ކޮވިޑް-19 : ޕޮޒިޓިވް ޢަދަދު 500އިން މައްޗަށް، ޖުމުލަ ޢަދަދު 30،000އިން މައްޗަށް

ރާއްޖެއިން އިތުރު 508 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ ރާއްޖެއިން އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ 2 ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކުހެން ރެކޯޑް މިންވަރަކަށް މީހުން ޕޮޒިޓިވްވެއެވެ. އެއިން ކޮންމެ ޢަދަދަކީވެސް އެހާތަނަށް އެއްދުވަހެއްގެ ތެރޭގައި ޕޮޒިޓިވްވި އެންމެ ގިނަ މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު  އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 508 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 276 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 185 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 3 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 32 މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 30،745 އަށް އަރާފައެވެ. މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 5،594 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 172 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 134 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 25،068 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،523 ސާމްޕަލެއް ވަނީ ނަގާފައެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 74 އަށް އަރާފައެވެ. އެއީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.