
އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މާދަމާ ފަށާނެއެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ބޭރުމަތި ޓީމާއި، މުލިމަތި އެވެ.
މިމެޗު ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ. މެޗު ކުރިއަށްދާނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.
މި މުބާރާތަކީ އައްޑޫ ކުޅުންތެރިންނަށް ޚާއްސަކޮށްގެން، އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. އައްޑޫ ކުޅުންތެރިންގެ ގޮތުގައި ބަލާފައިވަނީ އައްޑޫ ރަސްޖީސްޓްރ އޮތުން، މަންމައާއި ބައްޕާ އައްޑޫ މީހުންނަށް ވުން، ނުވަތަ އެދެ މީހުންގެ ކުރެ އެކަކު އައްޑޫ މީހަކަށްވުން އަދި އައްޑޫ މީހަކާ އިނދެގެން އުޅޭ މީހުންނެވެ.
މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ. މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އޭ ގުރޫޕުގައި ހިމެނެނީ ބޭރުމަތި އެފްސީ، މުލިމަތި އަދި ގޯދިއްޔާއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޒެފިޔާ އާއި ފޭދޫ ސްޕޯޓްސްއާއި، ކްލަބު ރިވެރިންއެވެ.
މުބާރާތުގެ ސެމީއަށް ދާނީ ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލުގައި ކުޅޭނީ ސެމީން މޮޅުވާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 2020 ވަނަ އަހަރު ޖެނުއަރީ 11 ގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ ވިހި ހާސް ރުފިޔާއެވެ.