ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (13)

ރާއްޖޭގައި އެންމެފަހުން ހުންނެވި ރަދުން، މުޙާއްމަދު ފަރީދުލް އައްވަލް

(1 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިތުރުލިޔުން I

އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވެވޭ އައު އެއްބަސްވުމުގައި ސޮއި ކުރުން

1 ޖެނުއަރީ 1953

މި އެއްބަސްވުމުގައި ސޮއި ކުރެވޭނީ، 1 ޖެނުއަރީ 1953 ގެ ހަވީރު 4:00 ގައި ދަރުބާރު ހޯލުގައި، ބޭއްވޭ ޚާއްޞަ ޙަފުލާއެއްގައެވެ.

  1. އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ، ޢަޝްކަރީ އުޅަނދުން، ހަވީރު 3:50 ގައި ރަސްމީ ފާލަމަށް ފައިބައިވަޑައިގަތުން އަދި ރާއްޖޭގެ ރައީސް އެމަނިކުފާނާ އިސްތިޤްބާލު ކުރައްވައި، ދަރުބާރު ހޯލަށް ވަޑައިގަތުމަށް މަގުދެއްކެވުން.
  2. ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިސްވެވަޑައިގެން،00 ގައި ކުރެވޭ ޚާއްޞަ ދުޢާއަކުން، ރަސްމިއްޔާތު ފެށުން.
  3. އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއި އެހެނިހެން ޢިއްޒަތްތެރިންނަށް، ހޫނު މަރުޙަބާއެއް ދަންނަވައި، އެއްބަސްވުމުގައި ސޮއިކޮށްދެއްވުމަށް، އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރގެ އަރިހުން، ރާއްޖޭގެ ރައީސް އެދިވަޑައިގަތުން.
  4. އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރައްވާނީ، އިނގިރޭސި ވިލާތުގެ ހައިކޮމިޝަނަރ އެވެ. އަދި ދިވެހިސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރައްވާނީ، ރާއްޖޭގެ ރައީސް އެވެ.
  5. އެއްބަސްވުމުގައި ސޮއިކުރެއްވުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވޭނެއެވެ. ސަލާމުގެ ބަޑި ޖަހަމުންދާއިރު، ހައިކޮމިޝަނަރާއި، ދިވެހިރާއްޖޭގެ ރައީސް ތިއްބަވާނީ، ކޮޅަށެވެ. އަދި އެހެނިހެން ޢިއްޒަތްތެރިން ތިއްބަވާނީ އިށީނދެވަޑައިގެންނެވެ.
  6. ސަލާމުގެ ބަޑި ނިމުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަލާން ކުޅެވޭނެއެވެ.
  7. އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރު އޭނާގެ ޚިތާބު އިއްވެވުން.
  8. ދިވެހިރާއްޖޭގެ ބޭންޑުން، އިނގިރޭސިވިލާތުގެ ޤައުމީ ސަލާން ކުޅުން.
  9. ދިވެހި ދައުލަތުން ސިލޯނަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބު، މރ. އަޙްމަދު ޙިލްމީ ދީދީ، ޖަލްސާއަށް ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިންނަށް ޝުކުރު ދެންނެވުން.
  10. ދުވަހުގެ ރަސްމިއްޔާތު ނިމިގެންދާނީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާން ކުޅުމުންނެވެ.

އިތުރުލިޔުން J

ޕްރެޒިޑެންޓް ޓްރޫމަން، ރައީސް މުޙަންމަދު އަމީނުގެ އަރިހަށްފޮނުއްވި މެސެޖް

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ އުފާވެރި މުނާސަބަތުގައި، އެމެރިކާގެ ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިއްޕުޅަށް، އަރިސްމިކުރާ، އިޚުލާޞްތެރި މަރުޙަބާއާއި ތަހުނިޔާ ޤަބޫލުކުރެއްވުން އެދެމެވެ.

(ސޮއ) ހެރީ އެސް. ޓްރޫމަން

ޕްރެޒިޑެންޓް ޓްރޫމަން ފޮނުއްވި މެސެޖަށް، ޖަވާބު ދެއްވައި ރައީސް އަމީންދީދީ ފޮނުއްވި މެސެޖް

އަޅުގަނޑުމެންގެ އައު ޖުމްހޫރީ ވެރިކަން އިޢުލާންކުރުމާއި، އަޅުގަނޑު، ރައީސްކަމުގެ ހުވާ ކުރުމުގެ މުނާސަބަތުގައި، މަރުޙަބާ ވިދާޅުވެ ފޮނުއްވި ހެޔޮއެދުމުގެ މެސެޖަށް، އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މަނިކުފާނު ފޮނުއްވި މެސެޖު އަޅުގަނޑުގެ ހިތާ ވަރަށް ބޮޑަށް ކުޅެލައިފިއެވެ. އަދި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، އަދި އަޅުގަނޑުމެންވަނީ މަނިކުފާނާ އަދި އެމެރިކާގެ ރައްޔިތުންނާއެކުގައިކަމުގައި ދެންނެވީމެވެ.

(ސޮއި) އޭ. އެމް. އަމީން ދީދީ

އިތުރުލިޔުން K

ސިލޯނުގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ރައީސްގެ އަރިހަށް ފޮނުއްވި މެސެޖް

ޢިއްޒަތްތެރި މަނިއްޕުޅަށް،

މަނިއްޕުޅުގެ ރާއްޖެ، ޖުމްހޫރިއްޔާއަކަށް ބަދަލުވުމުގެ ރަސްމީ މުނާސަބަތާގުޅިގެން، އަޅުގަނޑުމެންގެ މަންދޫބު، މރ. މޮންޓެގޫ ޖަޔަވިކްރަމަ މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންނަށާއި މަނިއްޕުޅުގެ ސަރުކާރަށް، މަރުޙަބާއާއި ތަހުނިޔާ ދެންނެވުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި، އަޅުގަނޑު ވަރަށް އުފައުކުރަމެވެ.

ސިލޯނާއި ރާއްޖެއަކީ، ޒަމާންތަކެއްވަންދެން ވަރަށް ގާތްގުޅުމެއް، ދެޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ދެޤައުމެކެވެ. އަދި ދާދި މިދާކަށްދުވަހު، މިނިވަންކަން ލިބުނު ޤައުމެއްގެ ހައިޞިއްޔަތުން، ދިވެހިން މިއަދު އިޙުސާސްކުރަމުންގެންދާ މިނިވަންކަމުގެ ރަހައިގެ އުފަލާއި ފަޚުރުވެރިކަން، އަޅުގަނޑުމެން، ސިލޯނު މީހުންވެސް ޙިއްޞާ ކުރަމުއެވެ.

މިނިވަންކަން ލިބިގެންވާ ޤައުމުތަކުގެ ސަފުގައި، ދިވެހިރާއްޖެއަށް ޙައްޤު މަޤާމު ލިބިގެންދިއުމަށް އަޅުގަނޑުމެން އެދެމުއެވެ. އަދި މަނިއްޕުޅަށާއި މަނިއްޕުޅުގެ އެކުވެރިންނަށް، ބާއްޖަވެރި މުސްތަޤްބަލެއް އެދެމުއެވެ. އަޅުގަނޑުގެ އިޙުތިރާމާއި ހެޔޮއެދުންތައް، މަނިއްޕުޅަށް، ކަށަވަރުކޮށް އަރިސްކުރުމަށް މިފުރުޞަތުގެ ބޭނުން ހިފީމެވެ.

މަތީގައި ބަޔާންކުރެވިފައިވާ މެސެޖަށް ޖަވާބު ދެއްވައި، ދިވެހިރާއްޖޭގެ ރައީސް ފޮނުއްވި މެސެޖް

އަޅުގަނޑުގެ އިޚުލާޞްތެރި ބޮޑުވަޒީރެވެ !

އަޅުގަނޑުމެންގެ އައު ޤާނޫނު އަސާސީ އިފްތިތާޙުކުރުމުގެ މުނާސަބަތުގައި، މަނިކުފާނުގެ މަންދޫބު، މރ. މޮންޓޭގު ޖަޔަވިކްރަމަ މެދުވެރިކުރައްވައި، ސިލޯނު ސަރުކާރާއި ރައްޔިތުންގެ ފަރާތުން، އަޅުގަނޑަށާއި ދިވެހިރައްޔިތުންނަށް، ހޫނު މަރުޙަބާއެއް ވިދާޅުވެ، ފޮނުއްވި ސިޓީއަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދެންނެވުމުގެ އިޒުނަދެއްވުން އެދެމެވެ. މަނިއްޕުޅު އަޅުގަނޑަށް، ރަނގަޅަށް ހަނދާންކޮށްދެއްވި ފަދައިން، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި އަބަދުވެސް ޤާއިމްވުފައި އޮތީ، ވަރަށް ގާތް އެކުވެރި ގުޅުމެކެވެ. އަޅުގަނޑުމެންގެ މިގުޅުން، އަހަރުން އަހަރަށް ، އިތުރަށް ބަދަހިވެގެންދާނެ ކަމާމެދަކު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ.

އިތުރުލިޔުން L

ޢިއްޒަތްތެރި މެހެމާނުންގެ ޝަރަފުގައި ބޭއްވުނު ރަސްމީ ފަރީއްކޮޅުގައި އިނގިރޭސި ސަރުކާރުގެ ހައިކޮމިޝަނަރ ދެއްވި ޚިތާބު

1 ޖެނުއަރީ 1953، މާލެ، ދިވެހިރާއްޖެ

އަޅުގަނޑު ތެދުވެމިހުރީ، މިރޭ އަޅުގަނޑު މިތަމްސީލުކުރާ ޤައުމުގެ ޝަރަފުގައި، މަނިއްޕުޅު ތިޔަދެއްވި ފަޚުރުވެރި  މަޤާމަށް، ހިތުގެ އެންމެ ފުންމިނުން، އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަށެވެ. ހަމަ ގައިމުވެސް، މަނިއްޕުޅު، ދެންމެ ތިޔަވިދާޅުވެ އިއްވެވި ހެޔޮ ބަސްފުޅުތައް، އަޅުގަނޑުގެ ޤައުމުގެ ޢިއްޒަތްތެރިންނަށް އިވިއްޖެނަމަ، އެބައިމީހުންގެ ހިތްތައް އުފަލުން ފޮޅޭނެއެވެ. މަނިއްޕުޅުގެ އެ ހެޔޮ ބަސްފުޅުތައް، އެމުނިއެތުރިގެން އައިސްފައި އެވަނީ، ހިތްޕުޅުގެ އެންމެ އަޑިން ކަމުގައި އަޅުގަނޑަށް އެނގެއެވެ. މަނިއްޕުޅަކީ، އަޅުގަނޑުމެންގެ ޤައުމު އެނގިވަޑައިގަންނަވާ، އެ ޤައުމަށް އައު ބޭފުޅެއްނޫނެވެ. އަދި ދޭތެރެދޭތެރެއިން، އަޅުގަނޑުމެންގެ މެހެމާނެއްގެ ގޮތުގައި މަނިކުފާނު ވެވަޑައިގެންވީމުއެވެ. މަނިއްޕުޅުގެ އެބަސްފުޅަކީ، ދޫފުޅުން ބޭރުވި ބަސްފުޅުތަކެއްނޫނެވެ. އެއީ އަޅުގަނޑުމެންގެ ޤައުމާއި ރައްޔިތުންނަށްޓަކައި، މަނިއްޕުޅުގެ ހިތްޕުޅުގެ އެންމެ އަޑިން އުފެދިގެން އައި އިޚުލާޞްތެރި ޝުޢޫރުތަކެކެވެ. އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި އެތައް ޒަމާނަކުއްސުރެ އުފެދިފައިވާ ގާތްގުޅުންވެސް އެޝުޢޫރުތަކާވަނީ، ގުޅިލާމެހިފައެވެ.

އަޅުގަނޑުމެން ދެބައިމީހުންގެވެސް، އެއްގޮތް ދެކަމެއް އެބައޮތެވެ. އަޅުގަނޑުމެން މިނިވަންކަމަށް ލޯބިކުރަމުއެވެ. އަދި އަޅުގަނޑުމެންނަކީވެސް، ޖަޒީރާ ޤައުމެއްގެ އަހުލުވެރިންނީމުއެވެ. ބައެއްފަހަރު ތިންވަނަކަމެއްގެ އުއްމީދު އަޅުގަނޑުގެ ހިތަށް އާދެއެވެ. އެއީ ތިމާވެށްޓެވެ. އެހެނަސް މަނިއްޕުޅަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން މިވަނީ ހޫނުއަވިދޭ ރަށްތަކެއްގެ ސިފައާ މާ ދުރުގައެވެ. މިތަޖުރިބާ އަޅުގަނޑުމެންނަށް ޙިއްޞާ ކޮށްލެވޭނީ، މަނިއްޕުޅު، އަޅުގަނޑުމެންގެ ޤައުމަށް ޒިޔާރަތް ކޮށްލެއްވުމުން އެކަންޏެވެ.  މިއަދު، މިދޭ ހޫނު އަވީގައި، އަޅުގަނޑުމެންގެ ފިނިމޫސުމުގެ ގަދަ ފިނީގެ އިޙުސާސްތައް ތަޞައްވުރު ކުރުމަކީ، ދަތިކަމެކެވެ. އަދި އަމިއްލަވަންތަ، އެއްގޮތް  އެހެންކަމެއްގެ ގޮތުގައި، ލަންޑަނުގެ، އަޅުގަނޑުމެންގެ ޑެންޓިސްޓް ފާހަގަ ކޮށްލަމެވެ. ޖަމާޢީ ތަދެއްގެ ގޮތުގައި ވަރަށް އަވަސް އަވަހަށް، ޙަޤީޤީ ރަޙުމަތްތެރިކަމުގެ ބިންގަލުގެ މަތީގައި، ޤާއިމުވެފައި އޮންނަ ގުޅުމެކެވެ.

އަޅުގަނޑުމެންގެ މެދުގައި އެއްގޮތް ދެކަމެއް އެބައޮތްވާހަކަ، އަޅުގަނޑު ދަންނަވާލައިފީމެވެ. އަޅުގަނޑުމެން މިނިވަންކަމަށް ލޯބި ކުރަމުއެވެ. އަދި އަޅުގަނޑުމެންނަކީވެސް ޖަޒީރާ ޤައުމެއްގެ އަހުލުވެރިންނީމުއެވެ. އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުން، މިނިވަންކަމަށް ލޯބިކުރުމާމެދު، އޭނާގެ އަމިއްލަ ނަފުސަށް ތެދުވެރި އިޚުލާޞްތެރި އެއްވެސް މީހަކު، ސުއާލެއް ނުކުރާނެއެވެ. މެގްނާ ކާރޓާގެ ދުވަސްވަރުން ފެށިގެން، އަޅުގަނޑުމެން މިދިރިއުޅެނީ، އެކަމުގެ ފުރިހަމަ ބާރު، ރައްޔިތުންގެ އަތްމައްޗަށް ފުރޮޅައިލެވިފައިވާ، މިނިވަންކަމުގެ އުފައުވެރި މާޙައުލެއްގައެވެ. ކޮންމެ ރައްޔިތަކަށްވެސް، އެމީހަކު ބޭނުން މަގެއް، އަދި ގޮތެއް އިޚުތިޔާރުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާކަން، އަޅުގަނޑުމެންގެ ބިމުގައި، ޖަމާޢަތުގެ މަޞްލަޙަތަށް ފުށުނާރާ ހިނދެއްގައި، އަޅުގަނޑުމެން މިއަންނަނީ ކަށަވަރު ކުރެވޭތޯ ބަލަމުންނެވެ. އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑުން ބޭރުގައި، ދުނިޔެއާއި ޔޫރަޕް ޙިޞާރުކުރުމަށް މަސަކަތްކުރާ މީހުންނާ އަޅުގަނޑުމެން މިއަންނަނީ ދެކޮޅުވަމުންނެވެ.

އަޅުގަނޑުގެ އަމިއްލަ ޙަޔާތުގައިވެސް، އަގުހުރި އެތައް ފުރާނަޔަކާއި ވަޞީލަތެއް ޤުރުބާންކޮށް، އަޅުގަނޑުމެން ހަތިޔާރުގެ ބޭނުންކޮށް، ދެކޮޅުވެރި ދުޝްމަނުންނާ ކުރިމަތިލައި ހަނގުރާމަކޮށްފީމުއެވެ. އެހެންކަމުން އެ އަގުހުރި – ކޮމަންވެލްތު ގުޅުމުގެ ތަރައްޤީއާއި ކުރިއެރުމުގައި އަޅުގަނޑުމެން މި ފަޚުރުވެރިވާފަދަ، މިނިވަންކަމެއް، އެހެންމީހުންވެސް ހޯދައި ލިބިގަތުމަށް އަޅުގަނޑުމެން އެއްބާރުލަމެވެ. ކޮމަންވެލްތުގައި ބުނެވޭ ބަހެއް އޮވެއެވެ. މިނިވަން މުއައްސަސާތަކަކީ، ޙަޤީޤީ މާނައިގާ  ލޭގެ ދިރުމެވެ. މިއުޞޫލުގެ މަތިން، ތިޔަބޭފުޅުން – ދިވެހިރާއްޖެވެސް މިވަނީ، މިހާރު ތި އިޙުސާސްކުރައްވަމުންގެންދަވާ މިނިވަންކަން ހޯއްދަވާފައެވެ. ޕޯޗުގީޒުން މިސަރަޙައްދުގައި ވެރިކަން ކުރިއިރު، އަޅުގަނޑުމެން އެބައިމީހުންނާ ކުރިމަތިލައި، ގޮން ޖެހުމަށް ތައްޔާރުވީމުއެވެ. މުޙައްމަދު ތަކުރުފާނުގެ ޒަޢާމަތުގައި ތިޔަބޭފުޅުންވަނީ، ވަރަށް ފަޚުރުވެރި ކާމިޔާބީއެއް އެބައިމީހުންގެ މައްޗަށް ހޯއްދަވާފައެވެ. އަދި އޭގެފަހުން، ޙިމާޔަތަށް އެދުނު ނަމަވެސް، ބޭރުގެ ނުފޫޒަށް އަޅުވެތިވެތިބެ އެކަން ޤަބޫލުކުރުމާ ޚިލާފަށް، ހުށަހެޅޭ ރަޙުމަތްތެރިކަމުގެ ޙިމާޔަތަކީ ފަޚުރުވެރި ބުއްދީގެ އަހުލުވެރިން އިޚުތިޔާރު ކުރާނެ ކަމެކެވެ.

އަދި، މި މިނިވަންކަން ދެމެހެއްޓުމުގައި ސަބަބަކަށް ވެދާނެ އަސާސަކީ، އަޅުގަނޑުމެން ދެބައިމީހުންނަށްވެސް، އަޅުގަނޑަށް ވިސްނޭ ގޮތުގައި، އަޅުގަނޑު ދެންނެވި ދެވަނަ ގޮތް – އަޅުގަނޑުމެންނަކީ ޖަޒީރާ ޤައުމެއްގެ އަހުލުވެރިންކަމުގައި ވުމުގެ ތަޞައްވުރަށް ވެދާނެއެވެ. ކަނޑުގެ އަހުލުވެރިން – އަޑި ނޭނގޭ މާސިންގާ ކަނޑުގެ މާޙައުލަށް އަހުލުވެރިވެފައިވާ ދިރިއުޅުން – ގޮތްނޭނގޭ ދުރު ރާސްތާގެ ގޮންޖެހުމަކަށް ޖެހިލުމެއްނެތި ކުދި އުޅަނދުފަހަރުގައި ނުކުތުން – މާސިންގާ ރާޅުތަކުގެ ބާންޏަށް އެބައިމީހުންގެ ހަށިތައް ހުށަހެޅިދާ ގަޑިގަޑީގައި އަމިއްލަ ނަފުސު ޤުރުބާންކޮށް -  ޤުދުރަތީގޮތުން އަދި އިންސާނުންގެ ފުށުން ކުރިމަތިވެދާނެ ގޮންޖެހުމަކަށް މިނިވަންކަމާއެކު އަހުލުވެރިވެ، ރޫޙާނީގޮތުން ނޭނގުމެއްގެ ތެރެއަށް ހޮށަހެޅިފައިވާ އަޖައިބެއްފަދަ ކެރޭ އަދި ކުޅަދާނަ ބައެކެވެ.

ތެދުފުޅެކެވެ. އަޅުގަނޑުމެން ދެބައިމީހުން ކަނޑުމައްޗަށް ނުކުމެ، ދަތުރުކުރާ އުޅަނދު ވަރަށް ތަފާތެވެ. އަދިވެސް ތިޔަބޭފުޅުން ތިޔަ ބޭނުން ކުރައްވަނީ، އެތައް ދަރިފަސްކޮޅަކުއްސުރެ، ބޭނުންކުރެވެމުން އައިސްފައިވާ، މަސްވެރިކަމުގެ އުޅަނދުފަހަރެވެ. މާބާރަށް ދުވާ، މާބޮޑެތި، މާބާރުގަދަ އުޅަނދުފަހަރު އުފެއްދުމުގެ ޤާބިލްކަމާއި ވަޞީލަތްތައްވަނީ އަޅުގަނޑުމެންނަށް ލިބިފައެވެ. އެކަމަކު، ކުޑަޔަސް  އަދި ބޮޑަސް، މާސިންގާ ކަނޑުގެ މާޙައުލުގައި ގޮތެއް ވުމުގައި ތަފާތެއް ނުވާނެއެވެ. އަދި ކަނޑުގެ ނުރައްކާތެރި ޙާދިސާތަކުން ރައްކައުތެރިވުމަށް،  ދަތުރުފަތުރު ކުރުމުގެ ހުނަރާއި ފަންވަރު އަދި ކުޅަދާނަކަމަކީ، ދަތުރުކުރާމީހުންގެ އަތްމަތީގައިވާ  ކަމެކެވެ.

އިސްލާމީ ދައުލަތްތަކާއެކު، ގާތްގުޅުމެއް އުފައްދައި އެކުވެރިކަން ބަދަހިކުރުމުގެ ސަޤާފަތެއް، އަޅުގަނޑުމެންގެ ޤައުމުގައިވެސް، ޒަމާނުއްސުރެ އަންނަނީ ތަޖުރިބާ ކުރަމުންނެވެ. އެހެންކަމުން، އަޅުގަނޑުމެން ދެބައިމީހުންގެ ރަޙުމަތްތެރިކަމަކީ، ޤުދުރަތުގެ އިއްތިފާޤެކެވެ. އަޅުގަނޑުމެންގެ ދެޤައުމުގެ ދޭތެރޭ، އެތައްމޭލެއްގެ ދުރުރާސްތާއެއް ހުރަސްވެފައި  އޮތްނަމަވެސް، ދެޤައުމުގެ ބައެއް ރައްޔިތުން، އެއްޤައުމުން އަނެއްޤައުމަށް، މަދުން ނަމަވެސް ޒިޔާރަތް ކޮށްފައި ވެއެވެ. އަޅުގަނޑު ކުރިންވެސް ދަންނަވާލިފަދައިން، މިދެންނެވި ރަޙުމަތްތެރިކަމުގެ ބިންގާ އެޅިފައިވަނީ ކްއީން ވިކްޓޯރިއާގެ ރަނިކަމުގައެވެ. އަދި ކިންގް ޖޯޖް ހަވަނައިގެ ރަސްކަމުގައި އެކަމުގެ ޢަހުދު ކަށަވަރު ވަނީ ހިއްޕަވާފައެވެ. އަދި އޭގެފަހުން އަނެއްކާވެސް، މިއަދުގެ މެންދުރުފަހުގެ މިވަގުތުގައި، ކްއީން އެލިޒަބަތު ދެވަނައިގެ ރަނިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ޢަހުދު ކަށަވަރު ހިއްޕަވާ، އެކަން އެވަނީ އައު ކުރައްވާފައެވެ. ތިޔަބޭފުޅުންގެ އަމިއްލަފުޅު، މިނިވަން ނިންމެވުމެއްގެ ގޮތުގައި، ޤާނޫނުއަސާސީ ބަދަލު ކުރެއްވުމަށް ނިންމެވި ނަމަވެސް، އަޅުގަނޑުމެންގެ ޤައުމު މެދުވެރިވެ އިނގިރޭސި ކޮމަންވެލްތުގެ ޤައުމުތަކާއި، އަޅުގަނޑުމެންގެ ޤައުމާއި ތިޔަބޭފުޅުންނާ ދެމެދު އޮތް ގުޅުމަށް ބަދަލެއް ގެންނެވުމަށް ނިންމަވާފައެއް ނުވެއެވެ. މިއަދުގެ މެންދުރުފަހު، މިސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، އަޅުގަނޑަށް އެ ސަރުކާރެއް ތަމްސީލުކުރުމުގެ ފަޚުރު ލިބިގެންވާ، އިނގިރޭސިވިލާތުގައި، ޢިއްޒަތާއި ޤަދަރު އުފުލިގެންވާ އިނގިރޭސި ރާނީގެ ސަރުކާރުން  ޙިމާޔަތް ދިނުމުގައި ޢަމަލުކުރެވެމުން އައި ގޮތުގެ މަތިން، ދިވެހިރާއްޖޭގެ މިރަށްތައް އިނގިރޭސިވިލާތުން ޙިމާޔަތްކޮށްދޭން ޖެހެއެވެ.

މިއަދު މިފާހަގަކުރެވޭ، ޚާއްޞަ ރަސްމިއްޔާތަށް، އަޅުގަނޑުގެ ސަރުކާރުން، ވަރަށް ޚާއްޞަކަނެއް ދެއެވެ. ރަޙުމަތްތެރިކަމާއި ހެޔޮއެދުމުގެ މެސެޖެއް ރައްދުކުރުމާއި، އަޅުގަނޑު މިރަސްމިއްޔާތުގައި ބައިވެރިވެ، އިނގިރޭސިވިލާތް ތަމްސީލުކުރުން އެކަންޏެއް ނޫނެވެ. އިނގިރޭސިވިލާތުން ވަނީ، ހަނގުރާމަމަތީ ލަޝްކަރުގެ މަންދޫބުންވެސް، މިރަސްމިއްޔާތުގައި ބައިވެރިވުމަށް ފޮނުވާފައެވެ. ރޯޔަލް އެއަރފޯސް އާއި ރޯޔަލް ނޭވީގެ އޮފިސަރުންގެ ތާއީދާއި އެއްބާރުލެއްވުން އަޅުގަނޑަށް ލިބި، އެބޭފުޅުން އަޅުގަނޑާއެކުގައި ވީތީ، އަޅުގަނޑު އެކަމާ ފަޚުރުވެރިވަމެވެ.  ތިޔަބޭފުޅުންގެ ބަނދަރުގައި އުދުހޭ ބޯޓަކާއި މަނަވަރެއް އެއޮތީއެވެ. ހެއްކަކަށް ބޭނުންވާ ނަމަ، މިވޭތުވެދިޔަ އަހަރުތަކުގައި، ކަންހިނގައިގޮސްފައިވާ ގޮތަށް ބަލާއިރު، އިނގިރޭސި ވިލާތުގެ ޢަޝްކަރީ ބާރު ހުރި މިންވަރު އެއޮތީ ،ސާބިތުކަމާއެކު ފެންނާށެވެ.  ތިޔަބޭފުޅުންގެ ދުޅަހެޔޮ، ބާއްޖަވެރިކަމުގެ ޝަޢުޤުގައި ޣާފިލުވެގޮސް، އެހެން ޖަޒީރާގެ ރައްޔިތުން – ތިޔަބޭފުޅުންނާ އެންމެ ކައިރި އަވަށްޓެރި – ސިލޯނުގެ ރައްޔިތުންގެ މަތިންވެސް އަޅުގަނޑު ހަނދާން ނައްތައެއް ނުލަމެވެ. ތިޔަބޭފުޅުންނާ އެމީހުންގެ ގުޅުމަކީ، ޒަމާންވީ، ގާތް އަދި ދިގު މާޒީއެއް އޮތް، ވިޔަފާރީގެ އަދި ސަޤާފީ ގުޅުމެކެވެ. ވަޒީރުންގެ ފެންވަރުގައި، އެމީހުންވެސް މިޖަލްސާގައި އެބަ ބައިވެރިވެއެވެ. އަދިހަމައެފަދައިން، އެމީހުންވެސް ކަނޑުގެ އުޅަނދެއްވެސް ވަނީ ރާއްޖެއަށް ފޮނުވާފައެވެ.  "ސްރީލަންކާ" އަށް ޓޯސްޓެއް ނަންގަވަމުން، މަނިއްޕުޅުވިދާޅުވާނީ ކީކޭތޯ ދަންނަވައި، ކުރިމަރައިލާކަށް އަޅުގަނޑު ނެތީމެވެ. އެހެންނަމަވެސް، އަޅުގަނޑު އެ ޤައުމަކަށް ޚިދުމަތްކުރުމީ ފަޚުރެއްކަމަށް ދެކެމުން އަންނަ، ކޮމަންވެލްތުގެ އެންމެ ޅަ، އުޚުއްވަތްތެރި ސިލޯނުގެ މަންދޫބުން، އަޅުގަނޑަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، ހައުދަހާ އުފަލެއްވެއޭ ދަންނަވާލަން ބޭނުމެވެ.

މަނިއްޕުޅެވެ ! ދުނިޔެ މިއަދު ދެކެމުން މިދަނީ، ކަޅުއަނދިރި، އަދި ދަތި ތަދުމަޑު ދުވަސްތަކެކެވެ. ދެވަނަ ބޮޑުހަނގުރާމަޔަށްފަހު، އެޙާދިސާއަށް ނަޒަރު ހިންގައިލި މީހަކަށްވިއްޔާ، އޮޅުންބޮޅުމާއި ހިތްދަތިކަން ފިޔަވައި އެހެންކަމެއް ތަޞައްވުރެއް ނުކުރެވޭނެއެވެ. އަދި، އަޅުގަނޑުމެންގެ މުސްތަޤްބަލް އޮތީ ކޮންގޮތަކަށްކަމާމެދު ބިރުހީވެ ކަންބޮޑުވެއެވެ. އިޖުތިމާޢީ ޢަދާލަތު ގެއްލި، ހަމަނުޖެހުމާއި އިންޤިލާބުތަކުން، ހަނގުރާމަޔަށް ހޮށަހެޅިފައިއޮތުމުން، ފަސޭހައިން ނުހޯދޭ ޞުލްޙައިން، އަޅުގަނޑުމެންގެ އުންމީދުތައް ޤުރުބާން ކުރަމުން މިގެންދަނީ، އަގެއް އަދި މަޢާފެއް ނެތް ޢިނާމަކަށެވެ. އެހެނަސް އަދިވެސް އިތުރު އުންމީދަކާއެކު، އެންމެފަހުން ކުރާނެ ހަނގުރާމަކަމަށް ބުނަމުންނެވެ. މިހާރުގެ ނުރައްކައުތެރި ޙާލަތު ބަދަލު ކުރައްވައި، މިހާރުގެ ދަތިތައް ނެތިގޮސް، އެކަން އެގޮތަށް އިރާދަކުރެއްވުމަށް، ކެތްތެރިކަމާއެކު، ހިތުގެ އަޑިން، އަޅުގަނޑުމެން ދުޢާކުރަމެވެ. އެހެނަސް، އެދުވަސް އަތުވެއްޖައުމަށްދާނދެން، އަޅުގަނޑުމެންނަށް އަރާމެއް، ހިތްހަމަޖެހުމެއް ނެތެވެ. އަދި ނުވެސް ލިބޭނެ މެއެވެ. މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ، އެއްބައެއްވަންތަ ކަމާއި  އެކަތިގަނޑަކަށް ވުމެވެ. ވަކިވަކިވެ، ބައިބައި ވުމެއް ނޫނެވެ. އަޅުގަނޑުމެންގެ ޤައުމުގައި ބޭނުން ކުރެވޭ ހަރުބަހެއް އޮވެއެވެ. "އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެކެވެ." މިކަމުގެ ޙަޤީޤަތްވަނީ، މިވެއަތުވެދިޔަ އަހަރުތަކުގައި ވަރަށް ހިތާމަވެރި، ހިތްދަތި ގޮތަކަށް ކަށަވަރު ކޮށްދީފައެވެ. އެހެނެއްކަމަކު، މާޒީގައި ކުރެވިފައިވާ ހިތި ތަޖުރިބާގެ އަލީގައި، އުފައުފާގަތި އާ ދުނިޔެއެއް އާބާދު ކުރުމުގެ އުންމީދުގައި، އެހިތި ތަޖުރިބާއިން އަޅުގަނޑުމެންގެ ބުއްދި ޤަބޫލުކުރާ ހަމަތަކާއި ކަންކަން ބަލައިގަންނާނީއެވެ. އިނގިރޭސި ޅެމެއްގައި ބުނެފައިވާ ފަދައިންނެވެ.

"އަނދިރީގެ ބާރުތައް (ބަހާތައް) ހަނގުރާމަކުރަމުންދިޔަތަން އަހުރެން ދުށީމެވެ. ހެނދުނު، ނިމިގެންދިޔަތަން އަހުރެން ދުށީމެވެ."

ހުރިހައިގޮތަކުން ބަލާއިރުވެސް، ތިޔަބޭފުޅުންވެސް ގުޅިވަޑައިގެންފައިވާ ކޮމަންވެލްތު، އަލުން އަނބުރާ އެ މުއައްސަސާގެ ދައުރުއަދާކުރަން ފެށީއެވެ. އެޖަމާޢަތުގެ އެންމެހައި މެންބަރުން، ޢާންމު ގޮތެއްގައި މުޚާތަބުކުރެވޭ ބަހުންނަމަ، އުޚުއްވަތްތެރި ޤައުމުތައް، އެޤައުމެއްގެ ފުރިހަމަ، އިޚުތިޔާރީ މިނިވަންކަމާއެކު، މަޖުބޫރުކަމެއްނެތި، އެއްބަޔަކު އަނެއްބަޔަކާ ގުޅެމުން ދަނީ،  ކޮމަންވެލްތުގެ އެންމެ އިސް ވެރިޔާގެ ޙައިޞިއްޔަތުން، އިނގިރޭސި ރާނީ މެދުވެރިވެވަޑައިގެން، އެމީހުންގެ އަތްމަތީ އޮތިއްޔާ އޮތްބާރެއް، ބަރުދަނެއް، ހެޔޮއެދުމާއި ޞުލްޙަ މަސަލަސްކަމަށް ޚާއްޞަކޮށް، ހުސްކުރަމުންނެވެ. ދުނިޔޭގެ ބޮޑު ދެ ހަނގުރާމައިގައި، އަޅުގަނޑުމެންނަށް ލިބުނު ބޮޑުގެއްލުމުގެ ބަދަލަށް ބަލާއިރު، އެ ބަރުދަނަކީ އެއްވެސް އެއްޗެއް ނޫނެވެ. ހަމަގައިމުވެސް، މި ހަލަބޮލި ދުނިޔޭގައި، ކޮމަންވެލްތުގެ މެންބަރުންނަކީ، ރަނގަޅުގޮތްތަކަށް ބަލާއިރު، ވަރަށް އުންމީދީ ބާރެކެވެ.

އަޅުގަނޑުމެންނާ ގުޅިފައިވާ ހަރުދަނާ އަދި އިޙުސާންތެރި ބަޔަކީ، އެމެރިކާ މީހުންނެވެ. އެމީހުންގެ އަގުނުކުރެވޭފަދަ ބޮޑު ޙިއްޞާއެއް ދީފައިވަނީ، ހަމައެކަނި ހަނގުރާމައިގެ ތެރޭގައި އެކަންޏެއްނޫނެވެ. އަޅުގަނޑުމެންގެ އިސްތިޤްލާލާއި ކަރާމަތަށް ގޮވައިލެވޭހިނދުވެސް މެއެވެ. މީގެ އިތުރަށް ދެންވެސް ގުޅިފައިވަނީ، ދުނިޔޭގެ ސަލާމަތާއި ޞުލަޙައަށް މަސައްކަތްކޮށް، ދުނިޔެއަކީ އަމާންތަނަކަށް ހެދުމަށް، މަސައްކަތްކުރުމުގެ ކަމަރު ބަނދެގެންތިބި، އަޅުގަނޑުމެންނާ އެއްޚިޔާލެއްގެ ގިނަ ޢަދަދެއްގެ ޤައުމުތަކެކެވެ.

މީގެތެރެއިން ދެން އެތިބީ، ތިޔަބޭފުޅުންގެ ރަޙުމަތްތެރިންނެވެ. އަޅުގަނޑުމެންގެ ގިނަމީހުންނެކޭ އެއްފަދައިން، ތިޔަބޭފުޅުންނާ އެކަހެރި ގޮތެއްގައި ޖައްވުގެ ތެރޭގައެވެ. އެކަމަކު މިވޭތުވެދިޔަ ދުވަސްތަކުގައި، ދުނިޔެއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޙަޤީޤަތް އޮޅުމާއި، އިންސާނުންގެ އައު ޚިޔާލުތަކާއި އުފެއްދުންތަކުގެ ސަބަބުން، އެއްވެސް ބަޔަކީ މިއަދު އެކަހެރިވެފައިވާ ބައެއް ނޫނެވެ. ނަތީޖާއެއްގެގޮތުން އަޅުގަނޑުމެން އެންމެންނަށްވެސް މިއަދު މި ކުރެވެނީ، ޖައްވުގައިވެސް އަދި ރޫޙީގޮތުންވެސް އަޅުގަނޑުމެންނަކީ ގުޅި ލާމެހިފައިވާ ބައެއްކަމުގެ މަތިވެރި އިޙުސާސެވެ. މީގެ މަދު އަހަރުތަކެއްކުރިން ނަމަ، އަޅުގަނޑަށާއި އަޅުގަނޑުގެ ރަޙުމަތްތެރިންނަށް، ތިޔަބބޭފުޅުންނާއެކު، މިފަދަ އުފައުވެރި ވަޤުތުކޮޅެއް ހޭދަކުރުމުގެ ނަޞީބު ލިބުމަކީ ނާދިރު ކަމެކެވެ. އަޅުގަނޑުމެން، މިނުކުތާއަށް ފަސް އެނބުރި ބަލައި،  ކަމުގެ ޙަޤީޤީ އުފައު ލިބިގަންނަން ޖެހެއެވެ. އަދި، ތިޔަބޭފުޅުންގެ ސުވަރުގެއެއްފަދަ ރަށްތަކުގައި ހޭދަކުރި އުފައުވެރި ވަގުތުތަކުގެ ހަނދާންތައް ދިރުވައި، ދަމަހައްޓަން ވެސް ޖެހެއެވެ. އުފައުވެރި މިމުނާސަބަތުން، ހައުއުހާވެރިކަން ލިބިގަތުމަށްޓަކައި، ނަސްލީ ތަފާތެއް ނެތި، ކޮންމެ ދުވަހެއްގެ ހޭހަންކުރުމާއެކު، މަސައްކަތް ކުރަމުންދިޔަ، މުރާލި އަދި އުފާވެރި މީސްތަކުން އަޅުގަނޑުމެން ދެކެފީމުއެވެ. މިއަދުގެ މިއުފައުވެރިކަން ތާއަބަދަށް ދެމިގެން ދިއުމަކީ، އަޅުގަނޑުމެންގެ މިއަދުގެ ހެޔޮދުޢާއެވެ. ތިޔައެންމެ ބޭފުޅުންނަށް، ރާއްޖޭގެ ރައްޔިތުންނަށް، އުފައުފާގަތި މުސްތަޤްބަލެއް ދައްކަވައި، ހުރިހައި ކުރިއެރުމެއް ދެއްވާށިއެވެ!

ދެން، އަޅުގަނޑަށް ބާކީމިއޮތީ، އަޅުގަނޑުމެންނަށް ތިޔަދެއްވި ހޫނު ތަރުޙީބާއި، އިޚުލާޞްތެރި މަރުޙަބާއާއި، އޯގާވެރި މެހެމާންދާރީއަށް، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންގެ ނަމުގައި، އިޚުލާޞްތެރިކަމާއެކު، ހިތުގެ އެންމެ އަޑިން، މަނިއްޕުޅަށް ޝުކުރު ދެންނެވުމެވެ. ވަރަށްބޮޑަށް ޝުކުރިއްޔާ!

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.