަން ސައޫދީ ސަރުކާރުން ކަނޑައަޅާފައިވާ ހަތަރު މަގަކުން މައްކާއަށް އެތެރެވުމަށް ފަހުގައެެވެ.
ޕަބްލިކް ސޭފްޓީގެ އެސިސްޓެންޓް ޑިރެކްޓަރ އަދި ޙައްޖު ސެކިއުރިޓީ ފޯސަސްގެ ކޮމާންޑަރު މޭޖަ ޖެެނެރަލް ޒައިދް ބިން ޢަބްދުރައްރަޙްމާން އައްޠަވްޔާން ވިދާޅުވި ގޮތުގައި މިއަހަރުގެ ޙައްޖު މޫސުމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ވަރަސް ފުރިހަަމައަށް ތައްޔާރުވެފައެވެ. ޙައްޖަށްޓަކައި ޙަރަމްުފުޅުގެ ވަށައިގެން ކަނޑައަޅާފައިވާ 'ރައްކާތެރި ބުރު'ގެ ތެރެއަށް އިހުރާމްގައި ވެސް އަދި އިހުރާމުގައި ނޫނަސް ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ ނުވަދެވެއެވެ.
ފާއިތުވި އަހަރުތަކުގައި އާއްމުކޮށް 1.5 މިލިއަނާ 2.5 މިލިއަނާ ދެމެދުގެ އަދަދެއްގެ މީހުން ޙައްޖުގެ އަޅުކަން އަދާކުރި ނަަމަވެސް، ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށިފަހުން އައި ދެ ޙައްޖުގަވެސް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތުދީފައި ވަނީ މަދު ބަޔަކަށެވެ. އެވެސް ސައޫދީ އަރަބިއްޔާގެ ތެރެއިން އަންނަ މީހުން އެކަންޏެވެ. ފާއިތުވި އަހަަރު 10 ހާސް މީހުންނަށް ފުރުސަތު ދީފައިވާއިރު، މިއަހަރު ފުރުސަތު ދީފައި ވަަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 60 ހާސް މީހުންނަށެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއެކު 2 ލައްކަ 40 ހާސް މީހުން ހުށަހެޅިއެވެ. މީހުން ހޮވުމުގައި އިސްކަން ދީފައި ވަނީ ފާއިތުވި 5 އަހަރުގެ ތެރޭގައި ޙައްޖުވެފައި ނުވާ މީހުންނަށާއި، އުމުރުން 50 އަހަރަށްވުރެ މަތީ މީހުންގެ ތެރޭން އެއްގޮތަކަށްވެސް ޙައްޖުވެފައިނުވާ މީހުންނަށެވެ.
ޙައްޖު މިނިސްޓްރީގެ ތަރުޖަަމާނު ހިޝާމް ސަޢީދު ވިދާޅުވިގޮތުގައި އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ ތިން ގަޑިއިރެއްގެ ތެރޭގައި ޙަރަމްފުޅަށް ވައްދާނީ 6 ހާސް މީހުންނެވެ. އެމީހުން ނުކުތުމުން އަނެއް 6 ހާސް މީހުން ވައްދާނީ މުޅިތަން ސެނިޓައިޒް ކުރުމަށްފަހުގައެވެ.
ޙަރަމްފުޅުގައި އަޅުކަން އަދާކޮށް ނިމިގެން ނުކުންނަ މީހުން ޚާއްސަ ބަސްތަކުގައި ގެންދަނީ މިނާއަށެވެ. މިނާގެ ފޭލިގެތަކުގައި މާދަމާއާއި މާދަމާރޭ ތިބުމަށްފަހު ޙައްޖުދުވަހުގެ (ހޯމަ ދުވަހުގެ) ހެނދުނު ޙައްޖުވެރިން ގެންދާނީ ޢަރަފާތް ބިމަށެވެ.
ދުނިޔޭ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ބައްދަލުވުމެއްގައި ފާއިތުވި ޖޫން މަހު ވާހަކަފުޅުދައްކަވަމުން ސައޫދީ ޑެޕިއުޓީ ޙައްޖު މިނިސްޓަރު ހާނީ ޖޯޚްދާރް ވިދާޅުވެފައިވާ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރާ މީހުން ވަކި އަދަދެއްގެ ތެރޭގައި ހިފަހައްޓަން ސައޫދީ ސަރުކާރުން ނިންމީ އާއްމުންގެ ރައްކަލަކަށެވެ. އަދި މިއަހަރުގެ ޙައްޖަކީ ކޮވިޑް-19 ފަތުރާ މުނާސަބަަތަކަށް ވިޔަ ނުދިނުމަށެވެ.