
އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޟަރޫރީ ބޭނުމަކު ނޫންގޮތަކަށް ދަތުރުކުރުން ހުއްޓަލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގަވައިފިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހަލުވިވެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާ މިދަނޑިވަޅުގައި އެޗްޕީއޭއިން މި ފިޔަވަޅު އެޅީ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް އެފަރާތުން ވިދާޅުވެއެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށް އަންގަވާފައިވަނީ ޢާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުުރު ނެރުއްވި ބަޔާނެއްގައެވެ.
އެބަޔާނުގައި ވަނީ މިފިޔަވަޅު އަޅާފައިވަނީ މިމަހުގެ 4 ވާ އަންގާރަ ދުވަހުންފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ. މީގެތެރޭގައި މާލެއާއި، ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި ނުހިމެނޭކަމަށްވެސް އެބަޔާނުގައި ވެއެވެ.
މި ފިޔަވަޅުތައް ތަންފީޛު ކުރުމަށް ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން އަޅާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.