
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށްހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުޙައްމަދު ޝުޢާއު ހޮވިވަޑައިގެންފިއެވެ. މި މަގާމަށް ތިން ބޭފުޅަކު ވާދަ ކުރެއްވިއެވެ.
ޝުޢާއު ހޮވިވަޑައިގަތީ 8 ވޯޓުންނެވެ. ދެވަނައަށް އެންމެ ގިނަ ވޯޑު ހޯއްދެވީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުޙައްމަދު ފައިޞަލެވެ. އޭނާއަށް ލިބިވަޑައިގަތީ 3 ވޯޓެވެ. ތިންވަނައަށް ވާދަ ކުރެއްވީ ޢަދާލާ ރަޝީދަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ. ބާތިލު އެއް ވޯޓު އޮތެވެ. އެ ވޯޓު ބާތިލު ވެފައި ވަނީ ފާހަގަ ޖަހަން އޮންނަ ގޮޅިން ބޭރުގައި ފާހަގަ ޖެހުމުގެ ސަބަބުންނެވެ.
އައްޑޫ ކައިންސިލްގެ މެންބަރުން ހޮވައި ކުރެއްވީ މިއަދު ހެނދުނު އައްޑޫ ހައި ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައެވެ. އާ ކައުންސިލުގައި ތިއްބަވަނީ 12 މެންބަރުންނެވެ. އެއީ އެމްޑީޕީގެ 6 މެންބަރުންނާއި ޕީޕީއެމްގެ 3 މެންބަރުންނާއި މިނިވަން 3 މެންބަރުންނެވެ.