ކޮވިޑް-19 : މިރޭގެ ޕޮޒިޓިވް ޢަދަދަކީ 1،216 ނުރައްކާ ބޮޑީ މާލެ ސަރަޙައްދުގައި

ރާއްޖެއިން އިތުރު 1،216 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ އެކި ދުވަސްތަކުގެ މަތިން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ކަމަށާ، މީގެ ތެރެއިން އިއްޔެތެ 18:00އިން މިއަދުގެ 18:00އަށް އަލަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 836 ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.

ރާއްޖެއިން އިތުރަށް ޕޮޒިޓިވި 1،216 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1,013 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 201 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 41،308 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 13،784  މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 259 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 305 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 27،428 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި 4،500  ސާމްޕަލެއް ވަނީ ނަގާފައެވެ.

މިހާތަނަށް މިބަލީގައި ރާއްޖެއިން 87 މީހުންވަނީ ނިޔާވެފައެވެ. އެއީ 74 ދިވެހިންނާއި 13 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.