ކެނެރީގެ ކައިރި އެއްޗެއް ގޮއްވާލައި، ރައީސް ނަޝީދު ޒަޚަމްކޮށްލައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނު ޒަޚަމްވެއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމެ ވަޑައިގެން ކޮންމެވެސް ތަނަކަށް ވަޑައިގަތުމަށްޓަކައި އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށެވެ. އެއްޗެއް ގޮއްވާލާފައިވަނީ ކެނެރީގެ ހުންނަ ގޯޅިއާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. ބެލެވޭގޮތުގައި ގޮއްވާލީ އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އެއްޗެކެވެ.

މިޙާދިސާގައި ރައީސް ނަޝީދުވަނީ ކޮންމެވެސްވަރަކަށް ޒަޚަމްވެފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ އެމަނިކުފާނަށް ފަރުވާދެމުންނެވެ. އެމަނިކުފާނުގެ އިތުރުން އެވަގުތު ކައިރީގައި ތިއްބެވި ބޮޑީގާޑުންނާއި ބައެއް ޢާއްމުންނަށްވެސް އެކިވަރުގެ ހާނީއްކަވެފައިވެއެވެ. މިދިސާ ހިނގުމާއެކު ފުލުހުންނާއި ސިފައިން ވަނީ އެސަރަޙައްދު ކޮންޓްރޯލްކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އަދި ވަގުތުން މިކަން ތަހްޤީޤުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. މަންޒަރު ފެންނަގޮތުގައި މުޅި ހިސާބު ބަންދުކޯށްގެން ފޮރެންސިކް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދެއެވެ.

މިޙާދިސާއާގުޅިގެން ރައީސް ނަޝީދު ޒަޚަމްވެ އެޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ އެމަނިކުފާނުގެ ޙާލު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްވަނީ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.

 

މީގެއިތުރުން ގިނަ ޢަދަދެއްކެ ޢާއްމުރައްޔިތުންނައި އެމްޑީޕީގެ އިސްވެރިންވަނީ އޭޑީކޭ ހޮސްޕިޓަލްކައިރިއަށް އެއްވެފައެވެ. އަދި ރާއްޖޭގެ ސިޔާސީ ލިދަރުންނާއި އިދިކޮޅު ޕާޓީތަކުންވެސްވަނީ މިޙަމަލާ ކުށްވެރިކޮށް މިކަމުގެ އަވަސް ތަހްޤިޤެއް ހިންގުމަށް ގޮވާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.