"އަދަދު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢަޒިމް ވިދާޅުވި ގޮތުގައި އޭނާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަހްމަދު އަދީބުގެ އަތްޕުޅުން ދަބަހެއްގައި ގެންދެވީ ފައިސާއެއް ނޫނެވެ. ކަރުދާހެއްވެސް ނޫނެވެ. އެއީ ދިޔާ އެއްޗެކެވެ. އެއީ އޭނާގެ އެކުވެރިއަކުގެ އެދުމަކަށް އުފުއްލަވައިދެއްވި އެއްޗެކެވެ. އެ އެކުވެރިޔާ މިހާރަކު ދުނިޔެއަކު ނެތެވެ. އެހެންވީމާ އެއީ ތެދުފުޅެއްތޯ ބެލޭނޭ ގޮތެއްވެސް ނެތެވެ.
އިދިކޮޅު ޕީޕީއެމުން މިހާރު ގޮވައިލައްވައިފައި ވަނީ އެ މައްސަލަ ތަހުގީގު ކުރާށެވެ. ތަހުގީގު ކުރީމާ ވާނީ ކިހިނެއްތޯއެވެ؟ ގިނަ މީހުން ޝައްކު ކުރަނީ ޢާޒިމް ވިދާޅުވި ދިޔާ އެއްޗަކީ ބަނގުރާ ކަމުގައެވެ. އަޅުގަނޑަށްވެސް އެ ބަސްދީގަތުން ބެލީމާ ދޭހަވީ އެ ގޮތަށެވެ. އެކަމަކު އަޅުގަނޑުމެން ހީކުރާ ގޮތަކީ ގާނޫނީ ބުރަދަނެއް ހުރި ވާހަކައަކަށް ވާނެތޯއެވެ؟ ދިޔާ ކޮންމެ އެއްޗަކީ ބަނގުރާއެއް ނޫނެވެ.
އެހެންވީމާ އޮތް ގޮތަކީ އެންމެ އެއް އަޑަކުން ބަނގުރާ އުފުއްލެވީއޭ ކިޔައި ހަޅޭއް ލެވުމެވެ. ދުވަސްކޮޅަކުން ހަޅޭއްލަވާ މީހުންގެ އަޑު ކުރެހި، ކެނޑި ނިމިދާނެއެވެ. ވާހަކަ ނިމުނީއެވެ.
މި ދެންނެވީ ތަންކޮޅެއް އާދައިގެ ވާހަކައެކެވެ. އެކަމަކު އެޔަށްވުރެ އާދަޔާ ޚިލާފު ކަމެއްވެސް ފައިބެ ހަފުތާގެ ތެރޭގައި ހިނގައިފިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގެ ވާހަކައެވެ. މި ލިސްޓު ފުރަތަމަ ހެދި ކަމަށް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. ފަހުން ފުރިހަމަ ކުރީ އެސެޓްސް ރިކަވަރީ ކޮމިޝަނުންނެވެ. ލިސްޓު އޮތީ އެ ކޮމިޝަނުގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނެކެވެ. މަސައްކަތަށް ވެފައި އޮތީ ވަކި ތާރީޚެއްގެ ފަހުން ދައުލަތުގެ ތެރޭގައި ހިނގައިފައިވާ ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެ މައްސަލަތަކުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމެވެ.
މި ކޮމިޝަނުގެ މަސައްކަތް "ލަސްކަމުން ނުވަތަ އަމުދުންވެސް ނުކުރެވޭތީ" ރައްޔިތުންގެ މަޖިލީހުން މި މަސައްކަތުގެ ތެރެއަށް ވަންނާން ޖެހިއްޖެއެވެ. މަޖިލީހުގެ ކޮމިޓީއަކަށް މަތީގައި ދެންނެވިފައިވާ ލިސްޓު ބޭނުން ވެއްޖެއެވެ. މަޖިލީހުން އެންގި އެންގުމަކަށް އެ ލިސްޓު މަޖިލީހަށް ފޮނުވައިފިއެވެ. ފޮނުވީ ޝަރުތަކާ އެކީގައެވެ. އެއީ އެ ލިސްޓު ސިއްރެއްގެ ގޮތުގައި ބޭއްވުމެވެ. މަޖިލީހުންވެސް ބުނީ ސިއްރެއްގެ ގޮތުގައި ބާއްވާނޭ ކަމުގައެވެ. ސިއްރު ކުރަން ވެގެން އެޅި ވަރުގަދަ ފިޔަވަޅު ނިކަން ބައްލަވާށެވެ. އެ ލިސްޓުގެ ކޮޕީއެއް ހެދުންވެސް އޮތީ މަނާކޮށްފައެވެ. ކޮމިޓީގެ މެންބަރަކަށްވެސް ލިސްޓުގެ ކޮޕީއެއް ނުދެއެވެ. ލިސްޓު އެ އޮންނަ ތަނެއްގައި އޮންނަނީއެވެ. މެންބަރުން ބައްލަވަން ބޭނުންފުޅުވީމާ އެ އޮތް ތަނަކަށް ވަޑައިގެން ބައްލަވަންވީއެވެ.
ދެން ފެށުނީ އެހެން ކަމެކެވެ. މި ލިސްޓު ރައްޔިތުންގެ މަޖިލީހަށް އަތުވެއްޖެކަން "ރައްޔިތުންނަށް" އެނގިއްޖެއެވެ. އެނގުނީ ކިހިނެއްތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގެ ހެޔޮފުޅުކަމާއި ނަޒާހަތްތެރިކަމުގެ ބޮޑުކަމުންނާއި އެ ބޭފުޅުންގެ ދެފުށްފެންނަ ސިޔާސަތުގެ ހަރުދަނާ ކަމުންނެވެ. އެހެން ނޫންނަމަ ކުރަމުންދާ ތަހުގީގެއްގެ ސިއްރު ލިޔުންތައް ހުރި ތަނަކާއި ބޭނުންކުރާ ގޮތް އާއްމުކޮށް އެނގެންޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟
ރައްޔިތުންނަށް އެނގުނީމާ ވާނީ ކިހިނެއްތޯއެވެ؟ ގައުމީ ސަލާމަތަށް ނުރައްކާތެރިނުވާ ކޮންމެ އެއްޗެއް ރައްޔިތުންނަށް ފެންނާން ޖެހެއެވެ. އެހެންވީމާ ބެރުދުންމާރި ތާޅަފިލީގެ އަޑު ގަދަ ވެއްޖެއެވެ. ދައްކާށޭ ހަމަ މިހާރު ދައްކާށޭ ގޮވަން ފަށައިފިއެވެ. މަޖިލީހުން ބުނަނީ ނުދައްކާނަމޭއެވެ.
ދެން ފެނުނީ އެހެން މަންޒަރެކެވެ. މަޖިލީހުގައި އޮތް ލިސްޓަށްވުރެ "މާ ފުރިހަމަ މާ ދިގު" ލިސްޓެއް ނުކުމެއްޖެއެވެ. ނޫސްތަކުގައި ބައިބަޔަށް އެ ލިސްޓުގެ ނަންތަކާއި އެޑުރެހާއި ފައިސާ ލިބިފައިވާ އަދަދަށް ދާންދެން ލިޔަން ފަށައިފިއެވެ.
މަޖިލީހުގެ ކޮމިޓީއަކަށް ވައުދު ވީ ގޮތަށް ސިއްރު ހިފަހައްޓައިގެން ތިބެވޭ ގޮތެއް ނުވިއެވެ. ކޮމިޓީން ނިންމީ އެންމެ ފަހުން އަވަހަށް ލިސްޓު އާއްމު ކުރާށެވެ. ކުޑަ ރިޕޯޓަކާއެކު ލިސްޓު ނެރެފިއެވެ. ކަންތައް ދިމާވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވިދާޅުވެފައި ވަނީ އެފަދަ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ލިބިއްޖެއްޔާ ސިއްރު ނުހިފެހެއްޓޭނޭ ކަމުގައެވެ. އޭނާ އެއްވެސް ކޮމެޓީއަކަށް އިތުބާރު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ކަންތައް ވެގެން ދިޔައީވެސް އެހެންނެވެ.
ލިސްޓު އާއްމު ކުރުމާއެކު ދެން ދިމާވީ ކިހިނެއްތޯއެވެ؟ ފާހަގަ ކުރެވުނު ގޮތުގައި މަޖިލީހުން ނެރުނު ލިސްޓާއި ކުރިން ނޫސްވެރިންގެ އަތްމައްޗަށް އެރި ލިސްޓާ ތަފާތެވެ. އެ ލިސްޓުގައި ހުރި ބައެއް ނަންތައް މި ލިސްޓަކު ނެތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފުގެ ނަންފުޅާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ ފިރިކަލުންގެ ނަންފުޅު ހިމެނެއެވެ. އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދެން ޝައްކު ކުރަން ފެށްޓީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހުން ލިސްޓަށް އުނިއިތުރު ގެނައީ ކަމަށް ކިޔާން ފަށައިފިއެވެ. މި ވާހަކައަށް ބާރު ލިބޭ ކަހަލަ ވާހަކަފުޅު މަޖިލީހުގެ މެންބަރުންވެސް ދައްކަވާން ފައްޓަވައިފިއެވެ. އަދީބުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިނަށް ފައިސާ ލިބިވަޑައިގަތީމާ އޭނާގެ ނަންފުޅު ލިސްޓުގައި އޮވެފައި އާދިބުގެ ޚިޔާނާތުގެ މައްސަލަ ބޭޒާރުވީ ފަހުން ވަކީލުކަން ކުރެއްވި މިހާރުގެ ޕީޖީ ޝަމީމާއި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުގެ ނަންފުޅު ނެތީ ކީއްވެގެން ހެއްޔޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްވެސް ސުވާލު އުފެއްދެވިއެވެ.
ދެ ލިސްޓު ތަފާތުވީމާ ރައްޔިތުންގެ މަޖިލީހުން ނެރުނު ލިސްޓުގެ ސައްހަކަން ކަށަވަރު ކުރަން ޖެހިއްޖެއެވެ. ދެން ފެނުނީ އެސެޓްސް ރިކަވަރީ ކޮމިޝަނުގެ ރައީސް އަސްއަދުގެ ބަސްދީގަތުމެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ނެރެފައި އޮތީ އެ ކޮމިޝަނުން ފޮނުވި ލިސްޓު އޮތް ގޮތަށެވެ. އެޔަކަށް ބަދަލެއް ގެނެސްފައެއް ނެތެވެ.
އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން އަޑު އިއްވައިފިއެވެ. އެންގީ ކީކޭ ކަމަށްތޯއެވެ؟ ރައްޔިތުންގެ މަޖިލީހުން ނެރުނީ ސައްހަ ލިސްޓެކެވެ. އެކަން ޔަގީންވާ ގޮތް ހެދުމުގެ ގޮތުން އެ ލިސްޓު އޮތީ އެސެޓްސް ރިކަވަރީ ކޮމިޝަނުން ފޮނުވި ގޮތަށް ފޮޓޯ ނަގައި އާއްމު ކޮށްފައެވެ. މަޖިލީހުން އެންގި ގޮތުގައި ކުރިން ނުކުތީ ނުވަތަ ބަޔަކު ނެރުނީ "ފޭކް" ލިސްޓެކެވެ. ބަޔަކު ހަދައިގެން ގެންގުޅޭ ވަގު ލިސްޓެކެވެ.
ހުރިހައި ވާހަކައެއް ނިމުނީއެވެ. ސިއްކަ ޖެހުނީއެވެ.
އަޅުގަނޑުމެން މި އުޅެނީ ކޮން ކަހަލަ ގައުމެއްގައިތޯއެވެ؟ ވަގުންގެ ލިސްޓެކޭ ކިޔައިގެން ތަހުގީގުގެ ބަޔާންތަކުގެ ތަންތަންކޮޅާއި ފޮޓޯއާއި ފައިސާގެ އަދަދުތައް ހިމަނައިގެން ހަތަރު ސަތޭކައެއްހައި މީހުންގެ ވަރުގަދަ ލިސްޓެއް ހެދުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. އެވަރުގެ ލިސްޓެއް ވަގަށް ހަދައިގެން ނެރެ އެކި މީސްމީހުންގެ އަބުރު ކަތިލީމާ "އެއީ ފޭކް ލިސްޓެކޭ" އަޅުގަނޑުމެންގެ އެންމެ މަތީ ބާރުން، ރައްޔިތުންގެ މަޖިލީހުން ބުނެލީމާ ހުރިހައި ކަމެއް ނިމުނީތޯއެވެ؟
އެ ބޮޑު ޖަރީމާ ހިންގި މީހާ ނުވަތަ ބަޔަކު ހޯދުމަކީ ކުރަން ޖެހޭ ކަމެއް ނޫންތޯއެވެ؟ ފޭކް ލިސްޓު ހެދިމީހާ ހޯދައި އޮތް ތަނަކުން ނެރެ ހައްޔަރު ކުރުމަކީ ކުރަން ޖެހޭ ކަމެއް ނޫންތޯއެވެ؟ ބަޔަކު ކުށެއް ކުރީމާ އެއީ ކުށެކޭ ބުނެލާފައި ދެން އުނދޯލި ހެއްލާން ތިބީމާ ފުދޭ ކަހަލަ ގައުމަކަށް އަޅުގަނޑުމެންގެ ގައުމު ބަދަލު ވެގެން ދިޔައީތާއެވެ.
އެކަކު ރާ އުފުލި ވާހަކަ ބުނަނީއެވެ. އަނެކަކު ވަގު ލިސްޓު ހަދައިގެން އާއްމު ރައްޔިތުންނާއި ވެރިން ބަދުނާމު ކުރަނީއެވެ. އަނެއް ބަޔަކު އަޅުގަނޑުމެންގެ ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލާން ބަޔަކު ދިން ވިޔާނުދާ މުޑުދާރު ނުރައްކާތެރި ހަމަލާ ޖޯކަކަށް ހަދަނީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ނަޝީދެއް ނޫނެވެ. އެއީ މަގާމެކެވެ. އެ މަގާމުގައި ގޯނިބޭ ކުޑައަލީ ހުއްޓަސް ރައްކާތެރި ކުރެވެން ވާނެއެވެ. ސަރުކާރުވެސް ވަކި ސަހަލެއް ނޫނެވެ. ފިޔަވަޅު އަޅާނަމޭ، ދުލެއް ނުކުރާނަމޭ އާނދޮގޭއޭ ބުނެފައި ދެން އެވާ ގޮތް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެއެވެ.
އާއްމުންގެ ކުރިމަތީގައި ކުށަށް އެއްބަސްވުމާއި ކުށް ކުރުމާއި ކުށަށް ތައުރީފު ކުރުން އާއްމު ވެގެންދާއިރުވެސް އެއީ ޑިމޮކްރަސީ ކަމުގައި ހަދައިގެން ތިބީމާ ނިމުނީތޯއެވެ؟ އެފަދަ ކަންތައްތައް މީސްމީހުން ކުރާ ވާހަކަ ނޫސްވެރިން ލިޔަން ފެށީމާ ނޫސްވެރިން ކުރާ ވިޔާނުދާ ކަމަކަށް ހަދާފައި އެކަން ހަގީގަތުގައި ކުރި މީހާ އަނެއްކާވެސް އެކަމުގައި ދެމި ހުންނާން ދޫކޮށްލީމާ މި ދެވެނީ ކޮން ދިމާއަކަށްތޯއެވެ؟
ދިވެހިރާއްޖޭގައި ގާނޫނުގެ ބާރު ދަމަހައްޓާ އިދާރާތަކަށް އަޅުގަނޑު ދަންނަވާން އޮތީ އެންމެ ވާހަކައެވެ. ހެޔޮ ނުވާނެއެވެ. ކުށްކުރާ މީހާ ހިފައި ހައްޔަރުކޮށްފައި ކުށް ނުކުރާ މައުސޫމު މީހުން ސަލާމަތް ކުރާން މަސައްކަތް ކޮށްދެއްވާށެވެ. އަޅުގަނޑުގެ ވާހަކަވެސް ނިމުނީއެވެ.