ރައީސް ނަޝީދަށް ޙަމަލާދިން ސަރަޙައްދުން ޝައްކު ކުރެވޭ 4 މީހަކު ވަނީ ފާހަގަކުރެވިފައި - ފުލުހުން

ރޭ ރައީސް ނަޝީދަށް ޙަމަލާދިން ސަރަޙައްދުން ޝައްކުކުރެވޭ 4 މީހެއް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. އެހެންނަމަވެސް އެއީ ކޮންބައެއްކަން އަދި އެމީހުންނާމެދު ޝައްކުކުރެވިގެން އުޅެނީ ކޮން ސަބަބުތަކާހެދިކަން މިވަގުތު ހާމަ ނުކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިހަމަލާއާ ގުޅިގެން ފުލުހުން ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ޝައްކުކުރެވޭކަމަށް ފާހަގަކުރެވިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ރޭގެ ޙަމަލާއާ ގުޅިގެން މިހާތަނަށް ހޯދުނު ކަންކަމަށް ބަލާއިރު، މިއީ ސީދާ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދުރާލައި ރޭވިގެން ދީފައިވާ ޓެރަރިސްޓު ޙަމަލާއެއްކަމަށް ބެލެވޭކަމަށާ، މިކަމުގެ ފުރިހަމަ ތަޙްޤީޤެއް މިހާރު ފަށާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިޙާދިސާގެ ތަޙްޤީޤަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާތީ، އެމަސައްކަތްވެސް ކުރިއަށްދަކަން ސީޕީ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ބޭރުގެ އެކި ޤައުމުތަކުން މި ތަޙުގީގަށް އެހިމިންވަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަށަހަޅަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.

މިޙާދިސާގެ ތަޙްޤީޤު ކުރިއަށްގެންދާ ދިވެހި ފުލުހުންގެ ޓީމާ ގުޅި އެހީތެރިވުމަށް މާދަމާގެ ވަގުތެއްގައި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ޓީމަކާއި ތަޖުރިބާކާރު 2 ބޭފުޅަކު ވަޑައިގަންނަވާނެކަން ސީފީ ހާމަކުރެއްވިއެވެ.

މިހާތަނަށް މިޙާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. އަދި ސީޕީ ޙަމީދު ވަނީ ޢާއްމުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ހަމަލާ ދިންވަގުތު އެސަރަޙާއްދުގައި ހުރި މީހަކު ނުވަތަ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ އެކަން ވީހާވެސް އަވަހަކަށް ފުލުހުންނަށް އެންގުމަށާއި، ޝައްކުކުރެވޭ ކަމެއް ފާހަގަވެފައިވާނަމަ އެކަމެއްވެސް ފުލުހުންނާއި ހިއްސާ ކުރުމަށްވަނީ އެދިވަޑައިގެންފައެވެ.  އެފަދަ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 9704000އަށް ގުޅައި އެވާހަ ހިއްސާކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.