
މިއަދަކީ (1 މޭ އަކީ) ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހެވެ. އަދި މިއަދަކީ ކޮވިޑް-19 ގެ ހާލަތުގައި ދުނިޔޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރި ދެވަނަ އަހަރެވެ. ވަބާ މުޅި ދުނިޔެއަށް އަާއްމުވެ އިގްތިސާދީ ހާލަތު ދަށަށް ދިޔަ އިރު އޭގެ ގެއްލުން އެންމެ ބޮޑަށް ވި ބަޔަކީ މަސައްކަތްތެރިންނެެވެ. އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރާ މީހުންނެވެ.
އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 2020 ވަނަ އަހަރު (ދުނިޔޭގައި ކޮވިޑް-19 ފެތުރުނު އަަަހަރު) ދުނިޔޭގައި މަސައްކަތު ގަޑީގެ %8.8 ވަނީ ގެއްލިފައެވެ. މާނައަކީ ފުލްޓައިމް 225 މިލިއަން ވަޒީފާ ގެއްލުމެވެ. މިއީ ދުނިޔެ އެންމެ ފަހުން ކުރިމަތިލީ އިގުތިސާދި ކާރިސާ، 2009 ވަނަ އަހަރުގެ އިގްތިސާދީ ކާރިސާ، ގައި ގެއްލުނު ވަޒީފާތަކަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.
ވަޒީފާ ގެއްލުނު ފަރާތްތަކުގެ އިތުރަށް، ވަޒީފާ އަދާކުރަން ޖެހޭ ގަޑިތައް މަދުކުރުމާއި، ގޭގައި ތިބެގެން ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާގެ ވަގުތު މަދުކުރުމުގެ ސަބަބުން ގެއްލުންވި ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
އައިއެލްއޯއިން އިތުރަށް ހާމަކުރި ގޮތުގައި ވަޒީފާގެ ބާޒާރަށް އައި ބޮޑު ލޮޅުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި މަސައްކަތްތެރިންނަށް ލިބުނު އާމްދަނީ ވަނީ ބޮޑުތަން ދަށަށް ގޮސްފައެވެ. މިގޮތުން ދުނިޔޭގެ މަސައްކަތްތެރިންގެ އާމްދަނީ ވަނީ %8.3 ދަށަށް ގޮސްފައެވެ. އެއީ 3.7 ޓްރިލިއަން ޑޮލަރެވެ. ނުވަަތަ ދުނިޔޭގެ ޖީޑީޕީ (ގްރޮސް ޑޮމެސްޓިމް ޕްރޮޑަކްޓް) ގެ %4.4 އެވެ،
މިހިނގާ 2021 ވަނަ އަހަރުވެސް ދުނިޔޭގެ މަސައްކަތްތެރިންގެ ހާލަތު ވަކި ރަނގަޅުވާނެ ކަމަކަށް އައިއެލްއޯއިން ލަފާނުކުރެއެވެ. އެއީ، ގިނަ ގައުމުތައް ލޮކްޑައުންގެ ހާލަތެއްގައި، ނުވަތަ ކޮންމެވެސް ވަރެއްގެ ލޮކްޑައުނެއްގައި އޮތީމައެވެ. އަދި ބަލީ އާ ރާޅުތަކެއް އެރުމުގެ ބިރު އޮތީމައެވެ.
ކޮވިޑް-198 ގެ ސަަބަބުން މަސަައްކަތްތެރިންނަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާކޮށްފައި ހުރި ފައިސާކޮޅުވެސް މަދުވެގެން ދިއުމެެެވެ. އެެމެރިކާގެ ޕިއު ސްޓެޓިސްޓިކްސް ސެންޓަރުން ހާމަކުރާ ގޮތުގައި ވަޒީފާގައި ތިބި ކޮންމެ 4 މީހެއްގެ ތެރެއިން އެކަކަށް އަސާސީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ދަތިތައް ކުރިމަތިވެ، ރައްކާކޮށްފައި ހުރި ފައިސާ ވަނީ ބޭނުންކުރަން ޖެހިފައެވެ. އަދި ކޮންމެ 6 މީހެއްގެ ތެރެެއިން އެކަކަށް ވަނީ އާއިލާގެ މީހެއްގެ އަތުން ނުވަތަ ރައްޓެއްސެއްގެ އަތުން ދަރަންޏަށް ނަަގަން މަޖުބޫރުވެފައެވެ.
ދުނިޔޭގެ އިގުތިސާދީ ހާލަތު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިހާލަތުން ދުނިޔެ އަރައިގަތުމަށް ތިން އަހަރު ބޭނުންވާނެއެވެ. އެެހެންކަމުން އިގުތިސާދު ހަމަމަަގަށް އެޅެން ފަށާނީ 2024 ވަނަ އަހަރުއެވެ.