
ވިލިމާލޭގައި ދިހަ ބުރީގެ އިމާރާތް އެޅުން ހުއްދަ ކުރުމުގެ މަސައްކަތް އައު ސިޓީ ކައުންސިލުން ކުރާނޭ ކަމަށް މޭޔަރު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކައުންސިލުގެ މެންބަރުން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ނިންމުމަށް ފަހު ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި މުޢްިޒު ވަނީ މާލޭގެ ތަރައްގީގެ މައި މަޝްރޫއު އޮންނާނޭ ގޮތް ކައުންސިލަށް ހުށަހަޅުއްވައިފައެވެ. އެ މަޝްރޫއުގައިވާ ގޮތުގައި ވިލިމާލޭގައި ދިހަބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުން ވަނީ ހިމަނައިފައެވެ. މިހާރު ވިލިމާލޭގައި އެންމެ އުސްކޮށް ހެދެނީ ހަބުރީގެ އިމާރާތެވެ. އެޔަށްވުރެ އުސްކޮށް އިމާރާތް ކުރުމަކީ މަނާ ކަމެކެވެ.
މީގެ އިތުރަށް ވިލިމާލޭގައި މަސް މާރުކޭޓާއި ރާއްޖޭގެ އުފެއްދުންތައް ވިއްކާ މާރުކޭޓެއް ހަދާ ގޮތަށްވެސް މަޝްރޫއުގައި ވަނީ ހިމަނައިފައެވެ.