ޔޫރޯ 2020 ގައި މިރޭ 9 ޖެހިއިރު ކުޅުނު މެޗުގައި ބައްދަލު ކުރީ ޕޮލަންޑާއި ސޮލްވާކިއާއެވެ. މެޗު ނިމުނީ 2 ލަނޑު 1 ލަނޑުން ސްލޮވާކިއާ މޮޅުވެގެންނެވެ.
މިރޭގެ މެޗުން މޮޅުވުމަކީ ސްލޮވާކިއާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެއީ މީގެ ކުރިން ސްލޮވާކިއާ ކުޅުނު މި ފެންވަރުގެ އެއްވެސް މުބާރާތެއްގައި ފުރަތަމަ ކުޅުނު މެޗުން މޮޅު ވެފައި ނުވާތީއެވެ.
މެޗުގެ ފުރަތަމަ ނިނިޓުން ފެށިގެން ސްލޮވާކިއާ ދިޔައީ ހަމަލާގެ ކުޅުމެއް ކުޅެމުންނެވެ. އެޔާއެކު ޕޮލަންޑްގެ މެދުތެރެއިން ކުޅެގަތުމުގެ ފުރުސަތު ނުދޭން ވަރަށް ރަނގަޅަށް ކުޅުންތެރިން ފާހަގަ ކޮށްގެން ކުޅެމުން ގެންދިޔައެވެ.
މެޗުގައި ފުރަތަމަ ލަނޑެއް ޖެހީ ސްލޮވާކިއާއިންނެވެ. އެއީ ކުޅުން ފެށިގެން 18 ވަނަ މިނިޓުގައެވެ. އެކަމަކު މިހާރުގެ ފުޓުބޯޅަ ގަވާއިދު އޮންނަ ގޮތަށް ބަލާއިރު އެ ލަނޑު ބަލަން ޖެހެނީ ބައިކޮޅަށް ޖެހި ލަނޑެއް ކަމުގައެވެ. ސްލޮވާކިއާގެ ރޮބާޓް މަކް ފޮނުވާލި ބޯޅަ މަތަކުރަން ކީޕަރު ޑައިވްކުރިއްެވެ. އެކަމަކު ބޯޅަ ގޮސް ޖެހުނީ ގޯލުގެ އަރިމަތީ ދަނޑީގައެވެ. ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލްކީޕަރުގެ ގައިގައި ޖެހިފައި ގޯލަށް ވަނީއެވެ. ވުމާއެކު އެ ލަނޑު ބަލާފައި ވަނީ ގޯލްކީޕަރުގެ އަތުން ބައިކޮޅަށް ވަން ލަނޑެއް ކަމުގައެވެ.
ފުރަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެއެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ޕޮލަންޑުން ލަނޑެއް ޖެހިއެވެ. މި ލަނޑު ޖެހީ ލިނެޓީ އެވެ.
މި ލަނޑާއެކު ޕޮލަންޑުން އާ ރޫހަކާއެކު ކުޅެގަތެވެ. މެދުތެރެއިން ކުޅެމުން ގެންދިޔަ ކުޅުންވެސް ފުރަތަމަ ހާފަށްވުރެ ރަނގަޅު ވެގެން ދިޔައެވެ. ހަމަލާތައް އުފައްދައި ފުރުސަތުތައް ހޯދަމުން ދިޔައެވެ. އެކަމަކު ލިބޭ ފުރުސަތުތައް ދިޔައީ ކިރިޔަކިރިޔާ ލައްވާލާ ހިސާބުން ބޭރަށް ނުވަތަ ގޮސް ޖެހެނީ ގޯލު ދަނޑީގައެވެ.
މެޗުގެ 63 ވަނަ މިނިޓުގައި ވަނީ ޕޮލަންޑްގެ ކްރިޚޯވިއަކަށް ރަތް ކާޑެއް ދެއްކިއެވެ. އެއީ ދެ ރީނދޫ ކާޑު ހަމަވުމާއެކު ދެއްކި ރަތް ކާޑެވެ.
ކްރިޚޯވިއަކް ބޭލިތާ ހައެއް މިނިޓުގެ ތެރޭގައި ސްލޮވާކިއާއިން ލަނޑެއް ޖަހައިފިއެވެ. މި ލަނޑު ޖެހީ ސްކްރިނިއަރެވެ.
އެކަކު މަދުކޮށް ކުޅުނު ނަމަވެސް ޕޮލަންޑުން ފަހު މިނިޓާ ހަމައަށް ހިތްވަރު ކުރިއެވެ. ސްލޮވާކިއާއަށް އިތުރު ލަނޑެއް ޖެހުނަ ނުދީ ހިފެހެއްޓުމާއެކު ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މެޗު ނިމުނީ 2 ކަނޑު 1 ލަނޑުން ޕޮލަންޑް ބަލިވެގެންނެވެ.
މިރޭ މެންދަމު 12 ޖަހާއިރު ފަށާ މެޗުގައި ބައްދަލު ކުރާނީ ސްޕެއިނާއި ސްވިޑްނެވެ.