މާލީގެ ރައީސު ދޫކޮށްލަން އދ.ން ގޮވާލައިފި

މާލީގެ ރައިސު ބާހް އިންޑާއު

ހުޅަނގު އެފްރިކާގެ ގައުމެއް ކަަމަށްވާ މާލީގައި ސިފައިންގެ ބެލުުމުގެ ދަށަށް ގެންގޮސްފައިވާ ރައިސު ބާހް އިންޑާއުއާއީ ބޮޑުވަޒީރު މުޚްތާރު ވާން ވަގުތުން ދޫކޮށްލުމަށް އެގައުމުގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ އޮފީހުން ގޮވާލައިފިއެވެ.

ޚަބަރުތައް ލިބޭގޮތުގައި ސިފައިން ނުުކުމެ އިންތިގާލީ ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށްފައި ވަނީ ކެބިނެޓަށް ބަދަލުތަކެެއް ގެނައުމުން އެކަމާމެދު ހިތްހަމަނުޖެހިގެންނެވެ.

ރައީސު އިންޑާއުއާއި ބޮޑުވަޒީރު ވާން އޮގަސްޓްމަހުގައި އިންތިގާލީ ސަރުކާރެއްެގެ އިސްވެރިންގެ ގޮތުގައި ވެރިކަމާ ހަވާލުވެވަަޑައިގަތީ އޭރު ސިފައިން ގެނައި އިންގިލާބަކާ ގުޅިގެން ކުރިމަތިވި ބައިނަލްއަގުވާމީ ފިއްތުންތަކަށް ފަހުގައެވެ. އެހެންކަމުން، ސިފައިން ދެވަނަ އިންގިލާބެއް ގެންނަން އުޅޭކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ނަން ހާމަކުރަން ނޭދޭ އިސް ދެ އޮފިޝަލަކު ބޭރުގެ ބައެއް ނޫސްވެރިންނަށް މައުލޫމާތުދިން ގޮތުގައި ހަތިޔާރުއެޅި ސިފައިން ވަނީ އިންޑާއުއާއި ވާން ވަރިރަށް ބަމާކޯ ކައިރީގައި ހުންްނަ ސިފައިންގެ މަރުކަޒަކަށް ގެންގޮސްފައެވެ.

ހޯމަ ދުވަހު ކެބިނެޓަށް ބަދަލުތަކެއް ގެނައީ އިންތިގާލީ ސަރުކާރުގެ ހިންގުންތެރިކަމާމެދު ރައްޔިތުންެގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ އަޑު ގަދަވާން ފެށުމުންނެވެ. އެ ބަދަލަށް ފަހުވެސް ކެބިނެޓްގެ މުހިއްމު މަގާމުތައް ދީފައި ވަނީ ސިފައިންނަށެވެ. އެހެންނަމަވެސް، ޑިފެންސް މިނިސްޓަރު ސާޑިއޯ ކަމަރާއާއި، ސެކިއުރިޓީ މިނިސްޓަރު މޮޑިބޯ ކޯނޭގެ މަގާމު ވަނީ ގެއްލިފައެވެ. އެެ ދެބޭފުޅުންނަކީ އޮގަސްޓްގެ އަސްކަރީ އިންގިލާބުގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ.

ފޯނުން އޭއެފްޕީއާ ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު މުޚްތާރު ވާން ވިދާޅުވީ އިންތިގާލީ ނާއިބުު ރައީސު ކާނަލް އަސީމީ ގޮއިޓާއަށް ތާއީދުކުރާ ސިފައިން އައިސް އޭނާ ގެންދިޔައީ ކަމުގައެވެ. ކާނަލް ގޮއިޓާއަކީ އޮގަސްޓްގެ އިންގިލާބުގެ ލީޑަރެވެ.

ފާއިތުވި އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ކާނަލް ގޮއިޓާގެ ލީޑަރުކަމުގައި ޒުވާން އަސްކަރީ އޮފިސަރުންތަކެއް ނުކުމެ އޭރުގެ ރައީސު އިބްރާހީމް ބޫބަކަރް ކެއިޓާ ވެރިކަމުން ދުރުކުރީ، ސަރުކާރުގެ ކޮރަޕްޝަނާ ދެކެޅަށް އާއްމުން ކުރަމުން ދިޔަ މުޒާހަރާތަކާ ގުޅިގެންނާއި، މާލީގެ އުތުރުގައި ސިފައިން ހިންގި އޮޕަރޭޝަނަކާ މެދު ހިތްހަމަނުޖެހިގެންނެވެ.  

ޔޫރަޕިއަން ކައުންސިލްގެ ރައީސު ޗާލްސް މިޝޭލް ވިދާޅުވީ ސިފައިންނުކުމެ މާލީގެ ރައީސު "ރަހީނުކުރުން" އިޔޫގެ ލީޑަރުން ކުށްވެރިކުރައްވާ ކަމުގައެވެ.

"ހިނގައި ދިޔައީ ވަރަށް ނުރައްކާ، ސީރިޔަސް ކަމެއް. އަހަރުމެން މިތިބީ އަޅަންޖެހޭ ފިޔަަވަޅުތަކެއް ކަނޑައަޅަން ތައްޔާރަށް." އޭނާ ވިދާޅުވިއެވެ.

އެފްރިކަން ޔުނިއަން (އޭޔޫ) އިން ނެރުނު ބަޔާނެއްގައި، ރައީސާއި ބޮޑުވަޒީރު ދޫކޮށްނުލައިފިނަމަ ދަތިކުރުމުގެ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.