ގޭ ބިސީތަކުގެ ކަރަންޓު ބިލާއި ފެންބިލު ކުޑަކޮށްދެއްވަން ސަރުކާރުން ނިންމަވައިފި

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި އުނދަގޫތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެންބިލާއި ކަރަންޓު ބިލް ކުޑަކޮށްދެއްވަން ސަރުކާރުން ނިންމައި ރައީސުލްޖުމްހޫރިއްޔާ އެކަން ޢިއުލާންކުރައްވައިފިއެވެ.

މިރޭ ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ގޭބިސީތަކުގެ ފެން ބިލްތަކުން %30، ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަންނަ މަހުން ފެށިގެން ދެއްވާ މި ލުއިތަކާއެކު، ވިޔަފާރިތަކުގެ ބިލްތަކުންވެސް %20 ކުޑަކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިޙާލަތުގައި އެންމެބޮޑު ގެއްލުމެއް ކުރިމަތިވާ ކުދި ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިވާން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ލުއި ލޯނުތަކެއް ދިނުމަށް ނިންމަވާފައި ވާކަމަށާ، އަންނަ ޖޫންގެ ތެރޭފައި ބީއެމްއެލް މެދުވެރިކޮށް 375 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެބޮޑު އަމާޒަކީ ދައުލަތުގެ ހުރިހައި ވަޞީލަތެއް ބޭނުންކުރައްވައިގެން މިޙާލަތު ރަނގަޅުކުރައްވަން މަސައްކަތްކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.