
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ބަޔަކު ދިނީ ޓެރަރިސްޓް ހަމަލާއެއްކަމަށް ކަނޑައަޅައި، އެމަނިކުފާނުގެ ޙާލުކޮޅު ހުރިގޮތުގެ ފަހުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހަށް ލިބެންދެން ދެމިގެންދާ ޖަލްސާއެއް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން މިރޭ ބޭއްވި ކުއްލި ޖަލްސާގެ ރިޔާސަރު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެވެ. ޖަލްސާ ފަށްޓަވަމުން އީވާ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވަނީ ޓެރަރިސްޓް ހަމަލާއެއްކަމަށާ، އެއީ ފިނޑި އަމަލެއްކަމަށެވެ. އެޢަމަލު މުޅި މަޖިލީހުގެ ނަމުގައި ކުށްވެރިކުރާކަމަށްވެސް އީވާ ވިދާޅުވިއެވެ.
އިވާ ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅުގެ ފަހުގެ ފުރިހަމަ މައުލޫމާތު ލިބެންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާނުލާ ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ. އަދި މިވަގުތު މެދުކަނޑާލިޔަސް ޖަލްސާ އަލުން ފަށަންޖެހިއްޖެ ކޮންމެ ވަގުތަކު ފެށޭގޮތަށް ތިއްބެވުމަށް އީވާ ވަނީ މަޖިލީހުގެ މެމްބަރުންނަށް އަންގަވާފައެވެ.
މިރޭ އިރާކޮޅު ކެނެރީގެ ހުންނަ ގ.ނީލޯފަރު ހިނގުމާ މަޖީދީމަގު ގުޅުނު ކަންމަތީގައި ސައިކަލެއްގައި އެއްޗެއް ގޮއްވާލައި ދިން ޙަމަލާގައި ރައީސް ނަޝީދު ވަނީ ޒަޚަމްވެފައެވެ. މިވަގުތު އެމަނިކުފާނު ވަނީ އެޑީކޭ ހޮސްޕިޓަލުގައެވެ.