
ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ގޮއްވާލި އައިއީޑީ ގޮއްވި މީހާގެ ވަނަވަރު ފުލުހުން ހާމަކުރައްވައިފިއެވެ.
އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު (25އ)އެވެ. އޭނާ ހައްޔަރުކުރީ ރޭ މެންދަމުން ފެށިގެން ހެނދުނާ ހަމައަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ އޭނާ އަތުލައިގަތީ ޢާއްމު ފަރާތަކުން ދިން މަޢުލޫމާތެއްގެ އެހީގައި ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓުންކަމަށެވެ. އައިއީޑީ ގޮއްވާލުމަށްފަހު ފިލައިގެން ގޮސް އޭނާވަނީ ސިފަ އޮޅުވާލުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ބޮލާއި ތުނބުޅި ތުނުކޮށް ކޮށާފައިވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ އޭނާ ރިމޯޓަކުން އައިއީޑީ ގޮއްވާލި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ޢާއްމުކޮށްފައެވެ.
2021 މެއި 06 ވަނަ ދުވަހުގެ ރޭ، މާލެ، ނީލޯފަރު ހިނގުމުގައި އައިއީޑީއެއް ގޮއްވާލި މީހާ ކަމަށް ތަހުމަތުކުރެވޭ އަދުހަމް އަޙްމަދު ރަޝީދު، އައިއީޑީ ގޮއްވާލުމުގެ ކުރިން ހަރަކާތްތެރި ވެފައިވާ ގޮތުގެ ވީޑިއޯ#May06TerrorAttack pic.twitter.com/MEqpsuS7t2
— Maldives Police (@PoliceMv) May 9, 2021
އައިއީޑީ ގޮއްވާލުމަށްފަހު ދުވެފައި މާލޭގެ އެކިތަންތަނުގައި އޭނާ ޙަރަކާތްތެރިވެފައިވެއެވެ. އަދި މިޢަމަލު ހިންގުމުގައި އޭނާއާ ބައިވެރިވި ބައެއް މީހުންނާ ބައްދަލުކޮށްފައިވެއެވެ. އޭނާ މާލޭގައި އުޅުނުގޮތް ދައްކުވައިދޭ ޗާޓެއްވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ.
2021 މެއި 06 ވަނަ ދުވަހުގެ ރޭ، މާލެ، ނީލޯފަރު ހިނގުމުގައި ދިން ޓެރަރިސްޓް ހަމަލައިގައި އައިއީޑީ ގޮއްވާލި މީހާ ކަމަށް ތަހުމަތުކުރެވޭ އަދުހަމް އަޙްމަދު ރަޝީދު، އައިއީޑީ ގޮއްވާލުމަށްފަހު މުޖާޒް އަޙްމަދާއެކު މާލެ ތެރޭގައި އުޅެފައިވާ ގޮތް ދައްކުވައިދޭ ވީޑިއޯ#May06TerrorAttack pic.twitter.com/Xx7fIU6IME
— Maldives Police (@PoliceMv) May 9, 2021
ރައީސް ނަޝީދަށް ޙަމަލާދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އިތުރު ދެމީހަކުވެސް ފުލުހުން ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މިތިން މީހުންގެ ބަންދަށްވެސް ކްރިމިނަލްކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.