ތަރައްގީއާއި ދުނިޔޭގެ ހާލަތު

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. މި ލިއުމަކީ އަޅުގަނޑު މީގެ ތިރީހަކަށް އަހަރު ކުރިން ތަރުޖަމާކުރި ލިޔުމެކެވެ. އެ ދުވަސްވަރަކީ އިންޓަނެޓުގެ ދުވަސްވަރެއް ނޫނެވެ. އަޅުގަނޑަށް މި ލިޔުން ފެނުނީ ސްރީލަންކާގެ ޑެއިލީ ނިވްސް އިންނެވެ. މިއަދު މި ލިއުން މި ޝާއިއު ކުރަނީ ދިރިއުޅުން ތަރައްގީ ކުރަމުން ގޮސް އަޅުގަނޑުމެންނަށް މިހާރު އާދެވިފައިވާ ހިސާބު ވަޒަން ކޮށްލެވޭނޭ އާދަޔާ ޚިލާފު ލިޔުމަކަށް މި ލިޔުން ވާތީއެވެ. މި ލިޔުމުގެ އެކި ރިވާޔަތްތަކުގައި ކުދި ތަފާތު ހުއްޓަތީ ފެނިފައިވެއެވެ. އަޅުގަނޑު ތަރުޖަމާ ކޮށްފައި މި ވަނީ އޭގެ ތެރެއިން އެއް ރިވާޔަތެވެ.

މިއީ  އެމެރިކާގެ  ދޮންމީހުން  ގޮސް  ރެޑް އިންޑިއަން  ދަރިކޮޅުގެ ގަބީލާއެއް ކަމުގައިވާ ސުކުއާމިޝްގެ  ބިން  ގަންނަން  އެދުނީމާ  އެ މީހުންގެ ވެރިޔާ، ޗީފް ސިއެޓްލް، 1854 ވަނަ  އަހަރު  އޭނާގެ ރައްޔިތުންނާ މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގެ  ތަރުޖަމާއެކެވެ. މި  ތަޤްރީރު މިހާރު  ވެސް  ވޮޝިންގޓަނުގައި ރައްކާކުރެވިފައި  އެބަ އޮތެވެ. ތިމާވެށްޓާ ބެހޭ ގޮތުން  އަޑުއިވިފައިވާ އެންމެ ރީތި، އެންމެ  އަސަރުގަދަ  ވާހަކަތަކުގެ ތެރޭގައި  މި ތަޤްރީރު ހިމެނެއެވެ.


ވޮޝިންގޓަންގައި ހުންނަވާ  ބޮޑުވެރިޔާ  އަހަރެމެންގެ ބިން  ގަންނަން  ބޭނުން ވާހަކަ  އަންގައިފިއެވެ.

ހެޔޮ އެދުމާއި ރަޙުމަތްތެރިކަމުގެ ބަސްތައް ވެރިޔާ ލިޔެފައިވެއެވެ. މިއީ އޭނާގެ ހިތް ހެޔޮކަމެވެ. އަހަރެމެންގެ ރަޙުމަތްތެރިކަމާއި،ގާތް ކަމަކީ އޭނާއަށް އެހާ ބޭނުންތެރިކަމެއް ނޫންކަން  އަހަރެމެން  ދަންނަމެވެ.

އެހެންނަމަވެސް މި ހުށަހެޅުމާމެދު އަހަރެމެން ވިސްނާނަމެވެ. އަހަރެމެން ބިން ވިއްކަން  އެއްބަސް ނުވިއްޔާ ދޮންމީހުން  އައިސް  ބަޑީގެ ބޭނުންކޮށްގެން  ފޭރިގަންނާނޭކަން  އަހަރެމެންނަށް  އެނގެއެވެ.

މި ފަޒާއާއި، ބިމުގެ ހޫނުކަން ގަނެ، ވިއްކޭނީ ކިހިނަކުންހެއްޔެވެ؟ މިއީ އަހަރެމެންގެ ބުއްދި ޙައިރާންކޮށްލާ ފަދަ ޚިޔާލެކެވެ. ވައިގެ ތާޒާކަމާއި، ފެނުގެ ވިދުވަރު އަހަރެމެންގެ މިލްކަކަށް ނުވާއިރު އެމީހުން ގަންނާނީ ކިހިނަކުންހެއްޔެވެ؟

މި ބިމުގެ ކޮންމެ ތަންކޮޅަކީ އަހަރެންގެ ރައްޔިތުންނަށް މުޤައްދަސް ތަންކޮޅެކެވެ. ވެލިން ފުރިފައިވާ ގޮނޑުދޮށްތަކާއި، ގަސްގަހުގައި ވިދަވިދައި ހުންނަ ކަށިތަކާއި ގަސްތަކުގެ ތެރެއިން ފެންނަ ދުންފިންޏާއި ހާމަ ފަޒާއާއި ދޫނި ސޫފާސޫފީގެ ގޮވެއްޔަކީ އަހަރެންގެ ރައްޔިތުންގެ ހަނދާނާއި، ތަޖުރިބާތައް ފަދައިން މުޤައްދަސް ތަންތަނާއި ތަކެއްޗެވެ.

ގަސްގަހުގެ ގޮފިތަކުގެ އެތެރޭގައި ދަތުރުކުރާ ދިޔަވަރަކީ މިތާނގެ މީހުންގެ ހަނދާންތަކުގެ ކުލަވަރާއެކު ދަތުރުކުރާ އެއްޗެކެވެ.

ތަރިތަކުގެ ތެރޭގައި ދަތުރުކުރަން ފެށުމާއެކު ތިމާގެ އުފަން ބިމުގެ މަތިން ދޮންމީހުން ހަނދާން ނައްތާލައިފިއެވެ. އަހަރެމެންގެ ކާބަފައިން މި ރީތި ފަސްގަނޑު ހަނދާން ނައްތައެއްނުލައެވެ. އެހެނީ މިއީ އަހަރެމެންގެ މާދަރީ ބިމެވެ.

އަހަރެމެންނަކީ ބިމުގެ ބަޔެކެވެ. މި ބިމަކީ އަހަރެމެންގެ ބަޔެކެވެ. މީރު ވަސްދުވާ މާމެލާމެއްޔަކީ އަހަރެމެންގެ އުޚުތުންނެވެ. ފުއްލާއާއި އަހާއި ގާދޫންޏަކީ އަހަރެމެންގެ އަޚުންނެވެ. ފަރުބަދަތަކުގެ އުސްކުންނުތަކާއި، ވިނަގަނޑުގެ ތެތްކަމާއި ތުއްތު ޖަނަވާރުތަކުގެ ހަށިގަނޑުގެ ޙަރާރަތާއި އިންސާނުންނަކީ މުޅިން އެއް ޢާއިލާއެކެވެ.

ވުމާއެކު ބޮޑުވެރިޔާ އަހަރެމެންގެ ބިމަށް އެދުނީމާ އެ އެދެވުނީ ހާދަހައިވާ ބޮޑު އެއްޗަކަށެވެ.

ބޮޑުވެރިޔާ އަންގަވާ ގޮތުގައި އަހަރެމެން ހިތްހަމަޖެހުމާއެކު ދިރި އުޅޭނޭ ތަނެއް ލިބިދެވޭނެއެވެ. އޭނާ އަހަރެމެންގެ ބަފަޔަކަށް ވާނެއެވެ. އަހަރެމެންވާނީ އޭނާގެ ދަރިންނަށެވެ.

ވީމާ، މި ހުށަހެޅުމާމެދު އަހަރެމެން ވިސްނާނަމެވެ. އެހެންނަމަވެސް މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މި ބިމަކީ އަހަރެމެންނަށް މުޤައްދަސް ތަނަކަށް ވާތީއެވެ.

ފެންގަނޑުގަނޑާއި ކޯރުކޯރުގައި ދެމެމުންދާ ސާފު ވިދުވަރުގަދަ ފެނަކީ ހަމައެކަނި ފެނެއް ނޫނެވެ. އެއީ އަހަރެމެންގެ ކާބަފައިންގެ ލެޔެވެ. އަހަރެމެން މި ބިން ވިއްކިޔަސް މިއީ އަހަރެމެންނަށް މުޤައްދަސް ބިމެއްކަން ދޮންމީހުން ދަންނަންވާނެއެވެ. އަދި އެމީހުންގެ ދަރީންނަށް ވެސް އެކަން އަންގައިދޭން ވާނެއެވެ. ސާފު ފެންގަނޑަށް އެޅިފައިވާ ކޮންމެ ހިޔަންޏަކުން ކިޔައިދެނީ އަހަރެމެންގެ މީހުންގެ ހަނދާންތަކުގެ ވާހަކަކަން އަންގައިދޭން ވާނެއެވެ. ރާޅު ބާންޏާއެކު އުފެދޭ އަޑަކީ އަހަރެންގެ ބައްޕަގެ ބައްޕަގެ އަޑެވެ.

ކޯރުތަކަކީ އަހަރެމެންގެ އަޚުންނެވެ. އަހަރެމެންގެ ކަރުހިއްކުން ފިލުވައިދެނީ އެ ކޯރުތަކުންނެވެ. އަހަރެމެންގެ ބޮއްކުރާތައް އެއް ތަނުން އަނެއް ތަނަށް ގެންގޮސްދެނީ ކޯރެވެ. އަހަރެމެންގެ ދަރިންނަށް ކާންދެނީ ކޯރެވެ. އަހަރެމެން މި ބިން ވިއްކީމާ، މި ކޯރުތަކަކީ އަހަރެމެންގެ އަޚުންކަން ދޮންމީހުން އެމީހުންގެ ދަރިންނަށް އަންގައިދޭން ވާނެއެވެ. އަދި އެއީ ދޮން މީހުންގެވެސް އަޚުންކަން އަންގައިދީ ކޯރުތަކާމެދު އަޚުންނާމެދު ކަންތައްކުރާހައި އޯގާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަންތައް ކުރަން ދަސްކޮށްދޭން ވާނެއެވެ.

އިރުގެ ހޫނުކަން ފޯރުމާއެކު ފަރުބަދަތަކުގެ މަތީގައި ހުންނަ ތެތްކަން ފިލައިގެންދާ ފަދައިން ރެޑްއިންޑިޔަން ދަރިކޮޅުގެ މީހުން ކުރިއަރަމުން އަންނަ ދޮންމީހުންނަށް ބިރުން ފިލައެވެ. އެހެންނަމަވެސް އަހަރެމެންގެ މައިންބަފައިންގެ ކަށިތައް ދެކެ އަހަރެމެން ލޯބިވަމެވެ. އެ މީހުންގެ މަހާނަތަކަކީ އަހަރެމެންނަށް މާތް، މުޤައްދަސް ތަންތަނެވެ. މި ފަރުބަދަތަކާއި، ގަސްތަކާއި، ބިމުގެ މިފަޅި އަހަރެމެންނަށް ވަނީ މާތް ތަންތަނާއި، ތަކެއްޗަށް ވެފައެވެ.

ދޮންމީހުންނަށް އަހަރެމެންގެ އާދަކާދަ ނޭނގޭކަން އަހަރެމެން ދަންނަމެވެ. ބިމުގެ އެއްފަޅިއާއި އަނެއްފަޅީގެ ތަފާތު އެމީހުންނަކަށް ނޭނގެއެވެ. އެހެނީ އެމީހުންނަކީ ރޭގަނޑުގެ ފުރަމެންދަމު އަރައިގެން އަންނަ ބީރައްޓެހިންނެވެ. އަންނަ ގޮތަށް އައިސް ބިމުން އެމީހުން ބޭނުން ބައެއް ހިފައިގެން ދަނީއެވެ. މި ބިމަކީ އެމީހުންގެ އަޚެއްނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ މިއީ އެ މީހުންގެ ހަތުރެކެވެ. މި ބައި އަތްދަށު ލެވުނީމާ އެހެން ދިމާއަކަށް ފިރުކެން ފަށަނީ އެވެ.

ދޮންމީހާ އޭނާގެ ބައްޕަގެ މަހާނަ ފަސްދީ ހިނގައިދެއެވެ. އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ބިމުގެ ދަރިންގެ ކިބައިން މި ބިން ފޭރިގަނެއެވެ. އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އޭނާގެ ބައްޕަގެ މަހާނަ އާއި، ދަރިންގެ ޙައްޤުތައް ވަނީ ހަނދާން ނައްތައިލާފައެވެ.

އޭނާ، އޭނާގެ މަންމަ ކަމުގައިވާ މި ދުނިޔެއާއި، އެއްބަނޑު އެއްބަފާ އަޚެއްކަމަށް ވެފައިވާ މި ފަޒާއާމެދު ދެކެނީ ގެރިބަކަރީގެ އުސޫލުން ގަނެ، ކަތިލައި ހެދުން އެންމެ ރަނގަޅު އެއްޗެހި ކަމުގައެވެ.

އޭނާގެ ހައިހޫނުކަން ފިލާއިރު ދުނިޔޭގެ ދިރުން ނެތިގެން ގޮސް ހަނަފަސް ހިކި ސަހަރާއަކަށް ވެދާނެއެވެ.

އަހަންނަކަށް ނޭނގެއެވެ. އަހަރެމެންގެ ގޮތާއި، އެމީހުންގެ ގޮތާ މުޅިން ތަފާތެވެ. އެ މީހުންގެ ރަށްތައް ފެނުނީމާ އަހަރެމެންގެ ލޮލަށް އުނދަގޫވެއެވެ. އަހަރެމެން ތަރައްޤީ ނުވާތީ ނުވިސްނެނީކަމަށްވެސް ވެދާނެއެވެ.

ދޮން މީހުންގެ ރަށްތަކުގައި ހަމަހިމޭންކަމެއް ނެތެވެ. ފަތްތަކުގެ ގައިގޯޅިވުމުގެ އަޑާއި، ދޫނި ފިޔަޖަހައިލާ އަޑެއް ނީވެއެވެ. އަހަރެމެން ތަރައްޤީ ނުވާތީ ނުވިސްނެނީކަމަށް ވެދާނެއެވެ. އެމީހުންގެ ރަށްރަށުން އިވޭ އަޑުފަށްގަނޑުން އަހަރެމެންގެ ކަންފަތަށް އުނދަގޫވެއެވެ.

ގާދޫނީގެ އެކަނިވެރި ރުއިމުގެއަޑާއި، ބޮއްތަކުގެ ޒުވާބުގެ އަޑުނީވޭ ނަމަ އިންސާނާގެ ޙަޔާތް ހުސް އެއްޗަކަށް ފަހެ ނުވޭހެއްޔެވެ؟ އަހަންނަކީ ރަތް ބާގައިގެ (ރެޑްއިންޑިއަނުންގެ) މީހަކަށް ވާތީ ނުވިސްނެނީއެވެ.

ފެންގަނޑުގައި ބީހެމުން ދަތުރުކުރާ ވައިރޯޅިއާއި، އެވައިރޯޅީގެ ވަހާއި، ދުވާލު މެންދުރު ވެހޭ ވާރެއިން ސާފުވެފައިވާ ވައިރޯޅިއާއި، ފެހިކުލައިގެ ގަސްގަހުން އަރާ މީރުވަސް އަހަރެމެންނަށް މާ ރަނގަޅެވެ.

ވަޔަކީ އަހަރެމެންގެ ގާތުގައި އަގުހުރި، މާތް އެއްޗެކެވެ. ވަޔަކީ އެންމެންވެސް ޙިއްޞާކުރާ އެއްޗެކެވެ. ޖަނަވާރާއި، ގަސްގަހާގެއްސާއި، އިންސާނުން ނޭވާލަނީ ހަމަ މި ވަޔަށެވެ. އެމީހުން ނޭވާލާން މިވައިގެ ބޭނުންކުރާކަން ދޮންމީހުންނެއް ނުދަނެއެވެ. މަރުބަލީގައި ގިނަ ދުވަހު އޮންނަންޖެހިފައިވާ މުސްކުޅިއެއްގެ ޙިއްސުތައް ފަދައިން އެމީހުންގެ ޙިއްސުތައް ވަނީ ބަލިކަށިވެފައެވެ.

އަހަރެމެން މި ބިން ވިއްކީމާ، މި ޖެހޭ ވަޔަކީ އަހެރެމެން ލޯބިވާ އެއްޗެއްކަން ދަންނަން ވާނެއެވެ. އަހަރެމެންގެ ދިރުމަކީ ވައިގެ ދިރުންކަން ދަންނަން ވާނެއެވެ. އަހަރެމެންގެ ކާފައަށް އޭނާގެ ފުރަތަމަ ނޭވާ ހަދިޔާކުރި ވައި، ކާފަ އެންމެފަހު ދުވަހު ދޮޅިއުފުރާ ދޫކޮށްލި ނޭވާވެސް ބަލައިގަތްކަން ހަނދާނުން ފޮހެވިޔަދީގެން ނުވާނެއެވެ. އަދި އަހަރެމެންގެ ދަރިންނަށް ދިރުން ދޭނީވެސް މި ވައިންކަން ދަންނަން ވާނެއެވެ.

އަހަރެމެން މި ބިން ވިއްކީމާ އެ ވައި ރައްކާތެރިކޮށް ބަލަހައްޓަން ވާނެއެވެ. މާމެލާމެލީގެ ވަހާއެކު އަންނަ ވައިރޯޅީގެ ރާޙަތު ލިބިގަނެވޭ ފަދަ ގޮތަކަށެވެ.

މި ހުށަހެޅުމާމެދު އަހަރެމެން ވިސްނާނަމެވެ. އަހަރެމެން ބިން ވިއްކާނީ ޝަރުޠެއްގެ މަތިންނެވެ. ހުރިހާ ޖަނަވާރުތަކަކީ ތިމަންމެންގެ އަޚުންކަމަށް ދޮންމީހުން ހިތުގެ އަޑިން ޤަބޫލުކުރަން ވާނެއެވެ. އަދި އަޚުން ފަދައިން ހެޔޮކޮށް ހިތަން ވާނެއެވެ.

އަހަންނަކީ ތަހުޒީބު ނުވާ މީހަކީމެވެ. މި ނޫން އެހެން ގޮތެއް އަހަންނަކަށް ނޭނގެއެވެ. ދަތުރުކުރަމުންދާ ރޭލުތަކުގައި ތިބެގެން ދޮން މީހުން ބަޑިޖަހާ މަރާފައިވާ އެތައް ހާސްކަން ކަންބަޅިއެއް އަހަރެން ދެކެމެވެ. އަހަންނަކީ ތަހުޒީބު ނުވާ މީހަކީމެވެ. ދިރިއުޅުން ބާއްޖަވެރިކުރަން މަރަމުންދާ ޖަނަވާރުތަކަށްވުރެ ދުންއަރުވަމުން ދަތުރުކުރާ ދަނގަޑުއަސް (ރޭލު) މުހިއްމު ވަނީ ކިހިނަކުން ކަމެއް އަހަންނަކަށް ނުވިސްނެއެވެ.

ޖަނަވާރާ ނުލައި އިންސާނުންގެ އޮތީ ކޮން ހައިސިއްޔަތެއް ހެއްޔެވެ؟ ހުރިހާ ޖަނަވާރެއް މަރުވެ ހުސްވީމާ ރޫޙު އެކަނިވެރި ވެގެންގޮސް އިންސާނާ މަރުވެދާނެއެވެ. ޖަނަވާރުތަކަށް ވާގޮތް ވަރަށް އަވަހަށް އިންސާނުންނަށް ވެދާނެއެވެ. ހުރިހާ އެއްޗެއް ވަނީ ގުޅި، ލާމެހިފައެވެ.

އެ މީހުންގެ ފައިތިލަތައް ދަށުގައި މިވާ ބިމަކީ އަހަރެމެންގެ ކާބަފައިންގެ ކަށިތައްކަން ދޮންމީހުން އެމީހުންގެ ދަރިންނަށް އަންގައިދޭން ވާނެއެވެ. އެ ކުދިން މި ބިމަށް ޤަދަރުކުރާނީ އޭރުންނެވެ. މި ބިން މުއްސަނދި ވެފައި ވަނީ އަހަރެމެންގެ ކާބަފައިންގެ ފުރާނައިންކަން އަންގައިދޭން ވާނެއެވެ.

އަހަރެމެން، އަހަރެމެންގެ ދަރިންނަށް އުނގަންނައިދިން ކަންތައްތައް އެމީހުން، އެމީހުންގެ ދަރިންނަށް އުނގަންނައިދޭން ވާނެއެވެ. މި ބިމަކީ އަހަރެމެންގެ މަންމައެވެ. ބިމަށް މެދުވެރިވާ ކޮންމެ ޙާލަތެއް އެ ބިމުގެ ދަރިންނަށް މެދުވެރި ވާނެއެވެ. ބިންމައްޗަށް ކުޅުޖަހާ މީހުން އެ ކުޅުޖަހަނީ އެމީހުންގެ އަމިއްލަ މޫނަށެވެ.

މިކަން އަހަރެމެންނަށް އެނގެއެވެ. ބިމަކީ އިންސާނުންގެ މިލްކެއް ނޫނެވެ. އިންސާނުންނަކީ ބިމުގެ މިލްކެކެވެ. މިއީ އަހަރެމެން ދަންނަކަމެކެވެ. އެއް ޢާއިލާއެއް ލޭގެ ޒަރީޢާއިން ގުޅިފައިވާ ފަދައިން ހުރިހާ އެއްޗެއްވަނީ ގުޅިފައެވެ.

ބިމަށް މެދުވެރިވާ ކޮންމެ ޙާލަތެއް އެ ބިމުގެ ދަރިންނަށް މެދުވެރިވާނެ އެވެ. ޙަޔާތުގެ ވާތައް ފުރަނީ އިންސާނާއެއް ނޫނެވެ. އިންސާނާއަކީ އޭގެ ވާ ފަށެކެވެ. މި ވާފަށަށްވާ ކޮންމެ ގޮތެއް އިންސާނާއަށް ވާނެއެވެ.

އަހަރެމެން އުޅޭނޭ ތަނެއް ދޭނޭ ވާހަކަ އެމީހުން އޮތީ ބުނެފައެވެ. އަހަރެމެން އެކަމާ މެދު ވިސްނާނަމެވެ. އަހަރެމެން ޞުލްޙަވެރިކަމާއެކު ވަކިން އުޅޭނަމެވެ. ދިރިއުޅުމުގައި ބާކީ އޮތް ދުވަސްކޮޅު ހޭދަކުރަނީ ކޮން ތަނެއްގައިތޯ ބެލުމަކީ އެހައި މުހިއްމުކަމެއް ނޫނެވެ. މައިންބަފައިން ބަލިވެ، އިނދަޖެހުނުތަން އަހަރެމެންގެ ދަރިންނަށް ވަނީ ފެނިފައެވެ. އަހަރެމެންގެ ހަނގުރާމަވެރިން ތިބީ ލަދުން އިސްޖެހިފައެވެ. ނާކާމިޔާބީއާ ކުރިމަތިވުމުން ފޮނި ކާތަކެއްޗާއި، ބާރުގަދަ، ވިހަބުއިމުން ހަށިގަނޑު ނަޖިސްކުރަމުން ދަނީއެވެ.

އަހަރެމެންގެ ދިރިއުޅުމުގައި ބާކީ އޮތް ދުވަސްކޮޅު ހޭދަކުރަނީ ކޮންތަނެއްގައިތޯ ބެލުމަކީ އެހައި މުހިއްމުކަމެއް ނޫނެވެ. އެއީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ދެ ތިން ހަތަރު ފިނި މޫސުމެކެވެ. މި ބިމުގައި ދިރިއުޅުނު ބާރުގަދަ ޤަބީލާތަކުގެ ދަރިންނެއް ދެނެއް ނުފެންނާނެއެވެ. އެއް ދުވަސްވަރެއްގައި އާރާއި، ބާރާއި، ވަރުގަދަ އުއްމީދަކާއެކު ދިރިއުޅުނު ކާބަފައިންގެ މަހާނަތައް ކައިރީގައި ހިތި ހިތާމައިން މޮޅި ވެފައިތިބޭ މަދުމީސްކޮޅަކަށް އެ ޤަބީލާތައް ވެދާނެއެވެ.

އަހަރެމެންގެ މީހުން ފަނާވެދާން ފެށީމާ ހިތާމަކުރަންވީ ކީއްކުރަން ހެއްޔެވެ؟ ޤަބީލާތައް އުފެދެނީ އިންސާނުން އެކުވެގެންނެވެ. އިންސާނުންނަކީ ކަނޑުގެ ރާޅުތައް ފަދައިން އައިސް، ގޮސްވާ ބަޔެކެވެ.

ދޮން މީހުން ވެސް އެނބުރި ދާން އޮތް މަންޒިލަކީ އެއް މަންޒިލެކެވެ. އަހަރެމެން ދެބައި މީހުންނަކީ އަޚުންކަމަށްވެސް ވެދާނެއެވެ. އަހަރެމެން ބަލާނަމެވެ.

ކޮންމެވެސް ދުވަހަކުން ދޮން މީހުންނަށް ވެސް އެނގޭނޭ ކަމެއް މިހާރު އަހަރެމެންނަށް އެނގެއެވެ. އެއީ އަހަރެމެން އެންމެންގެ ކަލާނގެއަކީ އެއް ކަލާނގެއެއްކަމެވެ. އަހަރެމެންގެ މި ބިމަކީ އެ މީހުންގެ މިލްކެކޭ ހީވާފަދައިން ކަލާނގެއަކީވެސް އެ މީހުންގެ މިލްކެއް ކަމަށް ދޮންމީހުންނަށް ހީވެފައި އޮވެދާނެއެވެ. އެހެންނަމަވެސް އެއީ އެއް ގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫނެވެ.

އެއީ ހުރިހާ އިންސާނުންގެ ކަލާނގެއެވެ. ރަތް މީހުންނާއި، ދޮންމީހުން އެކަލާނގެއަށް ހަމަހަމައެވެ.

މި ބިމަކީ އެ ކަލާނގެ މާތްކުރެއްވި ތަނެކެވެ. ބިމަށް އަނިޔާކޮށް ގެއްލުން ދިނުމަކީ ކަލާނގެ ކޯފާއަށް ހުރަހޮޅިގަތުމެވެ. ދޮން މީހުން ވެސް ފަނާވެދާނެއެވެ. އެހެން ޤަބީލާތަކަށް ވުރެ އަވަހަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ތިމާއަށް ލިބިފައިވާ އަގުބޮޑު އެނދު (ބިން) ހަލާކު ކުރަމުންދާށެވެ. އަމިއްލައަށް ޖެހި ކުނިފުނީގެ ތެރޭގައި ހަލާކުވެދާން ޖެހޭ ދުވަސް ދުރެއް ނޫނެވެ.

ފަނާވެ ނިމިގެންދާއިރު ކަލާނގެ ކުޅަދުންވަންތަކަން ފެންނާނެއެވެ.

ދޮންމީހުން އުފައްދަވައި، ކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ޙިކުމަތް އެނގިގެންނުވާ ސަބަބަކަށްޓަކައި މިބިމުގެމައްޗަށާއި، ރަތްބާގައިގެ މައްޗަށް އެމީހުންގެ ބާރުގަދަކުރެއްވިއެވެ.

މި ހުރިހާ ކަމެއްގެ ނިމުން އަހަރެމެންނަށް ވަނީ އަރަތަކަށްވެފައެވެ. ހުރިހާ ކަންބަޅިތައް މަރާ ހުސްކުރެވޭއިރުވެސް އަހަރެމެންނަކަށް ނުވިސްނެއެވެ. ބޯޖަންގަލިތައް ހުސްވެ، އެ ތަންތާނގައި  އިންސާނުން ވަޒަންވެރިވެ، ފުރި ތޮއްޖެހޭ އިރުވެސް އަހަރެމެންނަކަށް ނޭނގެއެވެ. ތާޒާ، ރޯ ފަރުބަދަތައް ކޮށައި، ވާހަކަ ދައްކާ ނަރުތައް (ފޯނުނަރު) ދަމަނީ ކީއްކުރަންކަމެއް އަހަރެމެންނަކަށް ނޭނގެއެވެ.

ޖަންގަލީގައި ފުނިޖެހިފައި ހުރި ގަސްތައް ކޮބައިހެއްޔެވެ؟ ހުސްވެއްޖެ އެވެ. ގާދޫނި ކޮބައިހެއްޔެވެ؟ ހުސްވެއްޖެއެވެ. ގެރިބަކަރިއަށް އަލްވަދާޢުކިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއީ ޙަޔާތުގެ ނިމުމާއި، ހަލާކުން ސަލާމަތްވާން ކުރާ މަސައްކަތުގެ ފެށުމެވެ.

ރަތްބާގައިގެ އެންމެ ފަހު މީހާ މަރުވުމުން ވެސް އަހަރެމެންގެ ހަނދާނާއި، ރޫޙު މި ތާނގައި ދެމިހުންނާނެއެވެ. އަލަށް އުފަންވާ ތުއްތު ކުއްޖާފުޅު މަންމަގެ ހިތުގެ ހިނގުން ދެކެ ލޯބިވާފަދައިން އަހަރެމެން މި ބިން ދެކެ ލޯބިވީމެވެ.

އަހަރެމެން މި ބިން ވިއްކީމާ އަހަރެމެން ލޯބިވީފަދައިން މިބިން ދެކެ ލޯބިވާން ވާނެއެވެ! އަހަރެމެން ބެލެހެއްޓިފަދައިން މި ބިން ބަލަހައްޓަން ވާނެއެވެ! ބިން ލިބިގަންނަ އިރު ބިމުގެ ހަނދާންތައް ސިކުނޑީގައި ބިންވަޅު ނަގާށެވެ! ލިބިފައި އޮތް ހުރިހައި އާރަކާއި، ބާރެއްގެ ބޭނުންކޮށްގެން ވިސްނުންތެރިކަމާއި، އިޚްލާޞްތެރިކަމާއެކު އަންނަން އޮތް ޖީލަށްޓަކައި މި ބިން ރައްކާތެރިކަމާއެކު ބަލަހައްޓާށެވެ! މި ބިން ދެކެ ލޯބިވާށެވެ! ކަލާނގެ އަހަރެމެން އެންމެން ދެކެ ލޯބިވެވޮޑިގެންވާ ފަދައިންނެވެ.

އަހަރެމެންނަށް ކަށަވަރުވާ އެއް ކަމެއް އެބަ އޮތެވެ. އަހަރެމެންގެ ކަލާނގެއަކީ އެންމެންގެ ކަލާނގެއެވެ. މި ބިމަކީ އެކަލާނގެ މާތްކުރެއްވި ތަނެކެވެ. ދޮން މީހުންވެސް އެނބުރި ދާން އޮތް މަންޒިލަކީ އެއް މަންޒިލެކެވެ. އަހަރެމެން އެންމެންނަކީ އަޚުންކަމަށްވެސް ވެދާނެއެވެ. އަހަރެމެން ބަލާނަމެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.