ކޮވިޑް-19 : އަނެއްކާވެސް އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި

މާލެ ފަޅުތެރެ: ފޮޓޯ ސޯޝަލް މީޑިއާ

ރާއްޖވެކްސިން ދެޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދިން ލުއިތައް މެދުކަނޑާލުމާއެކު ކޯވިޑް ބަލިން ރައްކާތެރިވުމަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ކަނޑައަޅާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން15 ވަނަ ދުވަހާއި ހަމައަށް އެޅި ފިޔަވަޅުތަކެއްކަމށާއި، އިތުރަށް ރަނގަޅު ނުވާނަމަ އެ މުއްދަތު އިތުރުކުރާނެކަމަށް އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޙައްމަދު މަބްރޫކް ޢަޒިޒް ވިދާޅުވިއެވެ.

މިގޮތުން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުކުރުން ހިމެނެއެވެ. ނަމަވެސް އިމްތިހާންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މަބްރޫކް ވިދާޅުވީ، ސަރުކާރު އޮފީސްތައް ނުހުޅުވައި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ދިނުން ހިމެނެއެވެ. މީގެ އިތުރުންވެސް ބައެއް ފިޔަވަޅުތައް އަޅުއްވަން ނިންމަވައި އެކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް

1- ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން

2- ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން ކުރެވެންހުރި މަސައްކަތްތައް ކުރުން

3- ޕާކުތަކާއި މައިދާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކްތަކާއި ސްވިމިންގ ޓްރެކްތައް ބަންދުކުރުން

4- ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުން

5- މިސްކިތްތަކުގައި ނަމާދު ކުރާއިރު  މާސްކު އެޅައިގެން ގައިދުރުކޮށް ތިބުން

6- ރޭގަނޑު 12އިން  ފަތިހު 4އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުން

7- ޒަރޫރީ ބޭނުމަކު ނޫނީ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން

8- އިންޑިއާއިން ރާއްޖެއަށް އަންނަ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވުން

މިފިޔަވަޅުތައް އެޅިއިރު، ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ ރާއްޖެއިން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ 500 އިން މައްޗަށް އަރާފައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ނުރައްކާތެރިކަންވަނީ ވަރަށް ބޮޑުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.