ދެކުނު އެފްރިކާގެ ކުރީގެ ރައީސު ޖެކޮބް ޒޫމާ ޖަލަަށްލުމާ ގުޅިގެން އެގައުމުގައި ފެށުނު އިހްތިޖާޖު ބޮޑު ހަމަނުޖެހުމަށް ބަދަލުވެ، އެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 72 އަށް އަރައިފިއެވެ.
ގިނަ ބަޔަކު މަރުވެފައި ވަނީ ފިހާރަތަކާއި، ޝޮޕިންގ ސެންޓަރުތައް ލޫޓުވަން ގިނަ ބަޔަކު އެެއްފަހަރާ ވަދެގަތުމުގެ ސަބަބުން ފިތިބާރުވެ، ވެއްޓި މީހުންގެ ފައިދަށުވެގެންނެވެ. މިގޮތަށް މަރުވި މީހުންގެ ތެރޭގައި ހޯމަ ދުވަހުގެރޭ ސްވެޓޯގެ ޝޮޕިންގ ސެންޓަރެއް ލޫޓުވަން ވަން މީހުން ފިތިބާރުވެގެން މަރުވި 10 މީހުންވެސް ހިމެނެއެވެ.
ފާއިތުވި ހަފްތާގައި ފެށުނު ހަމަނުޖެހުންތައް ކޮންޓުރޯލުކުރުމުގައި ފުލުންނަށް އެހީވުމަށް މިހާރު ވަނީ ސިފައިންވެސް މަގުމައްޗަށް ނެރެފައެވެ. ސިފައިންގެ 2500 މީހުން މަގުމައްޗަށް ނެރެފައި ވާއިރުވެސް، އަދިވެސް ހަމަނުޖެހުތައް ކޮންޓުރޯލު ނުކުރެވި ދަނީ ކުރިއަށެވެ.
ނަސްލީ އިމްތިޔާޒު ނިމުމަަކަށް ގެނެސް، ހުރިހާ ނަސްލެއްގެ މީހުން ހިމެނޭ ދައުލަތެއް ދެކުނު އެފްރިކާގައި ގާއިމުވި ފަހުން 27 އަހަރުވިނަމަަވެސް، އަދިވެސް މުުޖުތަަމައު ތެރޭގައި ހުރި ތަފާތުކުރުންތައް ނައްތާލެވިފައި ނުވާތީ، އުފެދިފައި އޮތް ރުޅިވެރިކަން ޒޫމާ ޖަލަށްުލުމާ ގުޅިގެން އިތުރުވެ، އެރުޅިވެރިކަން މިހާރު ވަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. އިއްޔެ ޖޮހެނަސްބާގުގައި ފިހާރަތައް ލޫޓުވުމާއި، ތަންތަން ހަލާކުުކޮށް ގެއްލުން ދިނުމުގެ އަމަލުތައް ހިންގި އެތައް ސަތޭކަ ބަޔަކާ ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ.
ކޮވިޑް-19 ކޮންޓުރޯލުކުރުމަށް އެޅި ވަރުގަަދަ ފިޔަވަޅުތަކުގެ ސަބަބުން ނިކަމެތިންގެ މާލީ ހާލަތު ވަނީ އިތުރަށް ދަށަށް ގޮސްފައެވެ. މިއީވެސް އާއްމުންގެ ރުޅިވެރިކަން އިތުރުވެގެން ދިޔަ އެއް ސަބަބެވެ.
ރައީސު ސިރިލް ރަމަފޯސާ ސިފަކުރެއްވި ގޮތުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކަކީ، ނަސްލީ އިމްތިޔާޒު ނައްތާލުމުގެ ކުރިން 1990 ގެ އަހަރުތަކުގެ ކުރީކޮޅު އެގައުމުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު އެގައުމު ދެކެފައި ނުވާވަރުގެ ބޮޑު ހަމަނުޖެެހުންތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި ކުވަޒޫލޫ-ނަތާލް ޕްރޮވިންސާއި ގައުޓެންގް ޕްރޮވިންސުގެ ބޮޑެތި ރަަށްތަކާއި ކުދި އަވަށްތަކުގައި ކުރިއަށްދާ ހަމަނުުޖެހުންތަކުގައި ތަންތަނުގައި ރޯކޮށް، މަގުތައް ބަންދުކޮށް ވިޔަފާރިކުރާ ތަންތަނާއި، މުދާ ރައްކާކުރާ ގުދަންތަން ވަނީ ލޫޓުވާފައެވެ.
ކުރީގެ ރައީސު ޖެކޮބް ޒޫމާ 15 މަސްދުވަހަށް ޖަލަށް ލާފައި ވަނީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައެވެ. އެއީ އޭނާއާ ދެކޮޅަށް ކުރިއަށް ކޮރަޕްޝަނުގެ ޝަރީއަތުގައި ކޯޓަށް ހާޒިރުވާން އެންގުމުން ކޯޓަށް ހާޒިރުވެވަޑައިނުގަތުމުންނެވެ.