އިސްރާއީލު ނެތިދިއުން ވަނީ ދާދި ކައިރީގައި

ފަލަސްޠީނުގައި ޔަހޫދީންގެ ދައުލަތެއް އުފެއްދުމާމެދު ދެކޮޅުހަދާ ބަޔަކު ޔަހޫދީންގެ ތެރޭގައި  ވެސް ވެއެވެ. އެމީހުންނަކީ، ތައުރާތުގައިވާ ޞައްޙަ ޢަޤީދާ ޤަބޫލުކުރާ ޔަހޫދީންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި، ޔަހޫދީން އުޅެންވާނީ އޭރަކު އެމީހުން ދިރިއުޅޭ ޤައުމެއްގެ ރައްޔިތުންގެ ގޮތުގައެވެ. އެހެނީ، ވަކި ބިމެއްގައި، ޔަހޫދީންނަށް ޚާއްޞަ ވަކި ދައުލަތެއް އުފެއްދުމަކީ، މާތް ﷲ، އެމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވާ ކަމެކެވެ.

1948 ވަނަ އަހަރު، އިސްލާއީލުގެ ނަމުގައި ޔަހޫދީންގެ ދައުލަތެއް އުފެއްދުމުން، އެކަމާމެދު ދެކޮޅުހެދި ޔަހޫދީންތަކެއް ވިއެވެ. އެމީހުންނަކީ، ތައުރާތުގެ ޞައްޙަ ޢިލްމު ދަންނަ ބަޔެކެވެ. އެއިން އެކަކީ، ޢިރާޤުގައި އުޅުނު ޔަހޫދީ އަންހެން ބޭކަނބަލެކެވެ. ޔަހޫދީންގެ ދައުލަތެއް އުފެއްދުމުން އޭނާ ކީރިތިކުރެއްވި ހާދިސާ، ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެއިން އެއް ޢިލްމުވެރިޔަކީ، އައްޝައިޚު މުޙައްމަދު އަޙްމަދުއްރާޝިދު އެވެ. އޭނާ ވިދާޅުވެފައި ވެއެވެ.

"1948 ވަނަ އަހަރު ފަލަސްޠީނުގެ ބިމުގައި އިސްރާއީލު އުފެއްދުމުން، ތިމަންގެ މަންމާފުޅުގެ އަރިއަހަށް ވަޑައިގެންނެވި ޔަހޫދީންގެ އަންހެން ބޭކަނބަލަކު ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. އެއީ ޢުމުރުން ދުވަސްވެފައިވާ ދޮށީޢުމުރުގެ ބޭކަނބަލެކެވެ. އެކަމަނާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ ބިމުގައި ޔަހޫދީން އެ އުފެއްދި ދައުލަތަކީ، 76 އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިއޮންނާނެ ދައުލަތެއް ނޫނެވެ."

އެކަމަނާ މިހެން ވިދާޅުވީ، އެކަމަނާގެ އަތްޕުޅުގައިވާ ތައުރާތުގެ ނިމުތުގެ މައްޗަށް ބިނާކުރައްވައިގެންނެވެ. އެހެނީ، އެ ނިމުތުގައިވަނީ، ފަލަސްޠީނުގައި ޔަހޫދީން ގަދަކަމުން އަނިޔާވެރި ދައުލަތެއް އުފައްދާނެ ކަމަށާއި، 76 އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ދައުލަތް ދެމިނޯންނާނެ ކަމަށާއި، އެއަށްފަހު ޔަހޫދީން ވަރަށް ބޮޑަށް ނިކަމެތިވެގެންދާނެ ކަމަށެވެ. ތައުރާތުގެ ނިމުތުގައިވާ މި ވާހަކަތަކަކީ ތެދެއް ކަމަށްވަނީނަމަ، 2024 ވަނަ އަހަރު، ޔަހޫދީންގެ ދައުލަތް ނިމުމަކަށް އަންނާނެއެވެ. ނުވަތަ އެ ދައުލަތް ވާނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

ޔަހޫދީ ދައުލަތް ނިމުމަކަށް އަންނާނެ އަހަރަކީ، 2022 ވަނަ އަހަރު ކަމުގައި ވިދާޅުވާ އެއް ޢިލްމުވެރިޔަކީ، ފަޟީލަތުއްޝައިޚު ބައްސާމު ޖައްރާރު އެވެ. އޭނާ މި ނަތީޖާ ހޯއްދަވާފައިވަނީ، ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ އިޢުޖާޒުންނެވެ. އޭނާ މިކަން ބަޔާންކުރައްވާފައިވަނީ، (زوال إسرائيل سنة 2022) "2022 ވަނަ އަހަރު އިސްރާއީލު ނެތިދިއުން" އެވެ، ކިޔާ ފޮތުގައެވެ. މި ފޮތް އޭނާ ލިޔުއްވާފައިވަނީ 1993 ވަނަ އަހަރުގައެވެ.

އިސްރާއީލުގެ ނަމުގައި އުފައްދާފައިވާ ޔަހޫދީންގެ ދައުލަތް ނެތިދާނެކަމަށާއި، 2027 ވަނަ އަހަރު، މި ވުޖޫދުގައި އެ ދައުލަތް ނޯންނާނެ ކަމަށް ވިދާޅުވި މުޢުތަބަރު އެއް ޢިލްމުވެރިޔަކީ، ފަޟީލަތުއްޝައިޚު އައްޝަހީދު އަޙްމަދު ޔާސީން (رحمه الله) އެވެ. ފާއިތުވެދިޔަ ވިހިވަނަ ޤަރުނުގެ ތެރޭގައި އޭނާ ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

"މާތް ﷲ ގެ ވާގިފުޅާއެކު، މިއަންނަ ޤަރުނުގެ (އެބަހީ: އެކާވީސް ވަނަ ޤަރުނުގެ) ފުރަތަމަ ހަތަރުބައިކުޅަ އެއްބައިގެ ތެރޭގައި އިސްރާއީލު ފަނާވެގެންދާނެ. އަހަރު ކަނޑައަޅައި އަޅުގަނޑު މި ދަންނަވަނީ: 2027 ވަނަ އަހަރު، އިސްރާއީލު މިވުޖޫދުގައި ނޯންނާނެ."

ނޫސްވެރިޔާ: "ތިޔަ އަހަރު ކަނޑައެޅިގެން ތިޔަ ވިދާޅުވަނީ ކީއްވެތޯ؟"

ޝައިޚު އަޙްމަދު ޔާސީން: "އެއީ އަޅުގަނޑު ކީރިތި ޤުރުއާނަށް އީމާންވާތީ. ކީރިތި ޤުރުއާނުން މިކަން އެނގޭތީ."

މި ބަޔާންކުރެވުނީ، އިސްރާއީލުގެ ނަމުގައި އުފައްދާފައިވާ ޔަހޫދީންގެ ދައުލަތުގެ ނިމުމާބެހޭ ގޮތުން ޢިލްމުވެރިން ދައްކަވާފައިވާ ބައެއް ވާހަކަތަކެވެ. މިއިން ޙާޞިލުވާ ނަތީޖާއަކީ:

2022 ވަނަ އަހަރު އިސްރާއީލުގެ ނިމުން ފެށޭނެއެވެ.

2024 ވަނަ އަހަރު އިސްރާއީލު ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެއެވެ.

އަދި 2027 ވަނަ އަހަރު އިސްރާއީލު، މި ވުޖޫދުގައި ނޯންނާނެއެވެ.

އިސްރާއީލުގެ ނަމުގައި، ފަލަސްޠީނުގެ ބިމުގައި އުފައްދާފައިވާ ޔަހޫދީ ދައުލަތް ދާދިއަވަހަށް ނެތިދިއުމަކީ، ޔަހޫދީންގެ މުޢުތަބަރު ޢިލްމުވެރިންނާއި މުސްލިމުންގެ މުޢުތަބަރު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ކަމެކެވެ.

ޢަބްދުލްމުޢީދު ޙަސަން
ޢަބްދުލްމުޢީދު ޙަސަން އަކީ، އަދަބިއްޔާތުގެ ރޮނގުން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ އަދީބެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. މުތަރުޖިމެކެވެ. މީގެ އިތުރަށް އޭނާއަކީ، ދީނީ ލިޔުންތަކާއި ތާރީޚީ ލިޔުންތައް ވެސް ލިޔުއްވަމުންގެންދަވާ ބޭފުޅެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.