ޝާފިޔާގެ އެދުރު އަށި: ކުދިންގެ ސްކޫލު ބަންދަކީ ދުޅަހެޔޮ ދުވަސްތަކަކަށް ހަދާނީ ކިހިނެއް؟

ސްކޫލު ބަންދަކީ އެއްވެސް ރޭވުމެއް ނެތި މުޅި ދުވަހު ބޭނުންކަމެއް ކުރަން ވަކި ޕްލޭންއަކާއި ނުލާ ދޫކޮށްލައިގެންވާނެ ދުވަސްތަކެއް ނޫނެވެ. "ކުދިންގެ ސްކޫލު ބަންދު ހޭދަކުރުމަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބާތޯ؟" މިއީ ކޮންމެ ބެލެނިވެރިއަކަށް ވެސް މުހިންމު ސުވާލެކެވެ. ސްކޫލު ބަންދުތެރޭގައި ކުދިންގެ އުނގެނުމުގެ މަސައްކަތް އެކީ އެކައްޗަކަށް  ހުއްޓާލުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. އެހެންކަމުން ކުދިންގެ އުނގެނުމުގެ ޝައުޤުވެރިކަން މެދު ނުކެނޑި ދަމަހައްޓަން ކުރެވިދާނެ ކަންތައްތަކާއި، އަދި ކިޔެވުމުގެ ޝައުޤުވެރިކަން އާލާކުރާނެ ގޮތްތައް ދެނެގަތުމަކީ ކޮންމެ ބެލެނިވެރިއަކަށް ވެސް މުހިންމު ކަމެކެވެ. އުނގެނުމަކީ އެކަމުގައި ހޭދަކުރާ ވަގުތާއި، މަސައްކަތްތާއި، ޝައުޤާއި، ދަރިވަރުގެ ނިޔަތާއި (ހިތް/އިންޓެންޝަން) ކަންކުރަން ބޭނުންވުމާއި، ގަޔާވުމާއި، މިފަދަ ވަރަށް ގިނަ ކަންކަން ހިމެނޭ ކަމެކެވެ. މިއަދު މި ހުށަހަޅާ މައުޟޫޢުގެ އެންމެ މުހިންމު ބަޔަކީ "ސްކޫލުގެ ބަންދުގައި އުނގެނުމުގެ ޝައުޤުވެރިކަން މެދު ނުކެނޑި ކުރިޔަށް ގެންދިޔުން" މިއެވެ. ޚާއްޞަކޮށް އެ ކުދިންގެ ދުވަހީ ކަންކަމުގެ ތެރޭގައި އުނގެނުމާ ގުޅޭ ކަންކަން ހިމަނާނެ ގޮތްތަކާ ބެހޭގޮތުންނެވެ. ކިޔެވުމުގެ މުހިންމުކަމާއި، ޝައުޤަކީ ބުނެކިޔައިގެން އުފެދޭ އެއްޗެއް ނޫނެވެ. ޝައުޤުވެރިކަމާ ގުޅޭގޮތުން ތަޢުލީމީ ދާއިރާގެ މަޝްހޫރު ޢިލުމުވެރިންގެ ތަފާތު ތިއަރީތަކުގެ އަލީގައި ޒަމާނުއްސުރެ ބަހުސު ކުރެވެމުން އާދެއެވެ. ޝައުޤުވެރިކަމާ ބެހޭގޮތުން ޢިލުމީ ލިޔުންތެރިން ލިޔުއްވާފައިވާ ބައެއް މަޢުލޫމާތުތަކަށް ކުރުކޮށް ބަލާއިރު ވަރަށް ޚާއްޞަ ކަންތައްތަކެއް އެކަމުގައި ފާހަގަކުރެވެއެވެ.

އެކި އެކި ޢިލުމުވެރިން މާނަކުރެވޭގޮތް
އެޓްކިންސަން (1964) ކަމެއް ކުރުމަށް ނުވަތަ އިތުރަށް ރަގަނޅުކުރުމަށް ބޭނުންވެގެން މަސައްކަތެއް (ތައް) ކުރުން.
މާސްލޯ (1943) ޝައުޤުވެރިކަމަކީ ދެމިހުންނަ، ނުނިމޭ، އަދި ހާލަތާއެކު ބަދަލުވަމުންދާ، ކަމެކެވެ.
ގުއިލްފޯރޑް (1964) ޝައުޤުވެރިކަމަކީ ވަކިކަމެއް ކުރުމަށް ނުވަތަ އެކަމެއްގައި ދެމިހުރުމަށް އަމިއްލައަށް ބޭނުންވެގެންވާ ކަމެކެވެ.
ޑިސިކޯ (1970) ބޭނުންވާ ކަމެއް ހާސިލުވާނެތީ، އެކަމުން ހިތްވަރު ލިބި، އަދި ކަމެއް ކުރުމަށް ޝައުގުވެރިވެ އެކަމުގައި ދެމިހުރުމަށް ލިބޭ ފޯރިއެވެ.

 

ބަޔާންވެފައިވާ ޢިލުމުވެރިން ޝައުޤުވެރިކަން ސިފަކުރައްވާފައިވާ ގޮތަށް ބަލާއިރު ފާހަގަކުރެވޭ އެންމެ އަސާސީ ކަމަކީ އެއީ އުނގެނޭ ފަރާތް ސީދާ ބޭނުންވެގެން، އެކަމަށް އެދިގެން އުފެދޭ އިހުސާސްތަކަކާއި ގުޅޭ އަދި އެކަމުގައި ދެމިހުރުމުގެ ފޯރިއެއް އެކުލެވިގެންވާ ވާ ކަމެއްގެ ގޮތުގައެވެ. ވަކި ކަމެއް ހާސިލުކުރުމުގައި ނުވަތަ އެކަމުގައި ދެމިހުރުމަށް އުނގެނޭ  ކުއްޖާ ސީދާ ބޭނުންވެގެން ނޫނީ އެކަމެއް ނުކުރެވޭނެއެވެ. އެހެން ކަމުން ކޮންމެ މުދައްރިސަކަށް ވެސް އަދި ބެލެނިވެރިޔަކަށް ވެސް ކުދިން ޝައުޤުވެރިކުރުމަށް ކުރެވޭނެ ކަމަކީ ހަމައެކަނި އެ ކަމަށް ފަހިވާ ކަންތައްތަކެއް ރާވައި ހަމަޖެއްސުމެވެ. މިއީ ސްކޫލު ބަންދު ދުވަސްކޮޅަކަށް ވާއިރު، ކުދިންގެ އުނގެނުމުގެ ޝައުޤުވެރިކަން ދަށްވިޔަ ނުދީ، އާ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް ދަރިވަރުންގެ ހިތުގައި އުނގެނުމުގެ ރޫހު އިތުރަށް އާލާކޮށް ކުރިއެރުވުމަކީ ކޮންމެ ބެލެނިވެރިއަކު ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. މިތަނުގައި އަޅުގަނޑު މި ހިމަނާ ނުކުތާތަކުގައި ބޮޑަށް މި ބަލައިލަނީ ދަރިވަރުންގެ ޝައުޤުވެރިކަމާއި ފޯރި އުނގެނުމަށް އިތުރު ކުރެވިދާނެ އަދި ގޭތެރޭގައި ސަމާލުވެވިދާނެ ދެތިން ކަމަކަށެވެ.

(1) ދުވަހީ ކަންކަމުގެ ތެރޭގައި އުނގެނުމާ ގުޅޭ މަސައްކަތްތައް ހިމަނާލުން: ސްކޫލު ބަންދު ދުވަސްތަކެއް ނަމަވެސް ކުދިން އުނގެނުމާ ދުރަށް ދިޔަ ނުދީ އެ ކުދިންގެ ދުވަހީ ދިރިއުޅުމުގައި ލިޔެކިޔުމާއި އުނގެނުމާ ގުޅޭ މަސައްކަތްތަކެއް ހިމެނުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.

(2) ކުއްޖާ ކިޔަވަން ހޭދަކުރާ ވަގުތަކީ މާ ބޮޑު އުނދަގޫތަކާއި ހިތްހަމަނުޖެހުންތައް ކުރިމަތިވާ ކަމަކަށް ނުހެދުން: މާނައަކީ ކުއްޖާ ކިޔެވުމުގެ މަސައްކަތެއް ކުރާ ވަގުތަކީ އެ ކުއްޖަކަށް އެކަން ކުރަން ފަސޭހަ މާހައުލެއް، ހަމަހިމޭންތަނެއް، ބޭނުންވާ ތަކެތި، އަދި ހަމައެހެންމެ އިތުރު އެއްޗެއް އޮޅުންފިލުވަން ޖެހޭނަމަ އެކަމުގެ އެހީތެރިކަން ހޯދޭނެ ނުވަތަ ލިބޭނެ ގޮތްތައް ހަމަޖެހިފައި ހުންނާނެ މާހައުލެއް ހަމަޖެއްސުމެވެ. އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ދުވަހުގެ ގިނަ ވަގުތުތަކެއްގައި ކުއްޖާ ހަމައެކަނި އުނގެނުމަށް ހޭދަ ކުރަންޖެހޭ ގޮތް ނުހެދުމެވެ. ހަމައެހެންމެ، ކުދިންގެ އުނގެނުމުގެ ފޯރިއަށް ނޭދެވޭ އަސަރު ކުރާފަދަ ގޮތަކަށް މަޖުބޫރު ކަންތައްތަކެއް ފަދައިން ކަންކަން ރޭވިގެން ނުވާނެއެވެ. ޚާއްޞަކޮށް ކުރާނެ ކަންތައްތައް ހަމަޖެއްސުމަކީ ކުއްޖާއާ އެކު ވާހަކަ ދެކެވިގެން އޭނާގެ ބައިވެރިވުމާއެކު ހަމަޖެއްސޭ ކަންތައްތަކަކަށް ވުން ވެސް މުހިންމެވެ.

(3) ކިޔަވާ ވަގުތުގެ ޕްލޭން ހެދުން: މިއީ ސްކޫލު ބަންދުތެރޭގައި ވެސް އަދި ސްކޫލުގެ ކިޔެވުން އޮންނައިރު ވެސް ކުރުން މުހިންމު ކަމެކެވެ. ނަމަވެސް ސްކޫލު ބަންދު ތެރޭގައި ވެސް ކުދިންގެ އުނގެނުމުގެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދިޔުމަކީ މުހިންމު ކަމެކެވެ. މިގޮތުން އެ ކުއްޖަކުގެ ކިޔަވާ ގުރޭޑާ ގުޅޭ ތަފާތު އެކްޓިވިޓީ ފޮތްތަކާއި، އަދި ގުޅޭ އެކިއެކި ރީޑިން/ކިއުންތައް ދީ، ހެދުމަކީ ސްކޫލު ފެށެންވާއިރަށް ދަރިވަރުންގެ އުނގެނުން އެކީ އެކައްޗަކަށް މެދު ނުކެނޑި ފޯރި ދަށްނުވެ ކުރިޔަށް ގެންދެވޭނެ ގޮތެކެވެ. ހަމައެއާއެކު ހަދާ ސްޓަޑީ ޕްލޭން/ކިޔަވާ ވަގުތު ވާން ޖެހޭނީ ސްކޫލުގެ ބަންދު ދުވަސްތަކެއްކަން ދަނެ، ކުއްޖާ ކުޅޭނެ އިތުރު ވަގުތާއި އެހެނިހެން ކަންކަމަށް ވެސް ވަގުތު ލިބޭގޮތަށް ރޭވޭ ޕްލޭނަކަށެވެ. އެހެންނޫނަމަ ސްކޫލު ބަންދުގެ ފުރިހަމަ ހިތްހަމަޖެހުން ކުދިންނަކަށް ނުލިބޭނެއެވެ.

(4) މުގައްރަރެއް ދަސްކޮށްދިނުމުގެ ބަދަލުގައި ގާބިލުކަމާއި ހުނަރުތައް ކުރިއަރުވަން މަސައްކަތް ކުރުން: ސްކޫލު ބަންދު ތެރޭގައި ކުދިން ކުރާ އުނގެނުމުގެ މަސައްކަތްތަކަކީ ސީދާސީދާ ވަކި ގްރޭޑެއްގައި ކިޔަވާ މައުޟޫޢުތަކަކަށް ނުހަދާށެވެ. އެއްސަބަބަކީ، މިގޮތަށް ކަން ކުރެވިއްޖެނަމަ ސްކޫލަށް ގޮސް ކިޔަވާ ވަގުތު ފިލާވަޅަށް ކުދިންދޭ ސަމާލުކަން އަދި ޝައުޤުވެރިކަން ދަށްވުމެވެ. ރަނގަޅު ގޮތަކީ ސްކޫލުގެ ބަންދު ދުވަސްވަރު ނަމަ ހަވާލުކުރެވޭ މަސައްކަތްތައް ވާންޖެހޭނީ ލިބިދޭންޖެހޭ ތަފާތު ހުނަރުތައް ތަރައްޤީކުރެވޭ ފަދަ ގޮތަކަށް އަމާޒުކޮށް ތަފާތު އުނގެނުމުގެ މަސައްކަތްތައް ދިނުމެވެ. މިސާލަކަށް ނޫސް ކިޔާފައި އޭގައި ހިމެނޭ ތިން ހަތަރު ނުކުތާއެއް އެކުލަވައިގެން ޕެރެގްރާފެއް ލިޔުން ފަދަ ކަންކަމަކީ އިނގިރޭސި ބަސް ނުވަތަ ދިވެހި ބަސް ވިޔަސް، ކުދިންގެ ލިޔުންތެރިކަން ކުރި އެރުވޭނެ ގޮތެކެވެ. ހަމަ މިބީދައިން ނޫހުންކިޔަން ހަވާލު ކުރާ ބައެއްގައިވާ މަޢުލޫމާތާ ބެހޭ ގޮތުން މަންމަ ނުވަތަ ބައްޕާއި ވާހަކަ ދައްކާލައި މަޝްވަރާކުރުމުން ވެސް ކުއްޖާގެ ބަސްކޮށާރު އިތުރުވެ ކަންކަމަށް ލޯހުޅުވުން ވެސް އިތުރުވެގެންދާނެއެވެ. މި ނޫނަސް ދުވަހީ ޖާރނަލް ލިޔަން ކުދިން އާދަ ކުރުވުން، ފޮތް ކިޔުމަށް ވަކި ވަގުތެއް ހަމަޖެއްސުން، ކުރެހުން ނުވަތަ އެހެން ވެސް އުފެއްދުންތެރި މަސައްކަތަކަށް ދުވަހީ ތާވަލުގައި ވަގުތުކޮޅެއް ހިމަނާލުން ފަދަ ކަންކަމެވެ. ބައެއް ފަހަރު އެކި ގްރޭޑްތަކާ ގުޅޭ ތަފާތު ލާރނިން އެކްޓިވިޓީ ފޮތްތަކުގައި ހުންނަ އެކި މަސައްކަތްތައް ކުރުވުމަކީ ވެސް ދަރިވަރުންގެ އުނގެނުމުގެ ހުނަރުތައް އިތުރުވާ ކަމެކެވެ. މިފަދަ ފޮތްތަކަކީ ސްކޫލުގައި ކިޔަވާ މުގައްރަރުގެ ފޮތްތަކަށް  ވެގެންނުވާނެއެވެ.

(5) ކުދި ކުދި ލަނޑުދަނޑިތައް ކަނޑައެޅުމަށް ހިތްވަރުދިނުން: ލަނޑުދަނޑިތަކެއް ނުވަތަ ގޯލްތަކެއް ކަނޑައެޅުމަކީ ސްކޫލު ބަންދުތެރޭގައި ވެސް އަދި ސްކޫލުގެ ކިޔެވުން އޮންނައިރު ވެސް ކުރުން މުހިންމު ކަމެކެވެ. ސްކޫލު ބަންދު ތެރޭގައި ކަނޑައެޅިދާނެ ތަފާތު ކުދިކުދި ގޯލްތަކުގެ ތެރޭގައި، ސްކޫލު ހުޅުވެން ވާއިރަށް ކުރު ވާހަކަފޮތެއް ލިޔުން، އާ ވައްތަރެއްގެ ކުރެހުމެއް ކުރަހަން ދަސްކުރުން، ކުރިއޭޓިވް (އުފެންދުންތެރި) އާ ކަމެއް ދަސްކުރުން، ދުވާލަކު ޕެރެގްރާފެއް ލިޔުން، ހަފުތާއަކު އެއްފަހަރު އެންމެ ގަޔާވި ކަމަކާ ބެހޭގޮތުން ލިޔުން ފަދަ ކަންތައް ހިމެނެއެވެ. މިގޮތުން ބައެއް ކުދިންނަށް އެކުދިންގެ ޝައުޤުވެރިކަމާ ގުޅޭ ގޮތަށް، ހަފުތާގެ ބޭކިން (ފިހުން)، ކެއްކުމުގެ ބައެއް ކަންކަން ދަސްކުރުން، ޑިޒައިން ފަދަ ކަންކަން ދަސްކުރުން ވެސް ހިމެނެއެވެ. މިގޮތުން ކަނޑައެޅޭ ކޮންމެ ގޯލަކީ ވެސް އުނގެނުމާއި ގުޅޭ ދަރިވަރުގެ  ހުނަރުތައް ތަރައްޤީކުރެވޭ އަދި އަމިއްލަ ފޯރީގައި ކުރާ ކަމަކަށް ހެދުން މުހިންމެވެ. މިގޮތަށް ގޯލް ފުރިހަމަ ކުރުމުގެ ފޯރި ޖެއްސުމަށް އެންމެ ރަނގަޅު ގޮތަކީ އެކުދިން އެ ކަނޑައަޅާ ގޯލްތައް ފުރިހަމަވުމުން އެކުދިންނަށް ލިބޭ އިނާމު، ރިވޯރޑް، ފަދަ ކަންތައްތައް ވެސް ކުދިންނާއެކު ވާހަކަ ދައްކައި ހަމަޖެއްސުމެވެ. ހަފުތާގެ މަސައްކަތްތައް ނިމުމުން އިތުރަށް އާ ގޭމެއް ގަތުމުގެ ހުއްދަ ލިބުން، ބަންދުތެރޭގައި ކުރާހިތްވާ ކަންތައްތަކެއް ކުރުމަށް އިތުރަށް ފުރުސަތު ދިނުން، މިސާލަކަށް ރައްޓެހި ކުއްޖެއް ސްލީޕްއޯވަރއަށް ނުވަތަ ގޭމް ކުޅެން ގެއަށް ގެންނަން ހުއްދަ ދިނުން، އަދި އޭގެ އިތުރުން ކުދިން ގަޔާވާ ކަންކަން ފަދަ ފިލުމު ބެލުން، ގުރޫޕު އެއްކޮށް ކުދިންގެ ޢުމުރާ ގުޅޭ އަދި ކުޅޭ ހިތްވާ ގޭމް ކުޅުންފަދަ ކަންތައްތަކަށް އިތުރު ވަގުތު ދިނުން ހިމެނެއެވެ.

(6) ކަސްރަތާއި ހަރަކާތްތެރިކަން އެކުލެވޭ ކަންކަން ދުވަހީ ކަންކަމުގެ ތެރޭގައި ހިމެނުން: މިކަމަކީ މިޒަމާނުގައި މާ ބޮޑަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ކުރިޔާ ޚިލާފަށް މިހާރުގެ ކުދިންގެ ގޭމު ކުޅުންފަދަ ކަންކަމަކީ ތަނެއްގައި އިނށީދެގެން ވަރަށް ގިނައިރު އިނދެ ކުރާ ކަންތައްތަކަކަށް ވުމުން ކުދިންގެ ޙަރަކާތްތެރިކަން ސްކޫލުގެ ބަންދުގެ ތެރޭގައި މަދުވުމަކީ އާންމުކޮށް ދިމާވާކަމެކެވެ. އެހެންކަމުން ދުވަހުގެ އާންމު ކަންކަމުގެ ތެރެއަށް ކަސްރަތާ ގުޅޭ ކަމެއް ހިމަނާލުން ވަރަށް މުހިންމުވާނެއެވެ. މީގެ ތެރޭގައި ފުޓްބޯޅަކުޅެލުން، ފަތަންދިއުން، ދުވަންދިއުން، ނުވަތަ އެހެންވެސް ޙަރަކާތްތެރިކަމާ ގުޅޭ ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ލިއްބުވައިދޭ ކަމެއް ހިމެނެން ޖެހޭނެއެވެ.

(7) އަމިއްލަ ނަފުސުގެ އިތުބާރު އިތުރުކުރުން: ސްކޫލު ބަންދުގެ ތެރޭގައި ސަމާލުކަން ދިނުން މުހިންމު އަނެއް ކަމަކީ ކުދިންގެ އަމިއްލަ ނަފުސުގެ އިތުބާރު އިތުރުވާފަދަ ކަންކަން ކުރުމަށް ދަރިވަރުންނަށް ފުރުސަތު ދިނުމެވެ. މިސާލަކަށް ސްކޫލު ބަންދުވީމަ އެކުއްޖެއްގެ ކިބައިގައި ހުންނަ އެކިއެކި ޓެލެންޓްތައް/ކުޅަދާނަކަން ދައްކާލުން ފަދަ ތަފާތު ކަންކަން ކުރަން ފުރުސަތު ފަހިކޮށްދިނުމެވެ. މިގޮތުން ކުއްޖާ މޮޅު ތަފާތު ކުޅިވަރުތައް ކުޅުމަށް ނުވަތަ އާ ކުޅިވަރެއް ދަސްކުރުމަށް ފުރުސަތު ދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.

(8) މިޔުޒިޔަމު ފަދަ ޢިލުމީ އަދި ތާރީޚީ ތަންތަނަށް ދަތުރުކޮށް ބަލާލަން ފުރުސަތުދިނުން: ސްކޫލު ބަންދުގައި ކުރެވޭ ކަންކަމުގެ ތެރޭގައި މިފަދަ ތަންތަނަށް ދިޔުމަކީ ކުދިންގެ ވިސްނުން ފުޅާވެ އަދި އެކިކަންކަމުގައި ކުދިންގެ ޝައުގުވެރިކަން އިތުރުކުރެވޭނެ ގޮތެކެވެ. ކޮންމެ ދުވަހަކު ގޭގައި ހޭދަކުރުމަށް ވުރެ ބޭރުގައި ދަރިވަރުން ބަލަން ދާހިތްވާ ތަންތަން ހޯދައިގެން ދިޔުމާއި ތަފާތު ތަޖުރިބާތައް ކުރަން ފުރުސަތު ދިނުމަކީ ވެސް މުހިންމު ކަންކަމެވެ.

(9) ކުދިންނާ އެކު އާންމުކޮށް ހިނގަމުންދާ ތަފާތު ކަންކަމާއި މެދު މަޝްވަރާކޮށް ވާހަކަ ދެއްކުން: މިދުވަސް ވަރު ވާހަކަ ދެއްކިދާނެ ބައިވަރު މައުޟޫޢުތައް އެބަހުއްޓެވެ. މިސާލަކަށް ކޮވިޑް 19ގެ ވާހަކަ، ޔޫރޯ ފުޓްބޯޅައިގެ ވާހަކަ، ދުނިޔޭގެ ތަފާތު ގައުމުތަކުގެ ފުރަބަންދުގެ ވާހަކަ، ދުނިޔޭގައި ހޯދާ އާ ހޯދުންތަކާ ގުޅޭ ޢިލުމީ ވާހަކަ، ތަފާތު އާ ގޭމްތަކުގެ ވާހަކަ، ތިމާވެއްޓާ ގުޅޭ ތަފާތު ވާހަކަ، މިގޮތަށް ކުދިންގެ ޝައުގުވެރިކަން ހުރެދާނެ ކޮންމެ މައުޟޫޢުއެއް ވެސް ޢާއިލާގެ މެމްބަރުން އެއްކޮށް ތިބެ، މަޝްވަރާކޮށް ވާހަކަ ދެއްކުމަކީ ކުދިންގެ ވިސްނުން ތަރައްޤީވެ، އަދި ހަމައެހެންމެ ޢާއިލީ ގުޅުންތައް ވެސް އިތުރަށް ހަރުދަނާވެ، ވާހަކަދެއްކުމުގެ ހުނަރު އިތުރުވެ، ސުވާލުކޮށް އަޑުއެހުން ފަދަ އެތައް ކަމެއް ކުދިންގެ ކިބައިގައި ތަރައްޤީކުރެވޭނެ ގޮތްތަކެވެ.

(10) ކުރާނެ ކަންތައްތަކުގެ ކަލަންޑަރ ހެދުން: އިސްވެ ބަޔާންވި ހުރިހާ ކަންކަމަކީ ހަމަ ދުވަހީ ދިރިއުޅުމުގައި ސްކޫލު ބަންދުގެ ތެރޭގައި ކުދިން ކުރަން ހަމަޖައްސާ ކަންކަމުގެ ތެރޭގައި ހިމެނާލެވިދާނެ ތަފާތު ކަންތައްތަކެކެވެ. އުސޫލެއްގެ ގޮތުން ބަޔާންވެދިޔަ ކަންތައްތައް ކުރުމަށް އެންމެ އެދެވޭ ގޮތަކީ ދަރިވަރުންގެ އަމިއްލަ ކަލަންޑަރ ހަދައި ޕްލޭން/ރާވައި ހަދަން ފަރިތަކުރުމެވެ. ހަފުތާގެ ކަންތައްތައް ރާވާއިރު، ޢާއިލާއާ އެކު ކުރާނެ ކަންތައްތަކާއި، ރައްޓެހިންނާއެކު ކުރާނެ ކަންތައްތަކާއި، އަދި އަމިއްލައަށް އެކަނި ކުރަންޖެހޭ ކަންކަމާއި، އަދި ސީދާ އުނގެނުމާ ގުޅޭ ތަފާތު ކަންތައްތަކާއި، ހަށިގަނޑުގެ ތަރުބިއްޔަތާއި ދުޅަހެޔޮ ޞިއްހަތަށް ޓަކައި ކުރާނެ ކަންތައްތައް ހިމެނުމަށް ކުދިންނާއެކު ބައިވެރިވެގެން ކަލަންޑަރ ހެދިދާނެއެވެ.

(11) ގޭމު ކުޅުން އަދި ސޯޝަލް މީޑިއާ ބޭނުންކުރެވޭ މިންވަރު ކޮންޓްރޯލް ކުރުން: އާންމުކޮށް ސްކޫލު ބަންދުގައި ގޭމު ކުޅުމާއި، ސޯޝަލް މީޑިއާގެ ވަގުތު ހޭދަ ކުރާ މިންވަރު ގިނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން، ކުރާނެ ކަންތައްތައް ހަމަޖައްސައި އިސްވެ ދެންނެވުނު ހުރިހާ ކަމަކަށް ވެސް ރިޢާޔަތްކޮށް ކުރާނެ ކަންތައްތައް ރޭވުމަށް މިޒަމާނުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ.

(12) ދަރުމަ މަސައްކަތްތަކުގައި ދަރިވަރުންގެ ޢުމުރާ ގުޅޭ ގޮތުން ކުދިން ބައިވެރިކުރުން: މިކަމަކީ ސްކޫލު ބަންދުގައި ކުރުން ވަރަށް ރަނގަޅު ކަމެކެވެ. ޚާއްޞަކޮށް ކުދިން ބައިވެރިވެގެން، އެ ކުއްޖަކު އުޅޭ ސަރަހައްދެއްގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޕްލާސްޓިކް ހޮވުން، ކުނި ހޮވުން މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިސާލަކަށް މުސްކުޅިންނަށް އެހީތެރިވުން، ފަދަ ކަމެއް ރޭވެން އޮތްނަމަ އެކަހަލަ ކަންކަމުގައި ބައިވެރިވާނެ ފުރުސަތު ފަހިކޮށްދިނުން ފަދަ ކަންކަމަކީ ސްކޫލު ކުދިންގެ އާންމު ދުޅަހެޔޮކަމާއި އާ އުނގެނުންތަކަށް ވެސް އަދި އިތުރު ހުނަރުތައް ތަރައްގީކުރުމަށް ވެސް ފުރުސަތު ފަހިވާ ކަންކަމެވެ.

(13) ޢުމުރާ ގުޅޭ ގޮތުން ތަފާތު މަސައްކަތްތައް ދަސްކުރުމަށް އެހީތެރިވެދިނުން: މިސާލަކަށް ޢާއިލާގެ ނުވަތަ ރައްޓިހީންގެ ކޮމްޕެނީތައް ނުވަތަ އަމިއްލަ ގޭގައިވެސް ދިރިއުޅުމާއި ގުޅޭ ތަފާތު މަސައްކަތު ހުނަރު ކުރި އަރުވަން އެހީތެރިވެދިނުން. މަސައްކަތުގެ ވަގުތުކޮޅެއް ހޭދަކުރުން ފަދަ ކަންކަމަށް ފުރުސަތު ދިނުމަކީ ކުދިންގެ އުނގެނުމާ ގުޅޭ ސްކޫލު ބަންދުގައި ފަހި ކުރެވިދާނެ ވަރަށް އެދެވޭ ކަންކަމެވެ. ތަފާތު މަސައްކަތު މާހައުލުތަކުގައި ކުރެވޭ ކަންތައްތަކުގެ ތެރޭގައި ތަފާތު ލިޔުންތައް ޓައިޕްކުރުން، ފޯނަށް ޖަވާބު ދިނުން އަދި އެނޫންވެސް ކުއްޖާގެ ޢުމުރާ ގުޅޭ ގޮތުން ކުރެވެން ހުންނަ ތަފާތު ކަންކަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

މަތީގައި ބަޔާންކުރެވުނު ކޮންމެ ކަމަކީ ވެސް ސްކޫލު ބަންދުގައި ދަރިވަރުންނަށް ހެޔޮ ގޮތުގައި ކަންކަން ރާވައި ތަންޒީމުކުރެވިދާނެ ގޮތްތަކެކެވެ. ހަމައެއާއެކު، އެއިން ކޮންމެ ގޮތަކީ ވެސް ދަރިވަރުންގެ އުނގެނުމާ ގުޅޭ ކަންކަމަށް ޝައުޤުވެރިކަން އިތުރު ކުރެވޭނެ އަދި އިތުރު ހުނަރުތަކާއި ގާބިލިއްޔަތުތައް ތަރައްގީކުރެވޭނެ ގޮތްތަކެކެވެ. މީގެ އިތުރުން، އެކި ކަންކަމުގައި ކުދިން ބައިވެރިވުމަށް ފުރުސަތު ދިނުމުން ދިރިއުޅުމުގެ ހުނަރުތަކާއި އަމިއްލަ ނަފުސުގެ ގާބިލުކަން އިތުރުވުމާއި، ކަންކަމުގައި އިސްނެގުންފަދަ އެތައް ކަމަކަށް ފުރުސަތު ހުޅުވިގެންދާނެ ގޮތްތަކެވެ. އަޅުގަނޑުގެ އުއްމީދަކީ ކޮންމެ ބެލެނިވެރިއަކު ވެސް ބަޔާންކުރެވިފައިވާ ތަފާތު ކަންކަމާމެދު ފުންކޮށް ވިސްނާލެއްވުމެވެ. އިޝާރާތްކޮށްލެވިފައިވާ ކޮންމެ ކަމަކީ ވެސް މާ ބޮޑު އުނދަގުލަކާ ނުލައި ކުދިންގެ ޢުމުރާ ގުޅޭ ގޮތުން ހަމަޖައްސާލެވިދާނެ ކަންކަމެވެ. ކުދިންގެ ސްކޫލު ބަންދަކީ އެ ކުދިންނަށް ދުޅަހެޔޮ ކަންތައްތަކަކަށް، އާ ހުނަރުތަކަކަށް މަގުހުޅުވިގެންދާ ދުވަސްތަކަށް ވުމަށް އެދެމެވެ. އަދި ހަމައެހެންމެ އުނގެނުމުގެ ޝައުގު ކުރިއެރުވޭ ފަދަ ކަންތައްތަކެއް ރާވާލެވޭ ދުވަސްތަކަކަށް ހެދުމަށް ބެލެނިވެރިން ސަމާލުވެލައްވާނެކަމުގެ އުއްމީދުގައި ނިންމާލަމެވެ.


ހަވާލާދޭ ލިޔުންތައް

Atkinson , J. W., (1964): An Introduction to Motivation. Princeton, N.J.: D. Van Nostrand.

Dececco, J.P. (1970): The Psychology of learning and Instruction. New Delhi: Prentice Hall of India (Pvt.) Ltd

Guilford, J.P. (1964): General Psychology, New York: Mc Graw Hill Book Co.

Maslow, A.H. (1943): A Theory of Human Motivation. Psychological Review, 50, 370-396.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.