އެކި ވިޔަފާރިތަކަށް މާލޭ ސިޓީކައުންސިލުން ދޫކޮށްފާ ބިންބިމުގެ ކުލިން %30 ކުޑަކުރުމަށް އެކައުންސިލުން ނިންމަވައިފިއެވެ.
އައު ސިޓީކައުންސިލް ހުވައިކުރެއްވުމަށްފަހު މާލޭގެ އެކިއެކި ކަންކަން އިންތިޒާމުވެފައި ހުރިނެތްގޮތް ބައްލަވައި އިސްލާޙުކުރަންޖެހޭ ގޮނަ ކަންކަން މިހާރު ގެންދަވަނީ އިސްލާޙުކުރައްވަމުންނެވެ. އެގޮތުން އެންމެފަހުން އެކައުންސިލުން ނިންމެވި ކަންތައްތަކުގެތެރޭގައި މާލޭގައި އެކިއެކި ވިޔަފާތިތައް ކުރުމަށް ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންބިމުގެ ކުލި ކުޑަކުރުން ހިމެނެއެވެ. މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް19ގެ ޙަލަތާ ގުޅިގެން ޢާމްދަނީ ހޯދުމަށް އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯއްދަވައިދެއްވުމުގެގޮތުންކަމަށް މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވުމުގެ ގޮތުން އައު ސިޓީ ކައުންސިލުންވަނީ ގިނަ ކަންތައްތަކެއް ފަށްޓަވާފައެވެ. އެންމެފަހުން ފެށްޓެވި ކަންކަމުގެތެރޭގައި
ކޮވިޑްގެ ހާލަތާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކުރާނެ މަސައްކަތެއްގެ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން އުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކް ބޭފުޅުންގެ ލިސްޓް ކައުންސިލާ ހިއްޞާކޮށްފައިވާތީ، އެބޭފުޅުން އެދިވަޑައިގެންފައިވާ ގޮތަށް ކައުންސިލްގެ ބޭފުޅުން މަސައްކަތް ކުރައްވައިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ދެއްވާފައިވާ ލިސްޓުގައި ތިއްބެވި ފަރާތްތަކަށް ވާޞިލްވެ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ އެފަރާތްތަކާ ގުޅުވާ ދެއްވުމަށް މި ކައުންސިލުން ކުރެވެން ހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.
އަދި މާލޭ ސިޓީގައި ދުއްވޭނީ ކިތައް ވެހިކަލް ކަން ކަނޑައެޅުމަކީ ސިޓީ ކައުންސިލުން ކުރަން ޤާނޫނުގައި ބަޔާންވެފައިވާ ކަމަކަށްވާތީ އެ ކަން ކަނޑައެޅުމަށްޓަކާ، ވެހިކަލް ތަކުގެ ކެރީން ކެޕޭސިޓީ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް އެކަމަށް ޙާއްޞަ 07 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ނަގައި 2 ހަފްތާ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ކުއްޔަށްދީފައިވާ ޕާކިންގ ޒޯނުތަކުގައި ޕްރައިވެޓް ކާރު ޕާކް ކުރުމަށް ނަގާފީ ކޮވިޑް 19 ގެ ޙާލަތު ރަނގަޅުވެ ޢާއްމު ޙާލަތަކަށް އަންނަންދެން 1000ރ މަހަކަށް ދައްކަންޖެހޭ ފީ ކުޑަކުރުމަށާއި އަދި ޢާއްމު ޙާލަތުގައިވެސް 1500ރ މަހަކަށް ދައްކަންޖެހޭ ފީ ކުޑަކުރަންވެސް ވަނީ ނިންމަވާފައެވެ.