
ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިން ޖޫންމަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަހަރުގެ ޖެނުއަރީމަހު ސަރުކާރުންވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިން ގަންނަން ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި އޭގެފަހުންވަނީ އެކަމުގެ އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައެވެ. ސަރުކާއުން ނިންމަވާފައިވަނީ އެސްޓްރާޒެނެކާގެ 7 ލައްކަ ޑޯޒް ވެކްސިން ގަތުމަށެވެ. އެހެންނަމަވެސް ޖޫންމަހު ލިބެނީ މީގެތެރެއިން ކިހާ ޢަދަދެއްގެ ވެކްސިން ޑޯޒްކަމެއް ހެލްތު މިނިސްޓަރ ވިދާޅެއް ނުވެއެވެ.
އެސްޓްރަޒެނަކާގެ އިތުރުން އިތުރު ވެކްސިންތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރައްވާކަމަށާ، އަނެއްކާވެސް އިންޑިއާއިން ވެކްސިން ލިބޭތޯ މަސައްކަތްކުރައްްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއާރީ މަހުގައެވެ.
ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ދެ ލައްކަ އަށާވީސް ހާހަށްވުރެ ގިނަ މީހުންނާއި ދެވަނަ ޑޯޒް ޖެހި ނުވަދިހަ ތިން ހާހަށްވުރެ ގިނަ މީހުން މީގެތެރޭގައި ހިމެނެއެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒް ފަސްދޮޅަސް ހަހާށް ވުރެ ގިނަ މީހުން ޖެހިއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ ހަތްހާހަށް ވުރެ ގިނަ މީހުންނެވެ.