މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ހުނަރުވެރި ފުޓްބޯޅަ ކޮމަންޓޭޓަރު ސާއިދު ޢަޙްމަދުގެ ނަމަކީ ޢާއްމުންނަށް އާ ނަމެއް ނޫނެވެ. އަމުދުން ކުޅިވަރު ޢާއިލާގެ މީހުންގެ މެދުގައި އޭނާގެ ނަން މަޝްހޫރުވެފައި މަޤުބޫލެވެ. ދެ ކިޑްނީ ފެއިލްވެ އެހީއަކަށް އެދީ އޭނާ އާދޭސްކުރާތާ 3 އަހަރެއްހާ ދުވަސް ވަނީއެވެ. އަދިވެސް އެދަނީ އެކަމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިވަގުތު ދައްކަން މިއުޅެނީ އޭނާގެ ބަލިޙާލަތުގެ ވާހައެއް ނޫނެވެ. އަދި ފަރުވާއަށްޓަކައި އޭނާކުރާ ހިތްވަރުގަދަ ހަނގުރާމައިގެ ވާހައެއްވެސް ނޫނެވެ.
އޭނާއަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ނޫސްވެރިއެކެވެ. ކުޅިވަރު ޕްރެޒެންޓަރެކެވެ. ފޯރިގަދަ ފުޓްބޯޅަ ކޮމަންޓޭޓަރެކެވެ. މިއިން އެއްވެސް މަސައްކަތަކީ ނޭވާ ލެވޭހާ ހިނދަކު އެކަންކަމާ ދުރުގައި ހުރެވޭނެ ކަންކަމެއް ނޫންކަމަށް ސާއިދު ބުންޏެވެ. ފުރާނައަށް ނުރައްކާވާފަދަ ބޮޑު ބައްޔެއް ތަޙައްމަލުކުރަމުންވެސް މިއަދު އޭނާ ވަނީ އެތައް ބަޔަކަށް ނަމޫނާއަކަށެވެ. މިކަން ހާމަވެގެންދާ ދިރިހުރި އެއް މިސާލަކީ މިދުވަސްވަރު ސާޢިދު ކުރަމުންދާ މުހިންމު މަސައްކަތެވެ.
އޭނާގެ އުފަން ރަށް، ހުވަދު އަތޮޅު ދެކުނުބުރީ ޒުވާނުން އިސްނަގައިގެން ކްލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށްގެންދާ އިޖުތިމާޢީ ޙަރަކާތަކީ ހަޤީޤަތުގައިވެސް މިސާލެކެވެ. "ރޫޙު ވަނީ ތިނަދޫގައޭ" މި މައިގަނޑު ނަމުގެ ދަށުން ކުރިއަށްގެންދާ މިޙަރަކާތަކީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް، މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ލައިވް ކޮމެންޓްރީ ދިވެހި ބަހުން ގެނެސްދޭ ޙަރަކާތެވެ. މިއީ އެތައް ގޮތަކުން ޚާއްސަ ޙަރަކާތެކެވެ.
އެންމެ ފުރަތަމަކަމަކަށް މިއީ ބައިނަލް އަޤުވާމީ މިފަދަ ބޮޑު ފުޓްބޯޅަ މުބާރާތެއްގެ ދިވެހި ކޮމެންޓްރީ އިވިގެންދާ ފުރަތަމަ ފަހަރެވެ. އަދި ލޮލުގެ ފެނުމުން މަޙުރޫމްވެފައިވާ މީހުންނަށް އަމާޒުކޮށްގެން މިފަދަ ޚާއްސަ ޙަރަކާތެއް ހިންގާ ފުރަތަމަ ފަހަރެވެ. ފުޓްބޯޅައަށް ލޯބިކުރާ އަދި ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގައި ކުޅޭ ފުޓްބޯޅަ މެޗްތަކުގެ ވާނުވާ އެނގެން ބޭނުންވާ ލޯފަން އެތައްބަޔަކު ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން ވަރަށް ގިނަ މީހުންނަކީ މާ ރަނގަޅު ފެންވަރަކަށް ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު ލިބިފައިވާ ބައެއް ނޫނެވެ. އެހެންކަމުން ބޭރުގެ މެޗުތަކުގެ އިނގިރޭސި ކޮމެންޓްރީ އަޑުއަހައިގެން މާބޮޑުއެއްޗެއް އޮޅުމެއް ނުފިލައެވެ.
ޚާއްސަ ޙާލަތެއްގައި ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަނަމަވެސް އަދި ހަށިގަނޑުގެ ހަކަތައާއި ބާރު ދެރަވެފައި ވީނަމަވެސް، މިއަދު ލީފަން މީހުންނަށް އެހީތެރިވީ ސާޢިދެވެ. ބައެއް މީޑިއާތަކަށް ލޯފަން މީހުން ކިޔައިދިންހެން ޔޫރޯ ފުޓްބޯޅަ މުބާރާތް 2020ގައި އެމީހުންގެ ލޮލަކީ ސާޢިދެވެ. ސާޢިދަކީ މިވަގުތު ރާއްޖޭގައި ހުރި ފުޓްބޯޅަ ކޮމެންޓެރީ އެފެންވަރަށް ދޭ ހަމައެކަނި މީހާއޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.
ޔޫރޯގެ މެޗުތަކުގެ ކޮމަންޓްރީ އޭނާ ދެމުންދާއިރު، ދަނޑުމަތީގައި ހިނގާ ހުރިހާކަމެއް ތަފްސީލުކޮށް ސިފަކޮށްދެއެވެ. ކުޅުންތެރިންގެ ނަންތަކާއެކު އެމީހުންގެ ކޮންމެ ޙަރަކާތެއް އެހުންތެރިންގެ ކަންފަތަށް ވާސިލްކޮށްދެއެވެ. މެޗުތަކުގެ ފޯރިއާއި ޖޯށު ގެނުވައިދެއެވެ.
މިއީ މުހިންމު އަގުހުރި މަސައްކަތެކެވެ. ތިނަދޫ ޒުވާނުން މިކަން ފެށީ މަޖަލަކަށެވެ. ކްލަބް ހައުސްގައި ރޫމެއް ކްރިއޭޓްކޮށް މުނިފޫހި ފިލުވާލަން ފެށި ކަމެއް މިއަދު މިވަނީ ބޮޑު ޤައުމީ މަސައްކަތަކަށް ބަދަލުވެފައެވެ. މިއަދު ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ފަރުދުންނާއި ނޫސްތަކާއި ހެޔޮއެދޭ އެތައްބަޔަކު މިޙަރަކާތަށް އެހީވަމުން ދެއެވެ. ސްޕޮންސަރ ދެއެވެ. މިޙަރަކާތުގެތެރެއިން ލޯފަން މީހުންނަށް ކޮންމެވެސް އެހީތެރިކަމެއް ވެދިނުމަކީ މިއަދު މިދެންނެވިފަދަ ފަރާތްތަކަށް ލިބޭ އުފަލަކަށް ވެއްޖެއެވެ. މިކަން މިފެންވަރަށް އުފުލާލަދިން އެންމެ މުހިންމު މޭސްތިރިއަކީ ސާޢިދެވެ.
ޔޫރޯ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ ކަވަރޭޖުގައި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް ބައިވެރިވެވަޑައިގަތެވެ. މަޙްލޫފުވަނީ ސާޢިދާއި އޭނާގެ ޓީމަށް ވަރަށްބޮޑަށް ތަޢުރީފުކުރައްވާފައެވެ. އަދި ތިނަދޫ ޒުވާނުން އިސްނަގައިގެން މިފެށި މަސައްކަތަކީ ނަމޫނާއެއްްކަމަށް ސިފަކުރެއްވިއެވެ. ކުޅިވަރާ ގުޅުންހުރި މިފަދަ އިޖުތިމާޢީ ކަންކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.
މިހާރު މިޙަރަކާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗުންނާއި ކުޅުންތެރިންނާއި އެނޫންވެސް ފުންނާބު އުސް ޝަޚުސިއްޔަތުން އަންނަނީ ބައިވެރިވަމުންނެވެ. ސާޢިދު ކޮމަންޓްރީ ދެމުންދާއިރު، މެޗުތައް އެނަލައިޒް ކުރުމަށް މަޝްހޫރު ކޯޗުން ހަރަކާތްތެރިވެއެވެ. އެމީހުންގެ ހިފެހެއްޓުމެއްނެތް ޝުކުރާއި ތައުރީފު ސާއިދަށް ލިބެއެވެ.
މިޙަރަކާތުގެ ތެރެއިން ސާޢިދާއެކު ބައިވެރިވެ މެޗެއް އެނަލައިޒް ކުރުމަށްފަހު މަޝްހޫރު ކޯޗު މުޙައްމަދު ނިޒާމް ބުނެފައިވަނީ މިއީ އޭނާގެ ކުޅިވަރުގެ ދިގު ޙަޔާތުގައި އެންމެ އުފާވެރި އިޙްސާސެއް ކުރެވުނު ވަގުތުކޮޅުކަމަށެވެ. ފުޓްބޯޅަ މެޗުތައް ބެލުމުގެ ނަސީބު ލިބިފައި ނެތް ފުޓްބޯޅައަށް ލޯބިކުރާ ބަޔަކަށް މެޗުތަކުގެ ވާނުވާގޮތް ވަގުތުން ކިޔައިދިނުމަށް ސާޢިދާއި އޭނާގެ ޓީމުން ކުރާ މަސައްކަތަށް ނިޒާމްވަނީ އައްސަރިބަހާއި ސާބަސް ރައްދުކޮށްފައެވެ.
ތެދެކެވެ. ސާޢިދަށް ހަމަ ސާބަހެވެ. އޭނާގެ މި އަގުހުރި މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ޔޫރޯ މުބާރާތުގެ ފައިނަލްމެޗު އޮންނަ ރޭ ކޮމެންޓްރީ އަޑުއަހާލަށް ތިނަދޫ ޔޫރޯ ފޯރި ކްލަބު ހައުސް ގްރޫޕަށް ޖޮއިންކޮށްލައްވާށެވެ. އެމެޗުގެ އެނަލިސްޓުންނަކީ މަޝްހޫރު ކޯޗު ޢަލީ ސުޒައިނާއި މަޝްހޫރު އެނަލިސްޓު ޝިމާޒް ޢަލީއެވެ.